ރާއްޖެ އިޝްތިހާރު ކުރުމަށް މިފަހަރު ގެނައީ ޖަރުމަނު ނޫސްވެރިން

ރާއްޖެ އިސްތިހާރުކުރުމަށް މިފަހަރު އައި ޖަރުމަނުގެ މީޑިއާ ޓީމް ---- ފޮޓޯ: ވިޒިޓް މޯލްޑިވްސް

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށްޓަކައި ޖަރުމަނުވިލާތުގެ ތަޖުރިބާކާރު ނޫސްވެރިންގެ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.

މިއީ އެމްއެމްޕީއާރުސީން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށްޓަކައި ކުރިއަށްގެންދާ ފެމިލިއަރައިޒޭޝަން ދަތުރުތަކުގެ ތެރެއިން ދަތުރެކެވެ.

އެ ޓީމް ރާއްޖެ އައިސްފައިވަނީ އިއްޔެއެވެ. ފަސް ދުވަހުގެ ދަތުރު ނިންމާލުމަށްފަހު, ޖަރުމަނުވިލާތުގެ އެންމެ މަގުބޫލު މަޖައްލާތަކުގެ ނޫސްވެރިން ހިމެނޭ ޓީމް ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުއެވެ.

މިފަހަރު ރާއްޖެ އައި ޓީމު ތިބުމަށް ހަމަޖެހިފައިވަނީ ސާއި ލެގޫން މޯލްޑިވްސް އަދި ކޮންރެޑު މޯލްޑިވްސް ރަންގަލި އައިލެންޑް ރިޒޯޓުގައެވެ. މި ޓީމުން މި ރިޒޯޓުތަކުގައި ލިބެން ހުންނަ ހިދުމަތްތައް ތަޖުރިބާކުރާނެއެވެ.

އޮންލައިން، ޕްރިންޓް، ޑިޖިޓަލް އަދި ސޯޝަލް މީޑިއާ ލިޔުންތަކާއި އަދަދުތައް ޝާއިއުކުރާ އެ މަޖައްލާތަކަކީ ކޮންމެ ދުވަހަކު، ހަފުތާއަކު، މަހަކު ނުވަތަ ކޮންމެ ހަ މަހުން އެއް މަހުވެސް ލިޔުންތަކާއި އަދަދުތައް ނެރޭ މަޖައްލާތަކެކެވެ.

ދަތުރަށްފަހު ނޫސްވެރިން މަސައްކަތްކުރާ މީޑިއާތަކުގައި ރާއްޖެއާ ބަހޭގޮތުން އާޓިކަލްތައް ޝާއިއުކުރާނެއެވެ. އެ ލިޔުންތައް ޖަރުމަނުގެ މަތީ ފަންތީގެ ފަތުރުވެރިންނާއި ބަޖެޓް ފަތުރުވެރިންނާ ހަމައަށް ފޯރާނެ ކަމަށް އެމްއެމްޕީއާރުސީން ވަނީ ލަފާކޮށްފައެވެ.

އެމްއެމްޕީއާރުސީން ބުނީ މި ދަތުރުގެ ސަބަބުން ޖަރުމަނުވިލާތުގެ މާކެޓުގައި ރާއްޖެއަކީ ޗުއްޓީ ހޭދަކުރަން އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކޮށް، ރާއްޖެއިން ލިބެން ހުންނަ ތަފާތު ތަޖުރިބާތައް އިޝްތިހާރު ކުރެވޭނެ ކަމަށެވެ.

މީގެ ކުރިން ވެސް ތަފާތު އެކި ގައުމުތަކުގެ މަގްބޫލް ނޫސްތަކުގެ ނޫސްވެރިން, ރާއްޖެ އިސްތިހާރު ކުރުމަށް ވަނީ ގެނައިސްފައެވެ.

މިދިޔަ މަސް ނިމުނުއިރު ރާއްޖެއަށް ވަނީ 1,153,013 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އޭގެ ތެރެއިން 81,742 (7.2 އިންސައްތަ) ފަތުރުވެރިން ރާއްޖެއައިސްފައިވަނީ ޖަރުމަނުވިލާތުންނެވެ.

ޖަރުމަނަކީ މިވަގުތު ރާއްޖެއަށް ތިން ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓެވެ. ޖަރުމަނު މާކެޓުގައި ރާއްޖޭގެ މަޤޫބޫލުކަން އިތުރުކުރުކޮށް އެ މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމުގެ ގޮތުން ވިޒިޓްމޯލްޑިވްސްއިން މި އަހަރު ގިނަ ހަރަކާތްތަކެއް ވަނީ ހިންގާފައެވެ. މީގެތެރޭގައި މާކެޓިން ކެމްޕެއިންތަކާއި، ފޭމް ޓްރިޕްތައް، ވެބިނާތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ފެއާތަކާއި އެގްޒިބިޝަންތަކުގައި ވަނީ ބައިވެރިވެފައެވެ.

comment ކޮމެންޓް