މާލޭގެ އިމާމުންނާއި ހަތީބުންނަށް ބާއްވާ ތަމްރީނު ޕްރޮގްރާމް އިފްތިތާހުކޮށްފި

މާލޭގެ އިމާމުންނާއި ހަތީބުންނަށް ބާއްވަ ތަމްރީނު ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ތެރެއިން -- ފޮޓޯ/ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

މާލެ ސިޓީ އިމާމުންނާއި ހަތީބުންނަށް ބާއްވަ ތަމްރީނު ޕްރޮގްރާމު މިއަދު އިފްތިތާހު ކޮށްފިއެވެ.

މި ތަމްރީނު ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއެވެ.

މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ބާއްވާ މި ޕްރޮގްރާމްގައި ކިޔަވައިދެއްވާނީ ފުންނާބުއުސް އިލްމުވެރިންނާއި ގާރީން ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ޕްރޮގްރާމްގައި 43 ހަތީބުންނާއި، 43 އިމާމުން އަދި އަށް ޕޫލް އިމާމުންނާއެކު ޖުމްލަ 94 މީހަކު ބައިވެރިވެއެވެ.

މާލޭގެ އިމާމުންނާއި ހަތީބުންނަށް ބާއްވަ ތަމްރީނު ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ތެރެއިން -- ފޮޓޯ/ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

މިނިސްޓްރީން ބުނީ މި ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި ކިޔަވައިދޭނީ ތަޖުވީދު، ހުކުރު ގަވައިދާއި އުސޫލު އަދި ސިވިލް ސާވިސްގެ ގަވައިދާއި އުސޫލުގެ އިތުރުން މަސައްކަތުގެ އަހުލާގާއި އެހެން މީހުންނާ މުއާމަލާތް ކުރުމާއި ނަމާދުގެ ހުކުމްތައް އަދި ހިލާފީ މައްސަލަތަކުގައި އަމަލުކުރާނެގޮތް ފަދަ މައުލޫމާތުތައް ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި ޕްރޮގްރާމަކީ، އިމާމުންނާއި ހަތީބުންގެ މައްސޫލިއްޔަތުތައް އިތުރަށް ހަނދާން އާކޮށްލަދީ، އެ ބޭފުޅުންނަށް ކުރެވޭ ކުއްތަށް ބަޔާންކޮށްދީ، އެކަންކަން ރަނގަޅުކޮށްދިނުމުގެ ގޮތުން ހިންގޭ ޕްރޮގްރާމެއް ކަމަށެވެ.

ހަމައެހެންމެ މި ޕްރޮގްރާމަކީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގޭ ޕްރޮގްރާމެއް ކަަމަށާއި މިފަދަ އިތުރު ޕްރޮގްރާމްތައް ކުރިއަށް އޮތްތަނުގައި މާލޭގެ އިތުރުން އަތޮޅުތެރޭގައިވެސް ހިންގުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް