ޖިންސީ ފުރައްސާރައިގެ ސަބަބުން އަންހެނުންނަށް މަގުތައް ބިރަކަށް ވެފައި!

އައިމިނަތު ރިޝްފާ، 38، އަށް މިހާރު މަގުމައްޗަށް ނުކުތުން ވަނީ ބިރަކަށް ވެފައެވެ. އެހެން ވާން ފެށީ ކުރަން ޖެހުނު ބިރުވެރި ތަޖުރިބާއަކަށް ފަހުގައެވެ. މި ފަހުން އެއް ރެއަކު 8:30 ކަންހާއިރު މަޖީދީމަގު، ލަގްޒަރީ ފިހާރަ ކައިރިން ހިނގާފައި ދަނިކޮށް ކައިރިން ދިޔަ ފިރިހެނަކު ހިފީ ރިޝްފާގެ ފުރަގަހުގެ ލަދުވެތި ގުނަވަނުގައެވެ. އޭގެ ސަބަބުން ވީ އުނދަގޫތަކުން އަދިވެސް އޭނާއަށް އަރައި ނުގަނެވެއެވެ.

"ވަރަށް ލަދުވެސް ގަތް. ރުޅިވެސް އައި. ދެރަވެސްވި. މިހާރު ހަމަ ހީވަނީ ކައިރިން މީހަކު ދާއިރަށް އެ އުޅެނީ ބެހެންށޭ. ވަރަށް ވަރަށް އުނދަގޫވޭ،" މިހާރު ތަޖުރިބާ ކުރަމުން އަންނަ ކަންތައް ކުރުގޮތަކަށް ރިޝްފާ ކިޔައިދިނެވެ.

ނަފްސާނީ ގޮތުން ރިޝްފާއަށް ކޮށްފައިވާ އަސަރުން އަރައިނުގަނެވި އުޅެނިކޮށް ދެން ދިމާވީ އެފަދަ މާ ހިތްދަތި ކަމެކެވެ. ގްރޭޑް 10 ގައި ކިޔަވާ އޭނާގެ އަންހެން ދަރިފުޅު ގޮވައިގެން ގެއަށް ދިޔަ މަގުމަތިން ބިދޭސީއަކު އެ ކުއްޖާއަށް ވެސް ޖިންސީ ގޯނާ ކުރީއެވެ. ހަމަ ފުރަގަސް ފަރާތުގައި ހިފައިގެންނެވެ.

ރޭޕްއާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާގެ ތެރެއިން: މަގުމަތީގެ ފުރައްސާރަ ރާއްޖޭގައި އިތުރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ދަރިފުޅު ބުނެފި ކުއްލިއަކަށް މަންމާ އެއޮށް ހިފީއޭ. ދެން އަޅުގަނޑު ބަލާލިއިރު ބިދޭސީއެއް. އޭނާ ބުނެފި އަތް ޖެހުނީއޭ ހިފީއެއް ނޫނޭ. އަޅުގަނޑު ބުނިން އަތް ލެވުނީއޭ ކިޔާނެ ކަމެއް ނެތޭ. އެހެން ބުނީމަ އޭނަ ގޮސްފި. ދަރިފުޅު ވަރަށް ރުއި އެދުވަހު. އަދިވެސް ބޭރަށް ނުދާން އުޅޭ،" އަސަރާއެކު ރިޝްފާ ކިޔައިދިނެވެ.

އެ ދެމައިން އެ ތިބީ އުނދަގޫ ހާލަތެއްގައެވެ. ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. އެ ދެމައިން ތަޖުރިބާކުރި އެ ދެ ކަންތަކުންވެސް ރާއްޖޭގައި ފުރައްސާރަ އޮތްމިންވަރު ހާމަވާނެއެވެ. މަގުމަތިން ފުރައްސާރައަކާ ކުރިމަތިލާން ނުޖެހޭ އަންހެނަކު މަދުވާނެއެވެ. މަގުތަކުގައި އަންހެން ކުދިންނަށް ފުރައްސާރަ ކުރުމަކީ ޒަމާންވީ، ނާތަހުޒީބީ އަމަލެކެވެ. ހޫ ގޮވާލުމުން ފެށުނު އެކަންތައް މައްޗަށް ދަމުން ގޮސް މިހާރު ގަޔަށް އަތްލާ ހިސާބަށް މިވަނީ ގޮސްފައެވެ. އެވަރުން ނިމުނީއެއް ނޫނެވެ. މަގުމަތިން ހިނގާފައި ދާ އަންހެނުންނަށް ޖިންސީ ގުނަވަން ދެއްކުމަކީ ވެސް ފުރައްސާރަ ކުރުމުގެ ގޮތުން ބައެއް ފިރިހެނުން ކޮށް އުޅޭ ކަމެކެވެ. މިފަދަ މައްސަލަތައް ވެސް އިތުރެވެ.

މިނިވަންކަން މަތީ އެއްތަނުން އަނެއް ތަނަށް ގޮސް އުޅުމާއި ބިރެއް ނެތި މަގުތައް ބޭނުންކޮށް ހެދުމުގެ ފުރުސަތު އެންމެނަށް ވެސް އޮންނަން ޖެހެއެވެ. ނަމަވެސް ހަގީގަތަކީ އެ މިނިވަންކަން ދިވެހި އަންހެނުންނަށް އެންމެ ފުރިހަމަ ގޮތުގައި ނުލިބޭ ކަމެވެ. މާލޭ މަގުތަކުގައި ފުރައްސާރަ ވަރަށް ވެސް އިތުރެވެ.

"އަހަރެން ހިތަށް އަރާ ކީއްވެބާއޭ އެހެން އެ އުޅެނީ؟ އަހަރެމެންނަށް ވެސް ބިރެއް ނެތި ބޭނުންތާކަށް ގޮސް އުޅެވެން ޖެހޭނެ ދޯ؟ ހަމަ ފޮށެން ޖެހޭތަ؟" ފުރައްސާރައާ ދެކޮޅަށް ވާހަކަ ދައްކަމުން މަރިޔަމް ހަސަން، 32 ބުންޏެވެ.

މިއީ ޒަމާންވީ މައްސަލައެކެވެ. ހައްލެއް ނުފެނެއެވެ. ދުވަހުން ދުވަހަށް މިފަދަ މައްސަލަތައް ދަނީ އިތުރުވަމުންނެވެ.

ފުރައްސާރައިގެ މައްސަލަ ހުށަހަޅާވަރު އިތުރު

ފުލުހުން ބުނާގޮތުގައި އަންހެނުންނަށް ކުރާ ގޯނާތަކާއި ޖިންސީ ފުރައްސާރައިގެ އިތުރުން ނުރުހުމުގައި ގައިގައި އަތްލުމުގެ މައްސަލަތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ހުށަހަޅާ މިންވަރު މިހާރު އިތުރެވެ.

"ހުށަހެޅޭ މައްސަލަތަކުން މި ފާހަގަވަނީ އަންހެނުން މަގުމަތީގައި، ޕޭވްމަންޓް ތަކުން ހިނގާފައި ދާއިރުގައި ފަހަތުން އަންނަ މީހުން ނުވަތަ ކުރިމަތިން އަންނަ މީހުން އަންހެނުންނަށް އެކި ބާވަތްތަކުގެ ޖިންސީ ނޫނިއްޔާ ނުރުހުމުގައި އަތްލުމުގެ ކަންކަން ހިނގަމުން ދާކަން. ހަމަ ނުދަންނަ މީހުން. ބައެއް ފަހަރު އެބަހުރި ކުރިން އެނގޭ ފަރާތްތަކުން ވެސް އެކަހަލަ ކަންކަން ކޮށްފައި،" ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ވެރިޔާ މުހައްމަދު ބަޝީރު ވިދާޅުވިއެވެ.

އެފްސީޕީޑީގެ ވެރިޔާ މުހައްމަދު ބަޝީރު-- ސަން ފޮޓޯ

އެފަދަ އަމަލުތައް ހިންގާ މީހުންގެ ތެރޭގައި ދިވެހީންގެ އިތުރުން ބިދޭސީން ވެސް ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.

ފުރައްސާރަ ކުރަނީ މާލޭގެ ވަކި ހިސާބުތަކެއްގައިކަން ފާހަގަ ނުކުރެވޭ ކަމަށާއި ނަމަވެސް މީހުން މަދުން އުޅޭ މަގުތަކާއި ގޯޅިތަކުގެ އިތުރުން އަނދިރި ހިސާބުތަކުގައި އެފަދަ އަމަލުތައް ހިންގާ މިންވަރު އިތުރު ކަމަށް ބަޝީރު ވިދާޅުވިއެވެ. އެހެންކަމުން އެފަދަ މަގުތަކުން ހިނގުމުގައި އިތުރަށް ސަމާލުވާން އޭނާ އިލްތިމާސް ކުރެއްވިއެވެ.

ފުރައްސާރަ ކުރުމުން އެކަން ކުރި މީހާގެ ފޮޓޯ އާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރު ކުރަން ފަށައެވެ. މަގުމަތިން ފުރައްސާރަ ކޮށްގެން ދޭތެރެ ދޭތެރެއިން މީހުން ދަނީ ހައްޔަރު ކުރަމުންނެވެ. ބަޝީރު ވިދާޅުވިގޮތުގައި ފުރައްސާރަ ކޮށްގެން ހުށަހަޅާ ހުރިހާ މައްސަލައެއް ވެސް ފުލުހުން ތަހުގީގު ކުރެއެވެ. ނަމަވެސް އެކަށީގެންވާ ހެކި ނުލިބުމަކީ އެފަދަ މައްސަލަތަކުގައި ދައުވާ ކުރަން ފޮނުވުމަށް އޮތް ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވެއެވެ. އެކަން ހައްލު ކުރުމަށް އެފަދަ މައްސަލަތައް އަވަހަށް ޕޮލިހުންނަށް ހުށަހެޅުމަށް ބަޝީރު އިލްތިމާސް ކުރައްވައެވެ.

"އެ ސަރަހައްދުގައި ތިބި ބައެއްގެ ސަމާލުކަމަށް ގެނައުން. އޭރުން ޔަގީނުން ވެސް ކޮންމެ ވެސް ބަޔަކަށް ކަމެއް ހިނގިކަމުގެ ވިޓްނަސް ދެވޭވަރު ވާނެ. ހަމައެއާއެކު އަމިއްލަ ފޯނުން ނުވަތަ އެކަމެއް ހިނގާ މީހަކު ކުރާ ވީޑިއޯއެއް އޮތިއްޔާ އެއީ އަޅުގަނޑުމެންނަށް ބޭނުން ކުރެވޭނެ އެއްޗެއް،" ބަޝީރު ވިދާޅުވިއެވެ.

ނާތަހުޒީބީ އެ އަމަލު ރާއްޖޭގައި ހިންގުން މިވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެފަދަ ކަންކަން ހުއްޓުވުމަށް ހޭލުންތެރިކަން ވެސް އިތުރު ކުރަން ޖެހެއެވެ. އެއާއެކު ކުށްކުރާ މީހުންނަށް އަދަބު ދޭން ވެސް ޖެހެއެވެ. މަގުތަކަކީ އަންހެނުންނަށް ވެސް ރައްކާތެރި ތަނަކަށް ހަދަން މިވަނީ ޖެހިފައެވެ. މިއަދުގެ ހާލަތު އޮތީ އެގޮތަކަށް ނޫނެވެ.

comment ކޮމެންޓް