ގަދަ ތިނެއްގައި އޮތް ޓީމުތައް މޮޅުވެއްޖެ، ފަރަގަކީ އެއް ޕޮއިންޓް

އެވަޓަން ކޮޅަށް ގޯލު ޖެހުމަށްފަހު ސަލާހު އުފާފާޅު ކުރަނީ --- ފޮޓޯ//ލައިވްސްކޯ

އިނގިރޭސި ޕްރިމިއާ ލީގުގެ 14 ވަނަ މެޗު ވީކްގައި ރޭ ކުޅުނު މެޗުތަކުގައި އެއްވަނައިގައި އޮތް ޗެލްސީ އަދި ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީގެ އިތުރުން ލިވަޕޫލް މޮޅުވުމާއެކު، ތަށީގެ ވާދަވެރިކަން ބޮޑުވެއްޖެއެވެ.

ލިވަޕޫލުން ރޭ ކުޅުނު ޑާބީ މެޗުގައި އެވަޓަން އަތުން މޮޅުވީ 1-4 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ކުޅުނު 14 މެޗުން 31 ޕޮއިންޓް ހޯދައިގެން ލިވަޕޫލް ވަނީ ތާވަލުގެ ތިންވަނައިގެ މަގާމު ދަމަހައްޓައިފައެވެ. އެ މެޗުން ބަލިވި އެވަޓަން އޮތީ 14 ޕޮއިންޓާއެކު 14 ވަނައިގައެވެ.

ފަހަކަށް އައިސް ލީގުގައި ބޮޑެތި ސްކޯތަކަކުން މޮޅުވަމުން އަންނަ ލިވަޕޫލުން ރޭގެ މެޗު ފަށައިގެން ނުވަ ވަނަ މިނަޓުގައި ވަނީ ލީޑު ނަގައިފައެވެ. އެ ޓީމުގެ ކެޕްޓަން ޖޯޑަން ހެންޑެސަން އެ ގޯލު ކާމިޔާބުކޮށްދިން އިރު، 19 ވަނަ މިނަޓުގައި އެ ޓީމުގެ ލީޑު ފުޅާ ކޮށްދިނީ ލީގުގެ ޓޮޕް ސްކޯރާގެ މަގާމުގައި މިވަގުތު އޮތް މުހައްމަދު ސަލާހުއެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕްއާއި ސަލާހު ރޭގެ މެޗަށްފަހު --- ފޮޓޯ/ލައިވްސްކޯ

ފުރަތަމަ ހާފު ނިމުމުގެ ކުރިން އެވަޓަންއިން ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. އެ ހާފުގެ 38 ވަނަ މިނަޓުގައި އެ ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑެމަރާއީ ގްރޭއެވެ.

ދެވަނަ ހާފު ފަށައިގެން އެވަޓަނުން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ކައުންޓާއެއްގައި ސަލާހު ވަނީ އޭނާގެ ދެވަނަ ގޯލު ކާމިޔާބުކޮށް ލިވަޕޫލްގެ ލީޑު ފުޅާ ކޮށްފައެވެ. މިއީ އޭނާ މިފަހަރުގެ ޕްރިމިއާ ލީގުގައި ކުޅުނު 14 މެޗުގައި ކާމިޔާބު ކުރި 13 ވަނަ ގޯލެވެ.

ލިވަޕޫލަށް މެޗު ނިމެންދަނިކޮށް ހަތަރު ވަނަ ގޯލެއް ޖަހައިދިނީ ޕޯޗުގަލްގެ ފޯވާށް ޑިއޭގޯ ޔޮޓާއެވެ.

މީގެ އިތުރުން ރޭ ރަށުން ބޭރުގައި އެސްޓަންވިޔާ އަތުން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ މޮޅުވީ 1-2 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ސިޓީ ދެވަނައިގައި އޮތީ 32 ޕޮއިންޓާއެކުއެވެ. އެ މެޗުގެ ބައްޔާއެކު އެސްޓަން ވިޔާ ވަނީ 13 ވަނައަށް ވެއްޓިފައެވެ.

ސިޓީއިން މެޗުގައި ޖެހި ދެ ގޯލު ވެސް ކާމިޔާބު ކުރީ ފުރަތަމަ ހާފުގައެވެ. އެ ހާފުގެ 27 ވަނަ މިނަޓުގައި ރުބެން ޑިއަޒްގެ ގޯލުން ސިޓީ ލީޑު ނެގިއިރު، 43 ވަނަ މިނަޓުގައި އެ ލީޑު ފުޅާކޮށްދިނީ ބާނޭޑޯ ސިލްވާގެ ހިތްގައިމު ވޮލީ ގޯލަކުންނެވެ. އެސްޓަންވިޔާއިން ޖެހި ހަމައެކަނި ގޯލު ދެވަނަ ހާފުގައި އެ ޓީމަށް ޖަހައިދިނީ ވާކިންސްއެވެ.

ލީގު ލީޑާސް، ޗެލްސީއިން ރޭ ވަޓްފޯޑް އަތުން މޮޅުވީ ވެސް 1-2 ގެ ނަތީޖާއަކުންނެވެ. ވަޓްފޯޑްގެ ދަނޑުގައި ކުޅުނު އެ މެޗުގައި ޗެލްސީއަށް ގޯލުތައް ކާމިޔާބުކޮށްދިނީ މޭސަން މައުންޓްއާއި ހަކީމް ޒިޔަޗެވެ. ވަޓްފޯޑްއަށް އެ މެޗުގައި ގޯލު ޖަހައިދިނީ އެމަނުއެލް ޑެނިސްއެވެ.

ރޭގެ މެޗުން ލިބުނު މޮޅާއެކު ޗެލްސީ އެއްވަނައިގައި އޮތީ 33 ޕޮއިންޓާއެކުއެވެ. މެޗުން ބަލިވި ވަޓްފޯޑް ވަނީ 17 ވަނައަށް ވެއްޓިފައެވެ.

comment ކޮމެންޓް