މުއިއްޒަށް ދައުވާކުރުމަށް އެދި ފޮނުވި މައްސަލަ ޕީޖީން އަލުން އޭސީސީއަށް ފޮނުވައިފި

މާލޭގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނިއުޕޯޓް ހިންގާ ކުންފުނި، ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ނާޖާއިޒު ފައިދާ ހޯދައިދިންކަމަށް ތުހުމަތުކޮށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ މަައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ފޮނުވި މައްސަލަ އަނބުރާ ފޮނުވައިލައިފިއެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރެސެކިއުޓާ އަހްމަދު ޝަފީއު "ސަން"އަށް ވިދާޅުވީ އެ މައްސަލަ އޭސީސީއަށް ފޮނުވައިފައިވަނީ އެ މައްސަލައިގައި އިސްލާހުކުރަންޖެހޭ ކަންތައްތަކެއް ހުރުމުން ކަމަށެވެ. އަދި އެއާއެކު އެ މައްސަލަ އަދި ޕީޖީ އޮފީހަށް ނުލިބޭކަމަށް ވިދާޅުވިއެެވެ.

މިހާރު މާލޭ ސިޓީ ކައުންސިލްގެ މޭޔަރުކަމުގައި ހުންނެވި ޑރ. މުއިއްޒުގެ އިތުރުން ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަބީބުގެ މައްޗަށް ވެސް ދައުވާ އޭސީސީން ފޮނުވައިފައިވެއެވެ.

އޭސީސީން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލޮނުޒިޔާރާތް ކޮޅުގައި ބްރިޖް ވިއުއިން ޕްލެޓްފޯމަކާއި ފުޑް އައުޓްލެޓް އޭރިޔާ އަދި ޕާކިން އޭރިޔާއެއް ތަރައްގީކުރުމަށް ހައުސިން މިނިސްޓްރީއާއި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑާއެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއް ސެޕްޓެމްބަރު 22، 2016ގައި ސޮއިކޮށްފައިވާ ކަމަށެވެ.

އެ އެއްބަސްވުމުގައިވާ ޕާކިން އޭރިއާ ގައި ފިނިބުއިން ވިއްކާ ތަނެއް އެޅުމުގެ ހުއްދައަށް އެދި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ހުށަހެޅުމުން، އެއްބަސްވުމުގައިވާ ޕާކިން އޭރިއާ ހުޅަނގަށް ޖައްސާލުމަށްފަހު އެތަނުގައި ފިނިބުއިން ވިއްކާ ތަނެއް އެޅުމުގެ ހުއްދަ އެ މިނިސްޓްރީން ދީފައިވާކަމަށް ވެސް އޭސީސީގެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ވަނީ، އެކަމުގެ ސަބަބުން، އެއްބަސްވުމުގައިވާ ސަރަހައްދުގެ އިތުރުން، 2464 އަކަފޫޓުގެ ބިމުގެ ސަރަަހައްދެއް ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ލިބި، އިތުރު ފައިދާ އެ ކުންފުންޏަށް ލިބިފައިވާކަމަށެވެ. އެހެންނަމަވެސް، އެ ހުއްދައަކީ އޭރު އަމަލުކުރަމުންދިޔަ ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ ހުޅުވާލެވިފައިވާ ބީލަން އުސޫލާ ހިލާފުކަމެއްކަމާއި، އަދި އެކަމުގައި އެ މިނިސްޓްރީން ގާނޫނީ ލަފާ ހޯދާފައިނުވާކަން އެނގޭކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން އެ ބިމަށް ބައެއް ބަދަލުތައް ގެނެސް، އެ ބިމުގައި އިތުރު ވިޔަފާރި ކުރުމަށާއި، ބިން ކުއްޔަށްދޫކޮށްފައިވާ ތިން އަހަރުގެ މުއްދަތު އިތުރު ފަސް އަހަރަށް އިތުރުކުރުމަށް ހުށަހަޅައިފައިވެއެވެ. އަދި މުއްދަތު އިތުރުކޮށްދިނުމުގެ ބަދަލެއްގެ ގޮތުގައި ސަރުކާރަށް ސީއެސްއާރުގެ ގޮތުގައި ދެ މިލިއަން ރުފިޔާ ދިނުމަށާއި، ޒަމާނީ ފުޓްސަލް ދަނޑެއް ތަރައްގީކޮށް ސަރުކާރާ ހަވާލުކޮށްދޭން ވެސް ވަނީ ހުށަހަޅައިފައެވެ.

މި ހުށަހެޅުމާ ގުޅިގެން، އެ ކުންފުނިން އެދިފައިވާގޮތަށް އޭޕްރީލް 13، 2017ގައި އެއްބަސްވުމަށް ފުރަތަމަ އިސްލާހު ވަނީ ގެނެސްފައެެވެ. އަދި މި ބަދަލު ގެނެސްފައިވަނީ މިފަދަ އެއްބަސްވުންތަކާ ގުޅިގެން އަމަލުކުރާ އާންމު އުސޫލާ އެއްގޮތަށް ގާނޫނީ ލަފާ ނުހޯދައިކަން އެނގޭ ކަމަށް އޭސީސީގެ ބަޔާނުގައި ބުނެފައިވެއެެވެ.

އޭސީސީގެ ބަޔާނުގައި އިތުރަށް ވަނީ އެއްބަސްވުމާ އެއްގޮތަށް ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ދައުލަތަށް ދައްކަންޖެހޭ ކުލީގެ ފައިސާ ދައްކާފައިނުވާ ކަމަށެވެ. އެގޮތުން، ނޮވެމްބަރު 1، 2017އިން 2018ވަނަ އަހަރުގެ ޖުލައިމަހުގެ ނިޔަލަށް ދައުލަތަށް ކުލީގެ ގޮތުގައި ދައްކަންޖެހޭ ޖުމްލަ 1.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކާފައެއް ނުވެއެވެެ.

އަދި ޗާޓައިމް ނެގުމަށް ހައުސިން މިނިސްޓްރީން ސްޓްރާޑާއަށް އެންގުމުން އެކަމާ އެ ކުންފުނިން ދެކޮޅު ހަދާފައެއް ނުވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އަދި އެކަން ކޮށްފައިވަނީ އެ ކުންފުނީގެ ރުހުމާއި އެއްބާރުލުމާއެކުގައި ކަމަށް ވެސް އޭސީސީގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން، ޗާޓައިމް ނެގުމުގެ ބަދަލެއްގެ ގޮތުގައި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ކަންކަން ހިމަނައި އެއްބަސްވުމަށް ދެ ވަނަ އިސްލާހު ގެނައުމުން ޗާޓައިމްގެ ބަދަލުދިނުމުގެ މުއާމަލާތަކީ ނިމިފައިވާ މުއާމަލާތެއްކަން ފާހަގަކުރެވޭ ކަމަށް ވެސް އޭސީސީން ބުނެއެވެ.

ޗާޓައިމް ނެގުމުގެ ބަދަލެއްގެ ގޮތުގައި، ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން އެދިފައިވާގޮތަށް، އެއްބަސްވުމުގެ މުއްދަތު 25 އަހަރަށް އިތުރުކުރުމަށް ހައުސިން މިނިސްޓްރީން ވަނީ ރައީސް އޮފީހުގެ ލަފައަކަށް އެދި ސިޓީއެއް ފޮނުވައިފައެވެ.

އެ ސިޓީ މިނިސްޓްރީން ފޮނުވާފައިވަނީ، އެ ޕްރޮޖެކްޓުގައި ކަން ހިނގާފައިވާގޮތާއި، އެ ކުންފުނިން ދައްކަންޖެހޭ ކުލި އެއްބަސްވުމާ އެއްގޮތަށް ދައްކާފައި ނުވާކަމުގެ މައުލޫމާތު އެ މިނިސްޓްރީއަށް ލިބިފައިވަނިކޮށް، އެކަމުގައި އެ މިނިސްޓްރީގެ ލީގަލް ސެކްޝަން އަދި އެޓާނީ ޖެނެރަލްގެ އޮފީހުގެ ގާނޫނީ ލަފައެއް ހޯދުމަކާ ނުލައިކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

comment ކޮމެންޓް