އެމެރިކާއާއި އީރާނާ ދެމެދު ވިއެނާގައި ކުރިޔަށްދާ ނިއުކްލިޔާ މަޝްވަރާ ތަކަށް އަަވަސް ކަޅިއެއް!

އީރާނުގެ ރައީސް އިބްރާހީމް ރައީސީ އާއި އެމެރިކާގެ ރައީސް ޖޯ ބައިޑެން

އީރާނުގެ ނިއުކްލިޔާ އެއްބަސްވުން އަލުން ދިރުވުމުގެ މަޝްވަރާތައް ވިއެނާގައި މިދިޔަ ހޯމަދުވަހު ފަށާފައިވާއިރު މަޝްވަރާތައް ފަށާފައިވަނީ އެވާހަކަތައް ހުއްޓިފައިވާތާ ފަސްމަސްފަހުންނެވެ. ވާހަކަތައް ހުއްޓުނީ އީރާނުގެ ރިޔާސީ އިންތިޚާބަށްފަހު އެގައުމުގެ ވެރިކަމަށް އައު ރައީސަކާއި އައު ސަރުކާރެއް (ކެބިނެޓެއް) އައުމާ ގުޅިގެންނެވެ.

މަޝްވަރާތައް ފެށުމާއެކު އީރާނުން ވަނީ އެގައުމުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމަށްޓަކައި 2015 ވަނައަހަރު ދުނިޔޭގެ ބޮޑެތި ބާރުތަކާއި އީރާނާ ދެމެދު ސޮއިކުރި ނިއުކްލިޔާ އެއްބަސްވުމަށް ބަދަލު ނުގެނެވޭނެކަމާއި އަދި އެ އެއްބަސްވުމުގައި ނުހިމެނޭ ކަމަކާބެހޭގޮތުން މަޝްވަރާ ނުކުރެވޭނެކަމަށް ބުނެ އެކަމާ ދެކޮޅު ހަދާފައެވެ.

އީރާނުން މިހެން ބުނެފައިވަނީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުން އަލުން ދިރުވުމަށްޓަކައި އީރާނާއި ބޮޑެތި ބާރުތަކުން ވިއެނާގައި މިހާރު ކުރިޔަށްދާ މަޝްވަރާތައް މިދިޔަ ހޯމަ ދުވަހު އަލުން ފެށުމާ ގުޅިގެން އެގައުމުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައެވެ.

ނިއުކްލިޔާ އެއްބަސްވުން އަލުން ދިރުވުމުގެ މަޝްވަރާތައް މިއަހަރުގެ ކުރީކޮޅު އަލުން ފެށީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން 2018 ވަނައަހަރު އެ އެއްބަސްވުމުން އެކަހެރިގޮތެއްގައި ވަކިވުމުގެ ސަބަބުންނާއި އެއެއްބަސްވުމާ ޚިލާފަށް ޓްރަމްޕްގެ ސަރުކާރުން އީރާނާދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާއެކު އީރާންވެސް އެއެއްބަސްވުމުގެ މާއްދާތަކާ ޚިލާފުވުމާ ގުޅިގެންނެވެ. އެއަށްފަހު ވާހަކަތައް މެދުކެނޑުނީ މިދިޔަ ޖޫންމަހުގެ ތެރޭގައެވެ.

ޖޫންމަހު މެދުކަނޑާލި މަޝްވަރާތައް ފަސް މަސް ފަހުން ވިއެނާގައި މިިދޔަ ހޯމަދުވަހު ފެށުމަށްފަހު މިހާތަނަށްވަނީ ތިން ޖަލްސާ ބާއްވާފައެވެ. މިޖަލްސާތައް ކުރިޔަށްދަނީ އެއްކޮޅުން އީރާން، އަނެއްކޮޅުން ދުނިޔޭގެ ބޮޑެތި ބާރުތައްކަމަށްވާ، ޗައިނާ، ފަރަންސޭސިވިލާތް، ޖަރުމަނު، ރަޝިޔާ އަދި އިނގިރޭސިވިލާތުގެ މަންދޫބުންގެ ވެސް ހާޒިރުގައެވެ.

ވިއެނާގެ މަޝްވަރާތަކުގައި އީރާނުން ސީދާގޮތެއްގައި އެމެރިކާއާ ވާހަކަދެއްކުމަށް ދެކޮޅު ހަދާފައިވާތީ އީރާނާއި އެމެރިކާއާދެމެދު މެދުވެރިއެއްގެ ބައި އަދާކުރަމުން ގެންދަނީ ޔޫރަޕްގެ އިއްތިހާދުންނެވެ. އީރާނުގެ ވަފްދުންވަނީ އެމެރިކާއިން އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާނުލަނީސް އެމެރިކާގެ ވަފްދާ ސީދާގޮތެއްގައި ބައްދަލުކުރުމަށްވެސް އަދި މަޝްވަރާކުރުމަށް އެންމެ ކުރިންވެސް ދެކޮޅު ހަދާފައެވެ.

އީރާން ބުނާގޮތުން ނިއުކްލިޔާ ވާހަކަތަކުގައި އެގައުމުގެ އަމާޒަކީ ނިއުކްލިޔާ އެއްބަސްވުމާ ޚިލާފަށް އެގައުމާދެކޮޅަށް އެމެރިކާ އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވުމާ އަދި 2015 ވަނައަހަރު ސޮއިކޮށްފައިވާ ގޮތަށް ބަދަލެއް ނުގެނަސް އެ އެއްބަސްވުމަށް އެމެރިކާ އަލުން އެނބުރި ރުޖޫއަވުމެވެ. އަދި މިއާއެކު އީރާންވެސް އެއެއްބަސްވުމަށް ފުރިހަމައަށް އަމަލުކުރަން ފެށުމެވެ.

އިސްރާއީލުގެ ފިއްތުންތަކާ ގުޅިގެން އެމެރިކާ ވަނީ ނިއުކްލިޔާ އެއްބަސްވުމަށް ބައެއް ބަދަލުތައް ގެނައުމަށް ހުށަހަޅާފައެވެ. މީގެތެރޭގައި އީރާނުގެ ބަލިސްޓިކް މިސައިލް ޕްރޮގްރާމް ހުއްޓާލުމާއި މެދުއިރުމަތީގައި އީރާން ގެންގުޅޭ ސިޔާސަތު ބަދަލުކުރުންވެސް މިއެއްބަސްވުމުގައި ހިމެނުން ހިމެނެއެވެ. މިކަމަށް އެމެރިކާ ވަރަށް ބޮޑަށް މަސައްކަތްކުރިއެވެ. ނަމަވެސް އީރާންވަނީ ކަނޑައެޅިގެން މިކަންކަމާ ދެކޮޅު ހަދާފައެވެ.

އީރާނުގެ ދެކޮޅު ހެދުންތަކާ ގުޅިގެން ވިއެނާގެ މަޝްވަރާތައް މިހާރު ކުރިޔަށްދަނީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި އެމެރިކާ އަލުން އެނބުރި އެއްބަސްވުމަށް ރުޖޫއަވުމާ އަދި އެއްބަސްވުމާ ޚިލާފަށް އީރާނުން ހިންގާ ނިއުކްލިޔާ ހަރަކާތްތައްވެސް ހުއްޓާލުމާބެހޭގޮތުން އެކަންޏެވެ.

އީރާނުގެ ނިއުކްލިޔާ ހަރަކާތްތައް ހުއްޓާލުމަށް އެއްބަސްވާގޮތަށް އީރާނުގެ ބަލިސްޓިކް މިސައިލް ޕްރޮގްރާމް ހުއްޓާލުން އެއްބަސްވުމުގައި ހިމެނުމަށް މަސައްކަތް ކުރުމުގައި އެމެރިކާގެ ބޭނުމަކީ އިސްރާއީލުގެ އަނިޔާވެރިކަމާއި އުދުވާނަށް ރައްދު ދެވޭފަދަ ބާރުވެރިކަން މިސައިލް ޕްރޮގްރާމުގެ ސަބަބުން އީރާނަށް ލިބިފައިވާތީ އެބާރުވެރިކަން ނައްތާލުމެވެ.

އެމެރިކާގެ ސްޓްރެޓެޖީއަކީ މެދުއިރުމަތީގައި އަސްކަރީ ބާރުވެރިކަން އޮންނަންޖެހޭނެ ހަމައެކަނި ގައުމަކީ އިސްރާއީލު ކަމަށް ހެދުމެވެ. ހަތިޔާރުގެ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވުމާއި އިސްރާއީލުގެ ހަމަލާތަކުން ދިފާއުވެވޭވަރުގެ ބާރެއް ހޯދަން މަސައްކަތް ކުރުމަކީ އެމެރިކާއާއި ޔޫރަޕާއި އިސްރާއީލުގެ ނަޒަރުގައި ބޮޑު ޖަރީމާއެކެވެ. ނުވަތަ ޓެރަރިޒަމްގެ އަމަލެކެވެ. ނިއުކްލިޔާ ހަތިޔާރުވެސް އަދި އެހެން ހަތިޔާރުވެސް އުފައްދަންޖެހޭނީ އަދި އުފެއްދުމުގެ ހަައްގު އޮންނަންޖެހޭނީވެސް އެމެރިކާއަށާއި އިސްރާއީލަށެވެ. ދެން އެމެރިކާގެ ޔޫރަޕްގެ ބައިވެރިންނަށެވެ.

އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމް ހުއްޓުވުމަށް ޓަކައި އެމެރިކާ އީރާނާއެކު ނިއުކްލިޔާ އެއްބަސްވުމެއްގައި ސޮއިކޮށް އެވަރުން ނުފުދިގެން ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި އަދި އަސްކަރީގޮތުން އީރާނަށް ބިރުދައްކަމުން ގެންދާއިރު އިސްރާއީލުގެ ނިއުކްލިޔާ ޕްރޮގްރާމާމެދު އެމެރިކާ އޮންނަނީ ލޯމަރާލައިގެންނެވެ. އެމެރިކާ އުޅެނީ އިސްރާއީލުގެ ނިއުކްލިޔާ ޕްރޮގްރާމަކީ ނެތްއެއްޗަކަށްވެސް ހަދައިގެންނެވެ.

ނަމަވެސް އިސްރާއީލަކީ ބައިނަލްއަގްވާމީ ގާނޫނާ ޚިލާފަށް ސިއްރިޔާތުގައި ގިނަ އަދަދަކަށް ނިއުކްލިޔާ ހަތިޔާރު އުފައްދައިގެން އުޅޭ ގައުމެެއްކަން މުޅި ދުނިޔެ ދަނެއެވެ. އަދި ނިއުކްލިޔާ ހަތިޔާރުން އަވަށްޓެރި ގައުމުތަކަށް ބިރު ދައްކަމުން ގެންދާ އަދި އަވަށްޓެރި އަރަބި ގައުމުތަކުގެ ނިއުކްލިޔާ ރިއެކްޓަރުތަކަށް ހަމަލާދީ އެތަންތަން ހަލާކު ކުރުމުގެ އުދުވާނީ ސިޔާސަތެއް ގެންގުޅޭ ގައުމެއްކަމީވެސް މުޅި ދުނިޔެ ދަންނަ ހަގީގަތެކެވެ.

އިސްރާއީލުން ސަތޭކައަށްވުރެ ގިނަ ނިއުކްލިޔާ ހަތިޔާރު އުފައްދާފައިވާއިރުވެސް އެމެރިކާ ގެންދަނީ އެއީ ނެތްއެއްޗަކަށް ހެދުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އަސްކަރީ ބާރުބޭނުންކޮށްގެން މުޅި ފަލަސްތީނުގެ އިސްތިމާރުކޮށްގެން އުޅޭ ގައުމަކީ އިސްރާއީލެވެ.

ނިއުކްލިޔާ ބާރުވެރިކަމާއި އެނޫން އަސްކަރީ ބާރުވެރިކަންވެސް އިސްރާއީލު ހޯދައިގެން އުޅެނީ ފަލަސްތީނުގެ ބިންތައް އިސްތިއުމާރުކޮށް ފަލަސްތީނުގެ ރައްޔިތުން އަޅުވެތި ކުރުމުގެ ބޭނުމުގައެވެ. އަނެއްކޮޅުން ސޫރިއާއާއި ލުބްނާންފަދަ ސަރަހައްދުގެ ގައުމުތަކަށް އުދުވާނީ ހަމަލާތައްދީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ކޮންމެ ދުވަހަކު ހަމަލާތައް ދެމުންގެންދާ އަނިޔާވެރި ގައުމަކީވެސް އިސްރާއީލެވެ.

މެދުއިރުމަތީގައި އީރާން ގެންގުޅޭ ސިޔާސަތު ބަދަލުކުރުމަށް އެމެރިކާ ބޭނުންވަނީ އިސްރާއީލުގެ އިސްތިއުމާރާ އަދި އަނިޔާވެރިކަމާ ދެކޮޅަށް ހަރަކާތްތެރިވާ ފަލަސްތީނުގެ ޖަމާއަތްތަކަށާ އަދި ލުބްނާނުގެ ހިޒްބުﷲ ޖަމާއަތަށް އީރާނުން އެހީތެރިކަން ފޯރުކޮށްދޭތީއެވެ. އީރާން ބުނާގޮތުން ސަރަހައްދުގައި އީރާން ގެންގުޅޭ ސިޔާސަތުތަކާބެހޭގޮތުން ވާހަކަދައްކާނީ ސަރަހައްދުގެ ގައުމުތަކާއެކުގައެވެ. އެމެރިކާފަދަ ސަރަހައްދުން ބޭރު ގައުމަކާއެކުގައެއް ނޫނެވެ.

އަނެއްކޮޅުން އިސްރާއީލުން އަމިއްލައަށް ހަތިޔާރު އުފައްދައި އަދި އެމެރިކާގެ އެންމެ ޒަމާނީ ހަތިޔާރު ބޭނުންވަރަކަށް އިސްރާއީލަށް ފޯރުކޮށްދޭއިރު އެކަމާ އަޅާނުލައި ހަމައެކަނި އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމާ އަދި އީރާނުގެ ބަލިސްޓިކް މިސައިލް ޕްރޮގްރާމް ހުއްޓުވަން އެމެރިކާ މަސައްކަތްކުރުމުގެ ބޭނުމަކީ އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ރައްދު ދެވޭފަދަ ގައުމެއްގެ ގޮތުގައި އީރާން މިހާރު އޮތްއޮތުން ނިމުމަކަށް ގެނައުމެވެ.

އެހެން އިބާރާތަކުން ދަންނަވާނަމަ އެމެރިކާގެ ބޭނުމަކީ ބޭނުންވަގުތަކު ބޭނުން ގައުމަކަށް ހަމަލާދެވޭފަދަ ހާލަތެއްގައި އަބަދުވެސް އޮންނަންޖެހޭނެ ގައުމަކީ އިސްރާއީލުކަމަށް ހެދުމެވެ. އަދި އިސްރާއީލަށް ރައްދު ދެވޭފަދަ ހާލަތެއްގައި އޮތުމުގެ އެއްވެސް ފުރުސަތެއް އަރަބި އަދި އިސްލާމީ ގައުމަކަށް ނުދިނުމެވެ.

އިސްރާއީލު ގެންދަނީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އަލުން އެނބުރި ރުޖޫއަވުމަށާއި އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އެމެރިކާ އެއްބަސްވެދާނެތީ އެކަން ނުކުރުމަށް އެމެރިކާ ސަރުކާރަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތި ކުރަމުންނެވެ. ނަމަވެސް މިކަންކަމަށް އެމެރިކާ އެއްބަސް ނުވެއްޖެނަމަ ނިއުކްލިޔާ ހަތިޔާރު ހެދުމުގެ މަރުހަލާއަށް ލަސްތަކެއްނުވެ އީރާން ދާނެކަން އެމެރިކާއަށް އެނގޭތީ ވިއެނާގެ ވާހަކަތަކުގައި އީރާނާއެކު އެއްބަސްވުމަކަށް ދިޔުންނޫން އެހެން ފުރުސަތުތަކެއް އެެމެރިކާއަށް ނެތްކަމަށް ތަޖްރިބާކާރުން ދެކެއެވެ.

އަސްކަރީ ބާރުބޭނުންކޮށްގެން އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމް ނުހުއްޓުވޭނެކަން ހަގީގަތުގައި އެމެރިކާއަށްވެސް އެނގެއެވެ. އަނެއްކޮޅުން ޗައިނާއާ ކުރިމަތިލުމަށް އެމެރިކާގެ ހުރިހާ ހަކަތައެއް ހުސްކުރަން ބޭނުންވާތީ އެމެރިކާވަނީ އަފްޣާނިސްތާނުންވެސް ނާކާމިޔާބީގައި ފައިބާފައެވެ. އަފްޣާން ތާލިބާނުންގެ މައްޗަށް ކާމިޔާބު ނުހޯދުމުން އީރާނާ ދެކޮޅަށް ހަނގުރާމަކޮށްގެން ކާމިޔާބު ލިބޭނެ ކަމަށް ބަލައިގެން ނުވާނެއެވެ. އީރާނާ ހަނގުރާމަފެށުމަކީ މުޅި މެދުއިރުމަތި ހަނގުރާމައެއްގެ ތެރެއަށް ވެއްޓޭނެކަމެއްކަންވެސް އެމެރިކާ ދަނެއެވެ. އެއީ އެފަދަ ހަނގުރާމައެއްގައި އީރާނަށް މަދަދުދޭ ހިޒްބުﷲ ފަދަ އަސްކަރީ ޖަމާއަތްތައް ބައިވެރިވާނެތީއެވެ.

އިސްރާއީލަކީ ހިޒްބުﷲ އާވެސް އަދި ފަލަސްތީނުގެ ހަމާސް ޖަމާއަތާ ކުރިމަތިލައިގެން އަސްކަރީ ގޮތުން ކާމިޔާބު ހޯދުމަށް ނުކުޅެދިފައިވާ އިސްތިއުމާރީ އެންޓިޓީއެކެވެ. މި ހަގީގްތައް މިހެން ހުރިކަމަށްވިޔަސް އީރާނުގެ ނިއުކްލިޔާ ސައިޓްތަކަށް ހަމަލާދޭނެކަމުގެ އިންޒާރުތައް އިސްރާއީލުން ކުރިންވެސް އަދި މިހާރުވެސް ދެމުން ގެންދެއެވެ. މިއީ މީގެ ވިއްސަކަށް އަހަރު ކުރިން ފެށިގެންވެސް އިސްރާއީލު ދެމުންގެންދާ ނަމަވެސް އަމަލީ ސިފަ ނާންނަ އިންޒާރުތަކެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް