މަހުމޫދު މަރާލީ އެތައް ފަހަރަކު ހަމަލާދީގެން، މަރު ނުވާހެން ހީވުމުން އިތުރު ހަމަލާދިން!

ދަނގެތީގައި މަރައިލައިފައި އޮއްވާ ފެނުނު މަހުމޫދު އަބޫބަކުރު --

އެއީ މުޅި އދ. ދަނގެއްޗަށް ވެސް ބިރުވެރިކަން ގެނުވި ހާދިސާއެކެވެ. އެ ހާދިސާއަށް މިހާރު ތިން މަސްވާން ކައިރިވެފައިވާއިރު ވެސް އެ ރަށުގެ ރައްޔިތުންގެ ހިތުން ބިރުވެރިކަން މުޅީން ފިލައި ނުދެއެވެ.

މި އަހަރުގެ އޮކްޓޯބަރު މަހުގެ 13ވަނަ ދުވަހު ދަނގެތީގައި އަނިޔާވެރި ގޮތަކަށް މަރާލައިފައި އޮއްވާ ފެނުނީ އެ ރަށު އެންމެން ވެސް ގަދަރުކުރާ ވިޔަފާރިވެރިޔާ، މަހުމޫދު އަބޫބަކުރު، 59އެވެ. މަހުމޫދު މަރައިލައިފައި އެއްލައިލައިފައި އޮތީ ގެއެއްގެ ތެރޭގައި ހުރި ވަޅެއްގެ ތެރެއަށެވެ.

ފެނުނުއިރު މަހުމޫދުގެ ހަށިގަނޑު އޮތީ ކުނިވެފައެވެ. އެ ހަށިގަނޑު އެންމެ ފުރަތަމަ ފެނުނީ ދަނގެތީގެ އަންހެނަކަށާއި ދަނގެތީ މީހަކާ އިނދެގެން އުޅޭ އިންޑިއާ އަންހެނަކަށެވެ. އެ ދެ މީހުންނަށް ވެސް އެ ހާދިސާއާ ގުޅިގެން ނަފްސާނީ ގޮތުން އަސަރުތަކެއް ކުރުވިއެވެ.

މަހުމޫދުގެ މަރާ ގުޅިގެން ފުލުހުން ވަނީ މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައެވެ. އަދި އެ ބައްދަލުވުމުގައި ފުލުހުންގެ ތަހުގީގަށް ހާމަވީ ބައެެއް ކަންކަން ވަނީ ހިއްސާ ކޮށްފައެވެ.

މަހުމޫދުގެ މަރާ ގުޅޭގޮތުން އިތުރު މައުލޫމާތު ހިއްސާ ކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ

މަހުމޫދުގެ މަރާ ގުޅިގެން އެންމެ ފުރަތަމަ ދަނގެތީ ރައްޔިތުން ތުހުމަތު ކުރީ އެ ރަަށަށް ގޮސް ތިބި ދަނގެތީ ދެ މީހަކަށެވެ. ނަމަވެސް އެ މައްސަލައާ އެ މީހުންނަކާ ގުޅުމެއް ނެތެވެ.

އެ މައްސަލައިގެ ތުހުމަތުގައި އޮކްޓޯބަރު 16ގައި ހައްޔަރު ކުރީ އެ ރަށު ނެދުންގޭގައި ދުވަސްވީ މީހެއް ބަލަހައްޓަން ހުންނަ ބިދޭސީ މީހެއް ކަމަށްވާ ޝާ އަލޮމް މިއާ (ސާލިމް)އެވެ. ސާލިމް ހައްޔަރު ކުރުމާއެކު ދަނގެތީ ރައްޔިތުންނަށް ލިބުނީ ކުއްލި ޝޮކެކެވެ. ސަބަބަކީ މީގެ ކުރިން ސާލިމްގެ އެފަދަ ވާހަކައެއް އެ ރައްޔިތުންނަށް އަޑުއިވިފައި ނެތުމެވެ.

ސާލިމް -- ސަން ފޮޓޯ

މަހުމޫދުގެ މަރުގެ މައްސަލައިގެ ތަފްސީލް ހާމަކުރައްވަމުން މޭޖަރ ކްރައިމްސް އިންވެސްޓިގޭޝަންސްގެ ހެޑް ޗީފް ސުޕްރިންޓެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ މަހުމޫދުގެ ބޮލުގެ މައިގަނޑު ތިން ތަނަކަށް ހަމަލާ ދީފައިވާ ކަމަށެވެ. އަދި އޭނާގެ ހަށިގަނޑުގެ ތިރީހަށްވުރެ ގިނަ ތަނަށް އެކިވަރުގެ ހަމަލާ ދީފައިވާ ކަމަށް ޝިފާއު ފާހަގަ ކުރެއްވިއެވެ.

މަހުމޫދަށް ދީފައިހުރި އަނިޔާތައް --

މަހުމޫދާއި ސާލިމް އެކުގައި ހިނގައިފައި ދިޔަ

މަހުމޫދު ގެއްލުނު ރޭ 09:05ގައި ސާލިމް މަހުމޫދަށް ގުޅާ ވާހަކަ ތަކެއް ދެއްކިއެވެ. އަދި އެެއަށްފަހު ސާލިމް ވަނީ މަހުމޫދާ ބައްދަލު ކުރަން ގޮސްފައެވެ.

އެއަށްފަހު ދެމީހުން އެކީގައި ހިނގައިފައި އައިސް ނެދުންގެއަށް ވަންކަން ތަހުގީގަށް ފާހަގަ ކުރެވިފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި އެ މަންޒަރު ސީސީޓީވީ ފުޓޭޖުތަކުން ފެންނަން ވެސް އެބަހުއްޓެވެ.

ސާލިމް ދިރިއުޅޭ ނެދުންގެ ސަރަހައްދު ބަންދުކޮށްފައި ---

މަހުމޫދު އެގެއަށް ގެންދަން ސާލިމް ވާހަކަތަކެއް ދެއްކިއެވެ. އަދި އެއީ ތަހުގީގަށް ގަބޫލުކުރެވޭ ސަބަބުތަކެއް ކަމަށް ފުލުހުން ބުނި ނަމަވެސް އެއީ ކޮން ވާހަކަތަކެއް ކަމެއް ހިއްސާކޮށްފައެއް ނުވެއެވެ.

ނެދުންގެ ބަލާ ފާސްކުރުމުގެ ތެރޭގައި މަހުމޫދަށް ނިސްބަތްވާ ގިނަ އެއްޗެހިތަކެއް ވަނީ ފެނިފައެވެ. އަދި ސާލިމް އެ ދުވަހު ލައިގެން ހުރި އަންނައުނު ވެސް ފެނިފައިވެއެވެ. އެ ހިސާބުން ސާލިމް ވަނީ އޭނާ ކުރި ކުށަށް އިއުތިރާފް ވެފައެވެ.

ފަސްގަޑިއިރު ތެރޭގައި ތިން ފަހަރަކު ހަމަލާދިން!

ސާލިމްއާއި މަހުމޫދު ފުރަތަމަ ބައްދަލުވީ 09:15ގައެވެ. އަދި ނެދުންގެ ތެރެއަށް އެ ދެ މީހުން ވަނުމަށްފަހު އެތަނުގައި ފަސްގަޑިއިރު ހޭދަވިކަމަށް ފުލުހުން ބުނެއެވެ.

ބެލެވޭ ގޮތުގައި ސާލިމް ވަނީ މަހުމޫދު އެގެއަށް ވެއްދުމަށްފަހު ފައިސާ ދޭން އެެދިފައެވެ. ފުލުހުން ބުނާ ގޮތުގައި މަހުމޫދުގެ އަތުގައި އެ ވަގުތު އޮތީ 500 ރުފިޔާގެ 20 ނޫޓެވެ. އެއީ 10،000 ރުފިޔާއެވެ. ނަމަވެސް ފައިސާދޭން މަހުމޫދު ދެބަސްވުމުން އެ ދެ މީހުންގެ ތެރޭގައި ބަހުގެ ހަމަލާތަކެއް ބަދަލުކުރެވުނެވެ.

އެ ގޭ ތެރޭގައި ހޭދަވި ފަސްގަޑިއިރު ތެރޭގައި ސާލިމް ވަނީ މަހުމޫދަށް ތިން ފަހަރެއްގެ މަތިން ހަމަލާ ދީފައެވެ. އޭގެ ތެރޭގައި ތޫނު ހަތިޔާރުން ދީފައިވާ ހަމަލާއާއި އެއްޗަކުން ޖަހައިގެން ދީފައިވާ ހަމަލާ އެބަހުއްޓެވެ.

ފުލުހުން ބުނީ މަހުމޫދަށް ހަމަލާ ދިން ވަގުތު އޭނާއަށް އެ ހަމަލާއަށް ރިއެކްޓް ކުރަން މާ ގިނަ ވަގުތެއް ލިބުނު ކަމަށް ނުބެލެވޭ ކަމަށެވެ. އަދި އެތައް ފަހަރެއްގެ މަތިން ސާލިމް ވަނީ މަހުމޫދަށް އަނިޔާކޮށްފައި ކަމަށް ވެސް ފުލުހުން ބުނެއެވެެ.

މިއީ ސާލިމްގެ އަތުން "އޮޅުމަކުން" ވީ ކަމެއް ނޫން ކަން ހާމަވެއެވެ. ސަބަބަކީ މަރުނުވާހެން ހީވުމުން އިތުރަށް އަނިޔާކުރިކަން ވެސް ފުލުހުންގެ ތަހުގީގަށް ހާމަވާން އޮތުމުންނެވެ. އެހެންކަމުން ބެލެވޭ ގޮތުގައި އޭނާގެ މަގުސަދަކަށްވީ މަހުމޫދު މަރާލުމެވެ.

ހަށިގަނޑު ގެންދިޔައީ ކޮނޑުމައްޗަށް ލައިގެން!

މަހުމޫދު މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ސާލިމް ގެންދިޔައީ ނެދުންގޭ ބިއްދޮށުގައި ހުންނަ ގެއަކަށެވެ. އަދި ގެންދިއުމަށްފަހު އޭނާ ވަނީ އެތަނުގައި ހުރި ވަޅަކަށް މަހުމޫދު ބޯކޮޅުވަތަށް ވައްޓައިލައިފައެވެ. އަދި އެ ވަޅު އިހު ހުރި ގޮތަށް ޓިނު އަރުވައި އޭގެ މަތިން ސަތަރިއަޅައި ގާ ވެސް ހުރީ އަރުވާފައެވެ.

މަހުމޫދު މަރާލުމަށްފަހު އެއްލައިލައިފައި އޮތް ވަޅު -- ސަން ފޮޓޯ

ފުލުހުން ބުނި ގޮތުގައި މަހުމޫދުގެ ހަށިގަނޑު ސާލިމް އުފުލީ އޭނާގެ ކޮނޑު މަތީގައެވެ. އަދި އެ ރޭ 1:30އާ 3:00އާ ދެމެދު މީހަކު ކޮނޑުމައްޗަށް ލައިގެން ސާލިމްދާ މަންޒަރު ސީސީޓީވީ ފުޓޭޖުތަކުން ފެންނަން އެބަހުއްޓެވެ.

ފުލުހުންގެ ތަހުގީގަށް ބެލި ބެލުމުން މިއީ ކުރިން ރާވައިގެން ކޮށްފައިވާ ކަމެއް ކަމަކަށް ނުބެލެވެއެވެ. އަދި ރާވައިގެން ކުރި ކަމެއް ވިޔަސް އެ ރޭވުމެއް އޮންނާނީ އޭނާގެ ހިތު ތެރޭގައި ކަމަށާއި އެހެން އެއްވެސް މީހެއްގެ ބައިވެރިވުން މިކަމުގައި ނެތްކަމަށް ފުލުހުން ބުނެއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ މިއީ ސާލިމް ކުރި ހަމައެކަނި ކުށް ނޫން ކަމަށެވެ. އަދި އޭނާ މީގެ ކުރިން އެ ރަށުގައި ހިނގައިދިޔަ ވައްކަމެއްގައި ބައިވެރިވިކަމުގެ ތުހުމަތު ކުރެވޭ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެ މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ. އަދި ސާލިމް އަކީ އޭނާގެ ގައުމު، ބަންގްލަދޭޝްގައި އުޅުނުއިރު ކްރިމިނަލް ބެކްްގްރައުންޑެއް އޮތް މީހެއްތޯ ބަލަމުން އަންނަ ކަމުގައި ފުލުހުން ބުނެއެވެ.

މަހުމޫދު މަރާލި ވަގުތު ދުވަސްވީ މީހާ ކޮޓަރީގައި އޮތް!

މަހުމޫދުގެ މަރުގެ މައްސަލައިގެ ވާހަކަތައް ދެކެވުނު ދުވަސްވަރު ގިނަ ބަޔަކު މި ސުވާލު އުފެއްދިއެވެ. ސާލިމް ބަލަހައްޓަމުންދިޔަ ދުވަސްވީ މީހާ އާދަންބެ އެވަގުތު ހުރީ ކޮންތާކު ތޯއެވެ. އެގޭ ތެރޭގައި އެވަރުގެ ކަމެއް ހިނގައިދިޔަ އިރު އާދަމްބެއަށް ހިލަމެއް ވެފައި ނުވޭތޯއެވެ.

މިކަމާ ގުޅިގެން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން"އިން ސުވާލުކުރުމުން ފުލުހުން ބުނީީ އެ ވަގުތު އާދަންބެ ކޮޓަރީގައި އޮތް ކަމަށެވެ. އަދި އޭނާގެ ފަރާތުން ވެސް ތަހުގީގަށް މައުލޫމާތު ތަކެއް ލިބިފައި އެބަހުރިކަމަށާއި ނަމަވެސް އެ މައުލޫމާތުތައް ހާމަކުރެވެން ނެތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މަހުމޫދުގެ މަރާ ގުޅިގެން ސާލިމާ ދޭތެރޭ ޝައްކު އުފެދުނީ މަހުމޫދު ގެއްލުނު ރޭ އެގޭ ކައިރިން އިވުނު އަޑުތަކުންނާއި މީހަކަށް ފެނުނު މަންޒަރަކުންނެވެ. އެ ގޮތުން އެ ރޭ 9:30ހާއިރު އެގޭ ކައިިރިން ހިނގައިފައި ދިޔަ އަންހެނަކަށް މީހަކު ހަޅޭއް ލަވާ ކަހަލަ އަޑެއް އިވުނެވެ. އަދި އޭނާ ބޯދިއްކޮށް ބަލާލިއިރު މީހެއްގެ ދެފައިގައި ހިފައިގެން ގެންދާ ފަދަ މަންޒަރެއް ވަނީ ސިފަވެފައެވެ.

އެކަމާ ގުޅިގެން ސާލިމްއާ ގުޅައި އެ ރަށު މީހުން ސުވާލުކުރުމުން އޭނާ ބުނީ ބުޅަލެއް މަރާލީ ކަމަށެވެ.

މަހުމޫދުގެ މަރުގެ މައްސަލައިގައި ގިނަ ބަޔަކު ހައިރާންވަނީ އެކަމަކީ އޭނާ އެކަނި ކުރި ކަމަކަށްވުމެވެ. އަދި މަރުވެފައިވާ މީހެއްގެ ހަށިގަނޑު ކޮނޑުގައި އުފުލާ އެގެޔާ 100ވަރަކަށް ފޫޓު ދުރުގައި ހުންނަ ގެއެއްގެ ތެރޭގައި ހުންނަ ވަޅަކަށް ވައްޓާލުމެވެ.

ކަން މިހެން އޮތް ނަމަވެސް، ފުލުހުން ތަކުރާރުކޮށް ބުނަމުން ދަނީ މިއީ ސާލިމް އެކަނި ކުރި ކަމެއް ކަމަށެވެ. ޝަރީއަތުގައި އެކަން ސާބިތުވާވަރަށް ހެކި ހޯދިފައިވާ ކަމަށެވެ. އަޑަށް ބާރުލައްވައި ފުލުހުން މިއަދު ވެސް ވިދާޅުވީ، މިކަމުގައި އެހެން މީހެއްގެ ބައިވެރިވުން ނުހިމެނޭ ކަމަށެވެ.

comment ކޮމެންޓް