ޔާމީނަށް ސެކިއުރިޓީ ދީފި، ދެން ބޭނުންވަނީ އިނާޔަތްތައް

ރައީސް އަބްދުﷲ ޔާމީން އިއްޔެ ކޯޓަށް ވަޑައިގަތުމަށް ވެހިކަލަށް އަރާވަޑައިގަންނަވަނީ-- ސަން ފޮޓޯ: އަހުމަދު އައިމަން އަލީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކްރިމިނަލް ކޯޓުން ކުރި ފަސް އަހަރުގެ ޖަލު ހުކުމް، އިއްޔެ ސުޕްރީމް ކޯޓުން ބާތިލް ކުރުމާ ގުޅިގެން އެމްއެންޑީއެފްއިން އެމަނިކުފާނަށް ސެކިއުރިޓީ ދޭން ފަށައިފިއެވެ.

ގާނޫނު ބުނާގޮތުން ކުރީގެ ރައީސުންނަށް ލިބޭ އިނާޔަތްތަކުގެ ތެރޭގައި ސެކިއުރިޓީ އާއި ފައިސާގެ އިތުރުން އޮފީހެއް ހިންގުމުގެ ހަރަދު ހިމެނެއެވެ. ޖަލަށް ލާން ހުކުމް ކުރި ހިސާބުން އެ އިނާޔަތްތައް އޮތީ މެދުކެނޑިފައެވެ.

އިއްޔެ ޖަލު ހުކުމުން މިނިވަންވެ ވަޑައިގެން ޔާމީން ގެއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލު ކުރެއްވީ ވެސް ސިފައިންގެ ސެކިއުރިޓީއާ ނުލައެވެ. މިނިވަންވި ހިސާބުން ސިފައިން ސެކިއުރިޓީ ހަމަޖައްސައި ނުދިނީތީ ޔާމީންގެ ވަކީލުން ވެސް ކަންބޮޑުވުން ފާޅުކުރިއެވެ.

އިދިކޮޅު ކޯލިޝަންގެ ތަރުޖަމާން، ހީނާ ވަލީދު މިއަދު "ސަން" އަށް ވިދާޅުވީ ރެއިން ފެށިގެން ސިފައިން ޔާމީނަށް ސެކިއުރިޓީ ދޭން ފަށައިފައިވާ ކަމަށެވެ.

ނަމަވެސް ކުރީގެ ރައީސުންނަށް ދޭ އިނާޔަތް އަދި ނުލިބޭ ކަމަށާއި އެކަން ވަރަށް އަވަހަށް ހަމަޖެހިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ހީނާ ވިދާޅުވިއެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރަ ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައިވާ ޔާމީނަށް ކޮށްފައިވާ ހުކުމް ބާތިލްކޮށް އެމަނިކުފާނު މިނިވަންކުރަން ސުޕްރީމް ކޯޓުން ނިންމައިފައިވަނީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ގއ. ވޮޑަމުއްލާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެ، ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ، ނޮވެމްބަރު 28، 2019ގައެވެ.

އެ މައްސަލަ ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދު ކުރުމަށް ނިންމައިފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ. އެ މައްސަލަ އިސްތިއުނާފު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅީ މިއަހަރުގެ އޭޕްރީލް 19ގައިއެވެ.

comment ކޮމެންޓް