ކުދި ވިޔަފާރިތައް ފަށައިގަތުމަށް އެހީތެރިވުމުގެ ގޮތުން ދިރާގުން ހާއްސަ ވޯކްޝޮޕެއް

ލީން ސްޓާޓްއަޕް ވޯކްޝޮޕެއްގެ ތެރެއިން -- ފޮޓޯ/ ދިރާގު

ކުދި ވިޔަފާރިތައް ފަށައިގަތުމަށް އެހީތެރިވުމުގެ ގޮތުން ދިރާގައި ސްޕާކްހަބް ގުޅިގެން ހާއްސަ ވޯކްޝޮޕެއް ބާއްވަން ނިންމައިފިއެވެ.

ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ވޯކްޝޮޕް އޮންނާނީ މި މަހުގެ 17 އިން 19އަށް މާލޭ، ސޯލްޓް ކެފޭގައެވެ.

ދިރާގުން ބުނީ "ލީން ސްޓާޓްއަޕް"ގެ ނަމުގައި ކުރިއަށްގެންދާ މި ވޯކްޝޮޕްގެ މައިގަނޑު މަގްސަދަކީ ކުދި ވިޔަފާރިތައް ފެށުމަށް ބޭނުންވާ ހުނަރުތަކާއި އެކަމަށް ބޭނުންވާ މައުލޫމާތު ވޯކްޝޮޕްގެ ބައިވެރިންނަށް ފޯރުކޮށްދިނުންކަމަށެވެ.

މި ވޯކްޝޮޕުގައި ބައިވެރިންނަށް މައުލޫމާތު ދޭނީ ކަސްޓަމަރުންނާ މުއާމަލާތްކުރާނެ ގޮތްތަކާ ގުޅޭގޮތުން ކުރެވިފައިވާ ފަހުގެ ދިރާސާތަކުގެ އަލީގައެވެ. އަދި އުފެއްްދުމެއް ތައްޔާރުކުރާއިރު ސަމާލުކަން ދޭންޖެހޭ މުހިންމު ކަންކަމުގެ މައްޗަށް ބިނާކޮށެވެ.

އެއާއެކު ދިރާގުންވަނީ ރާއްޖޭގައި އީޖާދީ އުފެއްދުންތަކާއި ކާމިޔާބު ވިޔަފާރިތައް ފަށައި ކުރިއަަށް ގެންދިޔުމުގެ ގާބިލްކަން ހުރި ފަރާތްތައް ގިނަކަން ފާހަގަކޮށްފައެވެ. އަދި ލީން ސްޓާޓްއަޕް ވޯކްޝޮޕްގެ ތެރެއިން އުފެއްދުމެއް ތައްޔާރުކުރާއިރު ވިސްނަން ޖެހޭ މުހިންމު ކަންކަން ބައިވެރިންނަށް ކިިޔައިދޭނެކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގާއި ސްޕާކްހަބް ގުޅިގެން އަންނަނީ ކުދި ވިޔަފާރިތަކަށް އެހީވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ލީން ސްޓާޓްއަޕާއެކު ޒުވާން ވިޔަފާރިވެރިން އުފެއްދުމަކީ އެ ކުންފުނީގެ އަމާޒުކަމަށް ދިރާގުން ބުންޏެވެ.

comment ކޮމެންޓް