ފަލަސްތީނުގެ ރައްޔިތުންނަށް ހައްގުވަނީ އަމިއްލަ ދައުލަތެއް އޮތުމުގެ އުފާ: ޝާހިދު

އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު، އ.ދގެ ރިޔާސަތުގައި--

ފަލަސްތީނުގެ ރައްޔިތުންނަަށް ހައްގުވަނީ އަމިއްލަ މިނިވަން ދައުލަތެއްގެ މަތީ ގާއިމްވެ ތިބުމުގެ އުފާކަމަށް އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ފަލަސްތީނުގެ ރައްޔިތުންނާއެކު ބައިނަލްއަގްވާމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޝާހިދު ދެއްކެވި ވާހަކަފުޅުގައި އޭނާ ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުން ތިބީ އަމިއްލަ ދައުލަތެއް ބިނާކުރުމުން މަހުރޫމުވެފައިކަމަށެވެ. އަދި ދުނިޔޭގެ ކުރިމަތީގައި އެމީހުންގެ ހައްގުތަކަށް ވަކާލާތުކުރުކުގެ ފުރުސަތު ވެސް ނެތްކަމަށެވެ.

"އަޅުގަނޑުމެން އެބަޖެހޭ މިއަށްވުރެ ރަނގަޅަށް މަސައްކަތް ކުރަން.
އެ ސަރަހައްދުގެ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ އަޅުގަނޑުމެންގެ މައްޗަށް އޮތް ވާޖިބެއް.
ފަލަސްތީނުގެ ރައްޔިތުންނަށް ހައްގުވަނީ މިހާރު އޮތް ނިކަމެތި ހާލަތަށްވުރެ މާ ރަނގަޅު ހާލަތެއް. އެމީހުންނަށް ހައްގުވަނީ، އަމިއްލަ ދައުލަތެއް ބިނާކުރުމަށް ދެކޭ ހުވަފެން ހަގީގަތަކަށްވެ އެ ކަން ހާސިލްވުން،" ޝާހިދު ވިދާޅުވިއެވެ.

ފަލަސްތީނުގެ ހާރިޖީ ވަޒީރާ މިނިސްޓަރު ޝާހިދު ބައްދަލު ކުރެއްވުން -- ފޮޓޯ: ޓްވިޓާ

އޭނާ ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަން ދައުލަތެއް ގާއިމްކުރުމަށް ގޮންޖެހުންތަކާ ކުރިމަތިވަނީ އިސްރާއިލުން ބޯޑަރުގެ ބޭރުން ކުރަމުންދާ ގާނޫނާ ހިލާފު އަމަލުތަކުގެ ސަބަބުންކަމަށެވެ.

އެއާއެކު ގާޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދަށްކަމަށް ޝާހިދު ވިދާޅުވިއެެވެ. އެ ގޮތުން ގާޒާގެ ރައްޔިތުންނަށް ފެނާއި ކަރަންޓުގެ އިތުރުން ބޭސްފަރުވާއާއި ތައުލީމު އުނގެނުމުގެ ފުރުސަތު ވެސް ހަނިކަމަށް ވިދާޅުވިއެވެ. އަދި ކޮވިޑާއެކު ހާލަތު އިތުރަށް ގޯސްވީކަމަށް ވެސް ވިދާޅުވިއެވެ.

އެއާއެކު ޝާހިދުވަނީ ފަލަސްތީނު ރެފިއުޖީންގެ ބޭނުންތައް ފުރިހަމަކުރުމަށް ބޭނުންވާ މާލީ އެހީ ފޯރުކޮށްދިނުމުގައި އެހީތެރިވުމަށް މުޅި ދުނިޔެއަށް ގޮވައިލައްވައިފައެވެ.

އަަދި މިނިވަން ދައުލަތެއް ގާއިމްކޮށް، ފަލަސްތީނު ރައްޔިތުންގެ ހައްގުތަކަށް ވަކާލުތުކޮށްދިނުމަށް އެހީތެރިވުމަށް ވެސް ބައިނަލްއަގްވާމީ ދުނިޔެއަށް ގޮވައިލެއްވިއެވެ.
"ޖެނެރަލް އެސެމްބްލީގެ ރައީސްގެ ހައިސިއްޔަތުންނާއި، ކެރިއަރުގެ ހުރިހާ ހިސާބެއްގައި ވެސް މެދުއިރުމަތީގެ ސުލްހަ އަށް ގޮވާލަމުން އައި މީހެއްގެ ހައިސިއްޔަތުން، އަޅުގަނޑު ފަލަސްތީނު ރައްޔިތުންގެ ފަރާތުން ވަކާލާތުކުރުމުގައި ދެމިހުންނާނަން. އެމީހުންގެ ހައްގުތަކަށް އަޑުއުފުލުމުގައި ކުރިއަށްދާނަން،" ޝާހިދު ވިދާޅުވިއެވެ.

comment ކޮމެންޓް