އޮކްޓޯބަރު މަހުގެ ތެރޭގައި ޖެންޑާއިން ބެލި މައްސަލަތަކުގެ އަދަދު 222އަށް

ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ -- ފޮޓޯ/ އެންއީއޯސީ

އޮކްޓޯބަރު މަހުގެ ތެރޭގައި ޖެންޑާ މިނިސްޓްރީން އިން 222 މައްސަލަ ބަލާފައި ވާކަމަށް އެ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެ މިނިސްޓްރީން މިއަދު އާއްމު ކޮށްފައިވާ ތަފާސްހިސާބުގައިވާ ގޮތުން، ކުޑަކުދިންނަށް ކުރާ އަނިޔާގެ ގޮތުގައި މިދިޔަ މަހު 95 މައްސަލަ ހުށަހަޅާފައި ވާއިރު، އޭގައި ހިމެނެނީ ޖިންސީ ގޯނާ އާއި ނަފްސާނީ އަދި ޖިސްމާނީ ގޯނާގެ އިތުރުން ގެވެށި އަނިޔާގެ ސަބަބުން އޭގެ އަސަރު ކޮށްފައިވާ ކުދިންނެވެ.

މީގެ އިތުރުން، ރަނގަޅަށް ނުބެލެހެއްޓުމުގެ މައްސަލައާއި ގަނާ ކުރުމާއި ފުރައްސާރައިގެ މައްސަލަތަކުގެ އިތުރުން އިހުމާލުގެ މައްސަލަތައް ވެސް ހުށަހަޅާފައިވެއެވެ.

ހަމައެއާއެކު ވަކި ޖިންސަކަށް ވީތީ ނުވަތަ ގެވެށި އަނިޔާގެ 45 މައްސަލައެއް ޖެންޑާއިން ވަނީ ބަލާފައެވެ.

އޭގެ ތެރޭގައި އެންމެ ގިނައީ ޖިސްމާނީ ގޮތުން ކޮށްފައިވާ އަނިޔާއާއި ނަފްސާނީ ގޮތުން ކުރާ އަނިޔާއެވެ.

ކުޑަކުދިންގެ ހައްގުތަކަށް އަރައިގަތުމުގެ ގޮތުގައި، ދަރިންނަށް ވެކްސިން ދޭން ދެކޮޅުހެދި މައްސަލައަކާއި ދަރިންނަށް ސިއްހީ ހިދުމަތް ދިނުމަށް ދެކޮޅުހެދި މައްސަލައެއްގެ އިތުރުން ދަރިން ސްކޫލަށް ފޮނުވަން ދެކޮޅުހެދި ދެ މައްސަލައެއް ވަނީ ހުށަހަޅާފައެވެ.

މިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި، އަމިއްލައަށް މަރުވާން އުޅޭފަދަ އަމަލެއް ހިންގުމުގެ ހަތަރު މައްސަލައަކާއި އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ދެ މައްސަލައެއް ހިމެނެއެވެ.

comment ކޮމެންޓް