އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއުމާރު ކުށްވެރިކޮށް އދ. ން ދެ ގަރާރެއް ފާސްކޮށްފި

އދ. ގެ އާންމު މަޖިލިސް

އދ. މަޖިލިސް (ޑިސެންބަރު 2): އިސްރާއީލުން ފަލަސްތީނުގެ ބިމަށް ވެރިވެގަނެގެން އުޅޭއުޅުމާ ދެކޮޅަށް އދ. ގެ އާންމު މަޖިލީހުން ދެ ގަރާރެއް ފާސްކޮށްފިއެވެ.

މިދެ ގަރާރުގެ ތެރެއިން އެއްގަރާރުގައި ބުނަނީ ގުދްސުގެ އިރުމަތީ ބަޔަކީ 1976 ގެ ހަނގުރާމައިގާ އިސްރާއީލުން ވެރިވެގަނެ އިސްތިއުމާރުކޮށްފައިވާ ބިމަކަށްވާތީ ގުދްސު އަމިއްލަ ކުރުމަށްޓަކައި އިސްރާއީލު ހިންގާ ހުރިހާ އަމަލުތަކަކީ ޣައިރު ގާނޫނީ އަމަލުތަކެއް ކަމުގައެވެ. އަދި އިސްރާއީލުގެ އެފަދަ އަމަލުތަކަށް ވާގިވެރިވުމާއި އިސްރާއީލުން ފަލަސްތީނުގައި ހިންގާ އިސްތިއުމާރީ ހަރަކާތްތަކަށް ވާގިވެރިވުމާއި އެހިތެރިވުމަކީވެސް ބައިނަލްއަގްވާމީ ގާނޫނާ ޚިލާފު ކަމެއް ކަމުގައެވެ.

ދެވަނަ ގަރާރު ބުނަނީ ގުދްސު އަމިއްލަ ކުރުމަށްޓަކައި އެސިޓީގައިވާ އިސްލާމް ދީނާއި އަދި ނަސާރާ ދީނުގެ ތާރީޚީ ތަންތަނަށް ގެއްލުންދީ އެތަންތަނުގެ އަސްލު ގެއްލޭގޮތަށް އިސްރާއީލު ހިންގާ އަމަލުތަކަކީ ކަންބޮޑުވާންޖެހޭ އަދި ބައިނަލްއަގްވާމީ ގާނޫނާ ޚިލާފު އަމަލުތަކެއް ކަމުގައެވެ. މީގެއިތުރުން ގުސްދުގެ އިރުމަތީ ފަޅިން އިސްރާއީލު ފޭބުމަށާ ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި ޣާއްޒާ އިން އިސްރާއީލުގެ އިސްތިއުމާރީ ބާރުތައް ފާބައި އެތަންތަން މިނިވަންކުރަންޖެހޭ ކަމަށްވެސް އެގަރާރުގައި ބުނެފައިވެއެވެ.

މީގެއިތުރުން ފަލަސްތީނުގެ މައްސަލަ ހައްލުކުރުމަށްޓަކައި ފަލަސްތީނާއެކު ސުލްހައިގެ ވާހަކަތައް ފަށައި ފަލަސްތީނުގެ ބިންތައް އަނބުރައި ފަލަސްތީނަށް ދިނުމަށްވެސް މިގަރާރު އިސްރާއީލަށް ގޮވާލާފައިވެއެވެ.

މީގެ ތެރެއިން ފުރަތަމަ ގަރާރާ އެއްކޮޅަށް އދ. ގެ އާންމު މަޖިލީހުގެ 148 ގައުމުން ވޯޓު ދީފައިވާއިރު 14 ގައުމަކުން ވަކި ކޮޅަކަށް ވޯޓު ދީފައެއް ނުވެއެވެ. މިގަރާރާ ދެކޮޅަށް ވޯޓު ދީފައިވަނީ އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއުމާރަށް ވާގިވެރިވާ އަދި އިސްރާއީލުގެ ޓެރަރިޒަމަށް ފާޅުކަން ބޮޑު ގޮތެއްގައި ތާއީދުކުރާ މައިގަނޑު ގައުމު ކަމަށްވާ އެމެރިކާއާއި އެމެރިކާ ކޮންޓްރޯލްކުރާ މައިކްރޮނީޝިއާ ފަދަ ވަރަށްކުދި 6 ގައުމަކުންނާއި އިސްރާއީލެވެ.

ދެވަނަ ގަރާރާ އެއްކޮޅަށްވެސް އދ. ގެ މެންބަރު ގައުމުތަކުގެ ތެރެއިން 129 ގައުމުން ވޯޓު ދީފައިވެއެވެ. 11 ގައުމަކުން ވަކި ކޮޅަކަށް ވޯޓު ދީފައިވުނާއިރު ދެކޮޅަށް ވޯޓު ދިނީ އެމެރިކާއާއި އެމެރިކާ ކޮންޓްރޯލްކުރާ މައިކްރޮނީޝިއާ ފަދަ ވަރަށްކުދި ހަ ގައުމަކުންނާއި އިސްރާއީލެވެ. މިއާއެކު އދ. ގެ އާންމު ޖަމްއިއްޔާގައި އެމެރިކާއާއި އިސްރާއީލު ވަނީ ވަރަށް ބޮޑަށް ބައިނަލްއަގްވާމީ މުޖްތަމައާ އެކަހެރިވެފައެވެ. މި ގަރާރުތައް ސަލާމަތީ މަޖިލީހުން ފާސްކުރަން އުޅުނުނަމަ އެމެރިކާ އެއާ ދެކޮޅަށް ވީޓޯ ކުރާނެއެވެ.

މާތްވެގެންވާ މަސްޖިދުލްއަގްސާ ހުންނަ ފަލަސްތީނުގެ ގުދްސަށް ވެރިވެގަތުމަށާއި ގުދްސު އިސްރާއީލުގެ އިސްތިއުމާރުގެ ދަށުގައި ބޭއްވުމަށް އިސްރާއީލު ހިންގާ ޖަރީމާތަކާއި ޣައިރު ގާނޫނީ އަމަލުތަކަށް ފާޅުކަންބޮޑު ގޮތެއްގައި ތާއީދުކުރަނީ ދެތިން ގައުމަކުންނެވެ. އޭގެތެރެއިން އެއްގައުމަކީ އެމެރިކާއެވެ. ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާވަނީ ބައިނަލްއަގްވާމީ ގާނޫނާ އަދި އދ. ގެ ގަރާރުތަކަށް ގޮންޖެހުމަށްފަހު އެގައުމުގެ އެންބަސީ ވެސް ގުދްސަށް ބަދަލުކޮށްފައެވެ.

ފަލަސްތީނުގެ ރައްޔިތުން އިސްރާއީލުގެ އިސްތިއުމާރާއި އަޅުވެތިކަމާ އަދި އިސްރާއީލުން ހިންގާ ސްޓޭޓް ޓެރަރިޒަމާ ދެކޮޅަށް ކުރާ ޖިހާދަށް ހުރަސްއެޅުމަށް އެންމެ ބޮޑަށް މަސައްކަތްކުރާ ގައުމަކީވެސް އެމެރިކާއެވެ. އަދި އިސްރާއީލަށް ހަތިޔާރާއި އަސްކަރީ ބާރުވެރިކަން ދީ ބައިނަލްއަގްވާމީ މަހްފަލްތަކުގައި އިސްރާއީލު ހިމާޔަތްކޮށްދޭ މައިގަނޑު ގައުމަކީވެސް އެމެރިކާއެވެ.

comment ކޮމެންޓް