އަލީ ވަހީދު ވިދާޅުވީ އާދެވެން ނެތް ކަމަށް، ދެން އޮތީ އަސްހަދުއަށް ފިޔަވަޅު އެޅުން!

ކުރީގެ މިނިސްޓަރު އަލީ ވަހީދު އަދި އޭނާއަށް ޖާމިނުވި އަސްހަދު އަލީ (އަޑުބަރޭ) ----

ކްރިމިނަލް ކޯޓުން ދިން މުހުލަތުގައި އެ ކޯޓަށް ހާޒިރުވެވެން ނެތް ކަމަށް ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު އަންގާފައިވާ ކަމަށް އޭނާއަށް ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ބުނެފިއެވެ.

ތިން ދުވަސް ތެރޭގައި އަލީ ވަހީދު ކޯޓަށް ހާޒިރު ނުވެއްޖެނަމަ އޭނާގެ މައްޗަށް ޖާމިނުވި އަސްހަދު އަލީ އަށް ފިޔަވަޅު އަޅަން ކުރިމިނަލް ކޯޓުން ނިންމީ މިދިޔަ އާދިއްތަ ދުވަހުއެވެ.

ފަސް ދުވަސް ހަމަވެގެން ދިޔައިރު އަލީ ވަހީދު ރާއްޖެ އައިސްފައި ނުވާއިރު, އަޑުބަރޭގެ ފަރާތުން ވަނީ ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވާފައެވެ.

އަޑުބަރޭގެ ފަރާތުން އޭނާގެ ގާނޫނީ ވަކީލް މަހްފޫޒް ސައީދު ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ, ކްރިމިނަލް ކޯޓުގެ އެންގެމާއި އެއްގޮތަށް 72 ގަޑިއިރު ތެރޭގައި އެ ކޯޓަށް ހާޒިރުވުމަށް އަލީ ވަހީދަށް އެންގި ކަމަށާއި ނަމަވެސް އާދެވެން ނެތް ކަމަށް އޭނާ ވިދާޅުވި ކަމަށެވެ.

"ތިމަންނަ މިހުރީ އިމިގްރޭޝަންގެ ބަންދެއްގައޭ. އެހެންވީމަ ތިމަންނައަކަށް އާދެވޭކަށް ނެތޭ. އެހެން އަލީ ވަހީދު ވިދާޅުވީ," އީމެއިލް މެދުވެރިކޮށް ކުރި މުއާމަލާތާއި ހަވާލާ ދެއްވާ މަހްފޫޒް ވިދާޅުވިއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 64 ވަނަ މާއްދާގެ ޅ. ގައި ބުނާ ގޮތުން ޖާމިނުވާ މީހާ, އިގުރާރާއި ހިލާފުވެއްޖެ ނަމަ އެއް އަހަރު ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުމުގެ ބާރު އޮންނަނީ ގާޒީއަށް ދީފައެވެ. އޭގެ އިތުރުން, ދެ އަހަަރަށްވުރެ ދިގު ނޫން މުއްދަތަކަށް ގޭގައި ބަންދު ކުރުމާއި 15,000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރުމަނާ ކުރުމުގެ އިތުރުން, ވަކި މުއްދަތެއް ވަންދެން އެހެން މީހަކަށް ޖާމިނު ވުން މަނާ ކުރެއެވެ.

އަލީ ވަހީދުއަށް އަޑުބަރޭ ޖާމިނުވެފައި ވަނީ ހަތަރު މަސް ދުވަހަށްކަން ފާހަގަކޮށް މަހްފޫޒު ވިދާޅުވީ, ހަތަރު މަސް ހަމަވެގެން ދިޔައިރު ވަކިއެއްޗެއް އަންގާފައި ނެތުމުން އަޑުބަރޭއަށް ފިޔަވަޅެއް ނޭޅޭނެ ކަމަށެވެ.

"ފިޔަވަޅު ނޭޅޭނެ ކަމަށް އަޑުބަރޭ ދެކެނީ. ވަކީލަކާއި އެކު އަޑުއެހުމެށް ބާއްވަދިނުމަށް އަޑުބަރޭ ރިކުއެސްޓްކޮށްފައި ވަނީ," މަހްފޫޒް ވިދާޅުވިއެވެ.

ޖިންސީ ގޯނާގެ ތުހުމަތުތަކާ އެކު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓައި އޭނާ ފުރުން މަނާކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ. އެ އަމުރު މުރާޖައާކުރުމުން އޭނާގެ ޕާސްޕޯޓު ވަނީ ދޫކޮށްލައިފައެވެ.

ޕާސްޕޯޓް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ, ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭކަން ކަށަވަރު ކުރުމަށް ޑޮކްޓަރު ހާޒިރުކޮށް، ޑޮކްޓަރުގެ ވާހަކަތައް އަޑުއެހުމަށްފަހުއެވެ. ޑޮކްޓަރު ވިދާޅުވި ކަމަށްވަނީ، ރާއްޖެއިން އެ އޮޕަރޭޝަން ކޮށްފި ނަމަ ފުރާނައަށް ނުރައްކާވެދާނެ ކަމަށެވެ.

ޑޮކްޓަރުގެ ވާހަކަތަކަށް ފަހު ދައުލަތުން ވަނީ އަލީ ވަހީދު ބޭސްފަރުވާއަށް ފޮނުވަން ކުރި އިއުތިރާޒު ދޫކޮށްލައިފައެވެ.

އަލީ ވަހީދު ފުރުން މަނާކުރުމުގެ އަމުރު ބާތިލް ކުރީ އޭނާއަށް ޖާމިނުވާނެ ފަރާތެއް ހުށަހަޅާފައި ވާތީއެވެ. ޖާމިނުވި ފަރާތަކީ އަޑުބަރޭއެވެ.

އަޑުބަރޭ ޖާމިނުވެފައި ވަނީ، ނުވަތަ ކޯޓަށް ޔަގީންކަން ދީފައި ވަނީ ހަތަރު މަސް ފަހުން އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދޭނެ ކަމަށެވެ.

އެއާއެކު އަލީ ވަހީދު ވަނީ ލަންޑަނަށް ގޮސްފަ އެވެ.

ނަމަވެސް ހަތަރު މަސް ހަމަވެގެން ދިޔައިރު ވެސް އަލީ ވަހީދު ރާއްޖެއައިސްފައެއް ނުވެއެވެ. އެއާއެކު އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ވަނީ ކުރިއަށް ނުގެންދެވި ހުއްޓިފައެވެ.

comment ކޮމެންޓް