މާލޭ ސިޓީއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައާބެހޭ ގޮތުން ރައީސްއާ މަޝްވަރާ ކޮށްފި

ރައީސުލްޖުމްހޫރިއްޔާ، މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

މާލޭ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައާއި ކުނީގެ މައްސަލައާ ބެހޭގޮތުން މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްއާ މަޝްވަރާ ކޮށްފިއެވެ.

މި މަޝްވަރާ ބައްދަލުވުން ކުރިއަށް ގެންދިޔައީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުވުމުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ރައީސްއާ މަޝްވަރާކުރި ކަންކަމުގެ ތެރޭގައި މާލެއާއި ވަކިން އޮންނަ މި ސިޓީގެ ދެ އަވަށްކަމުގައިވާ ވިލިމާލެއާއި ހުޅުމާލޭގައި ހުރި ވަކިވަކި އިޖްތިމާއީ މައްސަލަތަކުގެ މައްޗަށް ވަރަށް ފުޅާދާއިރާއެއްގައި ވާހަކަދައްކާ، އެކަންކަން ހައްލުކުރުމަށް ކުރެވެންހުރި ކަންކަމަށް އަލިއަޅުވާލިއެވެ.

.މި ބައްދަލުކުރުމުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ވަނީ ފާއިތުވި ހަ މަސްދުވަހު އެކޮމިޓީން ކޮށްފައިވާ މުހިންމު މަސައްކަތްތަކުގެ މައުލޫމާތު ރައީސްއާ ހިއްސާކޮށްފައެވެ.

މީގެ އިތުރުން އެ ކޮމިޓީގެ މަސައްކަތްތައް އިތުރަށް ތަރުތީބުކޮށް، ފުރިހަމަކުރުމަށް ހުރި ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލާ އެކަމުގައި ކޮމިޓީއަށް ދިމާވެފައިވާ ގޮންޖެހުންތައް ރައީސްއާ ހިއްސާ ކުރިއެވެ.

މެންބަރުން ވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ދޭ އެލަވަންސް ބޮޑުކުރަން ސަރުކާރުން ނިންމި ނިންމުމަށް ޓަކައި ސަރުކާރަށް ޝުކުރު އަދާކުރައްވައިފައެވެ.

މި ބައްދަލުވުމުގައި ކޮމިޓީގެ މެންބަރުން ވަނީ ކޮމިޓީގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ޓަކައި ބޭނުންވާ އޮފީސް އިމާރާތެއް ނެތުމުގެ މައްސަލަ ވެސް ފާހަގަ ކޮށްފައެވެ.

މި ބައްދަލުވުމުގައި ރައީސް ވަނީ ކޮމިޓީން ކުރަމުން ގެންދަވާ މަސައްކަތްތަކުގެ މައުލޫމާތު ހޯއްދަވައި، ކޮމިޓީގެ ކުރިމަގަށް ރާވާފައިވާ ކަންކަމުގެ މައުލޫމާތު އޮޅުންފިލުވައިފައެވެ.

ރައީސް ދެއްކެވި ވާހަކަފުޅުގައި މިއީ ލާމަރުކަޒީ ގާނޫނަށް ގެނެވުނު މުހިންމު އިސްލާހުތަކާއިއެކު ކައުންސިލްތަކާއި ކޮމިޓީތައް ބާރުވެރިވުމަށްފަހު އަލަށް އިންތިހާބުކުރެވުނު މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުވާ ފުރަތަމަ ފަހަރުކަން ފާހަގަކުރެއްވިއެވެ.

ލާމަރުކަޒީ ގާނޫނަށް ގެނެވުނު މުހިންމު އިސްލާހުތަކާއެކު އިދާރީ ދާއިރާތަކަށް ބޮޑެތި ބާރުތަކަކާއި އިހްތިޔާރުތައް ލިބިގެންގޮސްފައިވާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސް، ދެއްކެވި ވާހަކަފުޅުގައި، ކޮމިޓީގެ މެންބަރުން ވޭތުވެދިޔަ ކުރު މުއްދަތުގެ ތެރޭގައި މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކޮށްދީފައިވާތީ އެކަމާ އުފާކުރައްވާކަން ހާމަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ރައީސް، ވަނީ މާލޭ ސިޓީގެ ތަރައްގީއަށް ރާވަފައިވާ ކަންކަމުގެ އެންމެފަހުގެ މައުލޫމާތު އެ ކޮމިޓީގެ މެންބަރުންނާ ހިއްސާކުރައްވާފައެވެ.

ރައީސް ވިދާޅުވީ ކޮމިޓީގެ މެންބަރުން ފާހަގަކުރި ވަކިވަކި ކަންކަމުގައި، ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވާ، ހައްލުކުރެވެންހުރި ކަންކަން ހައްލުކޮށްދެއްވާނެ ކަމަށެވެ.

comment ކޮމެންޓް