ކެނަބިސް ވިޔަފާރީގެ މައްސަލައެއްގައި އިންޑިއާއިން އިންޓަޕޯލް ރެޑް ނޯޓިސްގައި ދިވެއްސެއް ހޯދަނީ

އިންޑިއާއިން އިންޓަޕޯލް ރެޑް ނޯޓިސްގައި ހޯދަމުން އަންނަ ދިވެހި މީހާ --

މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްްގައި އިންޑިއާއިން އިންޓަޕޯލް ރެޑް ނޯޓިސްގައި ދިވެއްސެއް ހޯދަން އިއުލާނުކޮށްފިއެވެ.

މި މައްސަލައިގައި ހޯދަން އިއުލާނުކޮށްފައިވަނީ އުމުރުން 31 އަހަރުގެ އަލީ ރަޝީދު ނަމަކަށް ކިޔާ މީހެކެވެ. މީގެ އިތުރުން އޭނާއަށް އަޒްލީފް މުހައްމަދުގެ ނަން ވެސް ބޭނުންކުރާތީ އެ ނަން ވެސް ނޯޓިސްގައިވަނީ ހިމަނާފައެވެ.

އޭނާ ހޯދަމުން އަންނަނީ އިންޑިއާގެ ފުލުހުން ތަހުގީގުކުރަމުން އަންނަ މައްސަލައަކާ ގުޅިގެންނެވެ. އެގޮތުން އޭނާ ހޯދަނީ ގިނަ އަދަދަކަށް ކެނަބިސް އުފައްދައި އޭގެ ވިޔަފާރި ކުރަމުން އައި މައްސަލައަކާ ގުޅިގެންނެވެ.

ރެޑް ނޯޓިސް ބުނާ ގޮތުގައި، ކެނަބިސް އުފައްދައި، އެތެރެކޮށް، އެ ގަނެ ވިއްކުމުގެ މުއާމަލާތްކުރުމުގެ އިތުރުން އެއްތަނުން އަނެއްތަނަށް އެ އުފުލައި އެތެރެކޮށް ބޭރުކުރުމަކީ އިންޑިއާގެ ގާނޫނުގައި ހަރުކަށި އަދަބު ދެވޭ ކުށެކެވެ. އަދި އެ ފަދަ ކަމެއް ކުރުމުގެ ތެރޭގައި ކެނަބިސް އަތުލައިގަނެވި އެ އަދަދަކީ ވިޔަފާރިކޮށް ފައިދާ ހޯދޭނެ މިންވަރެއް ކަމުގައިވާނަމަ 10 އަހަރާއި 20 އަަހަރާ ދެމެދުގެ ޖަލު ހުކުމެއް ތަންފީޒުކުރަން ޖެހެއެވެ. އަދި އެއް ލައްކައާއި ދެ ލައްކަ ރުޕީސްއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ވެސް ކުރެވޭނެއެެވެ.

ދިވެހިން ހޯދަން މީގެ ކުރިން ވެސް ރެޑް ނޯޓިސް ވަނީ ނެރެފައެވެ. އެގޮތުން ސީލައިފް މައްސަލައިގައި ހިމެނޭ އަހްމަދު މޫސާ (އައްމަޓީ) ހޯދަން ވެސް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވެއެވެ.

comment ކޮމެންޓް