މެސީ ހަތް ވަނަ ފަހަރަށް ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދައިފި

މިހާރު ކުރިއަށްދާ ބެލަންޑޯ އެވޯޑް ހަފުލާގައި މެސީ ---

ފްރާންސްގެ ފުޓުބޯޅަ މަޖައްލާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލަންޑޯ އެވޯޑު ހަތް ވަނަ ފަހަރަކަށް އާޖެންޓީނާއާއި ޕީއެސްޖީއަށް ކުޅެމުން އަންނަ ލިއޮނެލް މެސީ ހޯދައިފިއެވެ.

ފްރާންސްގެ ޕެރިހުގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި ހަފުލާގައި މެސީއަށް ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބުނު އިރު، އޭނާއާ އެންމެ ގާތުން ވާދަކުރީ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ރޮބާޓް ލެވަންޑޮސްކީއެވެ.

ލެވަންޑޮސްކީ ވަނީ މި ހަފުލާގައި އަހަރުގެ އެންމެ މޮޅު ސްޓަރައިކަރުގެ މަގާމުވެސް ހޯދައިފައެވެ. ގައުމީ ޓީމާއި ކުލަބު ފެންވަރުގައިވެސް ތަފާތު މޮޅުކުޅުމެއް ދައްކަމުން އަންނަ ލެވަންޑޮސްކީ ވަނީ މި ސީޒަނުގެ މިހާތަނަށް ބަޔާން އަށް ކުޅެދިން 20 މެޗުން 25 ލަނޑު ކާމިޔާބު ކޮށްދީފައެވެ. އަދި މިހާތަނަށް ބަޔާން އަށް އޭނާ ކުޅެދިން 354 މެޗުން ލެވަންޑޮސްކީ ވަނީ 319 ލަނޑު ކާމިޔާބު ކޮށްދީފައެވެ.

ފާއިތުވީ ސީޒަނުގައި އެކަނިވެސް ލެވަންޑޮސްކީ ވަނީ ބަޔާން އަށް ކުޅެދިން 40 މެޗުން 48 ލަނޑު ކާމިޔާބު ކޮށްފައެވެ. 2020/2021 ވަނަ އަހަރުގެ ފުޓުބޯޅަ ސީޒަނުގައި ލެވަންޑޮސްކީ ވަނީ ބަޔާން އާއިއެކު ޔޫރަޕުގެ ގޯލްޑަން ބޫޓު އެވޯޑްވެސް ކާމިޔާބު ކޮށްފައެވެ.

އެ އެވޯޑްގެ ތިންވަނަ ހޯދައިފައި ވަނީ މިއަހަރުގެ ޔޫރޯ މުބާރާތާއި، ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ޖޯޖީނިއޯއެވެ. އޭގެ ފަހަތުން ހަތަރު ވަނަ ހޯދީ ރެއާލްގެ ކަރީމް ބެންޒެމާއެވެ. އަދި ފަސްވަނަ ހޯދީ ޗެލްސީއަށް ކުޅެމުން އަންނަ އެންގޯލޯ ކާންޓޭއެވެ.

މިފަހަރުގެ އެވޯޑްގެ ހަ ވަނަ ހޯދީ މީގެ ކުރިން ފަސް ފަހަރަކު ބެލަންޑޯ ކާމިޔާބު ކުރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއީ 2010 ވަނަ އަހަރަށް ފަހު ރޮނާލްޑޯއަށް މި އެވޯޑްގެ ގަދަ ފަހަކުން ފުރުސަތު ގެއްލުނު ފުރަތަމަ ފަހަރެވެ.

މެސީ މިރޭގެ އެންމެ ޝަރަފުވެރި އެވޯޑް ހޯދި އިރު، މިއީ އޭނާ އެ އެވޯޑް ހާސިލް ކުރި ހަތްވަނަ ފަހަރެވެ. އޭނާ އެންމެ ފަހުން 2019 ވަނަ އަހަރުގެ ބެލަންޑޯ ކާމިޔާބު ކުރި އިރު، މިދިޔަ އަހަރުގެ ބެލަންޑޯ އެވޯޑް ހޮވާފައެއް ނުވެއެވެ.

މެސީ ވަނީ މިއަހަރު ބްރެޒިލުގައި އޮތް ކޮޕާ އެމެރިކާ މުބާރާތް ކާމިޔާބުކޮށްފައެވެ. މިއީ އާޖެންޓީނާއާ އެކު އޭނާ ކާމިޔާބު ކުރި ފުރަތަމަ ތަށްޓެވެ. އޭނާ ވަނީ އެ މުބާރާތުގެ ޓޮޕް ސްކޯރާގެ މަގާމާއެކު މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފައެވެ.

މީގެ އިތުރުން މެސީ ވަނީ ބާސެލޯނާއާއެކު ކޮޕަ ޑެލް ރޭ ޓްރޮފީ ހޯދައިފައެވެ.

މިރޭގެ ހަފުލާގައި 2021 ވަނަ އަހަރުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސްޕެއިން އާއި ބާސެލޯނާގެ ޒުވާން ތަރި ޕެޑްރީއެވެ. އުމުރުން 19 އަހަރުގެ ޕެޑްރީ މި އެވޯޑް ހާސިލްކުރީ އިނގިރޭސިވިލާތުގެ ޖޫޑް ބެލިންގްހަމް އާއި މޭސަން ގްރީންވުޑްގެ އިތުރުން ޕޯޗުގަލްގެ ނޫނޯ މެންޑޭޒް އަދި ޖަރުމަނުގެ ޖަމާލް މުސިއާލާ އާއި ވާދަކޮށެވެ.

މީގެ އިތުރުން އެންމެ މޮޅު ކީޕަރަކަށް ހޮވުނީ އިޓަލީއަށް ޔޫރޯ 2020 ކާމިޔާބު ކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ޒުވާން ކީޕަރު ޖިއާންލުއިޖީ ޑޮންނަރުއްމާއެވެ.

comment ކޮމެންޓް