މަދަނީ އިޖުރާއަތުގެ ބިލު ފާސްކޮށްފި

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ޖުޑިޝަރީ ކޮމިޓީން ހުށަހެޅި އިސްލާހުތަކާއެކު، ރައްޔިތުންގެ މަޖިލީހުން މިރޭ މަދަނީ އިޖުރާއަތުގެ ބިލް ފާސްކޮށްފިއެވެ.

މަދަނީ އިޖުރާއަތުގެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އަދި އެ ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާ ނިމި، ރައްޔިތުންގެ މަޖިލީހަށް ބިލު ބަލައިގަނެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވުނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފެވެ.

ޖުޑިޝަރީ ކޮމިޓީން އެ ބިލް ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ފާސްކުރުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުން މި ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 53 މެމްބަރުންގެ އިއްތިފާގުންނެވެ.

ކޮމިޓީ ރިޕޯޓަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އަދި ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީ ވަނީ 17 އެޑިޓޯރިއަލް އިސްލާހެއް ހުށަހަޅުއްވާފައެވެ. މި އިސްލާހުތަކަށް މަޖިލީހުގައި ވަނީ ވަކިވަކިން ވޯޓަށް އަހައިފައެވެ.

ސަރުކާރުގެ ފަރާތުން މަދަނީ އިޖުރާއަތުގެ ބިލު ފުރަތަމަ ރައްޔިތުންގެ މަޖިލީހަށް ފޮނުވީ މައިގަނޑު ހަ ބައެއްގެ މައްޗަށެވެ. އޭރު އެ ބިލުގެ 31 ބާބުގައި 379 މާއްދާ ހިމެނެއެވެ. އަދި، ސަރުކާރުން އިސްލާހުކޮށް ފޮނުވި މަދަނީ އިޖުރާއަތުގެ ބިލުގެ ޑްރާފްޓު މިދިޔަ ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު ކޮމިޓީއަށް ފޮނުވިއިރު މަދަނީ އިޖުރާއަތުގެ ބިލަށް ވަނީ ބޮޑެތި
ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، މި ބިލުގައި 36 ބާބު ހިމަނާފައިވާއިރު، ބިލުގެ މައްދާތަކުގެ އަދަދު 429 އަށް ވަނީ އިތުރުވެފައެވެ. އަދި ބިލުގެ އެކި ބައިތައް އިސްފަސްކޮށް، ފަސޭހައިން މަދަނީ މައްސަލަތަކުގެ އިޖުރާއަތްތައް ދެނެގަނެވޭނެގޮތަށް ބިލުގެ މާއްދާތައް ތަރުތީބުކޮށްފައިވެއެވެ.

މި ބިލުގެ ފުރަތަމަ ބައިގައި ހިމަނާފައިވަނީ އިބްތިދާއީ މާއްދާތަކެކެވެ. އެގޮތުން، ޝަރީއަތްކުރުމުގެ ހަމަތަކާއި ކޯޓުގެ އާންމު ވާޖިބުތަކާއި ބާރުތަކާއި، ކޯޓުތަކުގެ އިހުތިސޯސްތައް މި ބައިގައި ހިމަނާފައިވެއެވެ. އަދި، މަދަނީ މައްސަލަތަކުގައި ދައުވާކުރެވޭނެ މުއްދަތުތަކާއި، އެ މުއްދަތުތައް ކަނޑައެޅުމުގައި އިސްތިސްނާވާ ހާލަތްތައްވެސް ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، މަދަނީ މައްސަލައެއްގައި ހިމެނޭ ޚަޞްމުންނާ ގުޅުންހުރި މާއްދާތައްވެސް ހިމަނާފައިވެއެވެ.

މި ބިލުގެ ދެވަނަ ބައިގައި ހިމަނާފައިވަނީ ޝަރީއަތުގެ ކުރީގެ މަރުހަލާއާ ގުޅުންހުރި މާއްދާތަކެވެ. އެގޮތުން، ދައުވާކުރުމާއި، ދައުވާއާ ގުޅޭ އާންމު އުސޫލާއި، ހާއްސަ ބާވަތްތަކުގެ ދައުވާއާއި އިހުތިލާފެއް ނުވާ ބާވަތުގެ މައްސަލަތަކުގައި ދައުވާކުރުމުގެ ހާއްސަ އިޖުރާއަތާއި، ކޯޓުން ދައުވާ ބަލައިގަތުމާއި ދައުވާލިބޭ ފަރާތަށް ރައްދުކުރުމާއި، ދައުވާއަށް ރައްދުދިނުމާއި ކޯޓުގެ އިހުތިސޯސާ މެދު ސުވާލު އުފެއްދުމާއި، ޣައިރު ހާޒިރުގައި ކުރާ ހުކުމާއި، ދައުވާއަށް އެއްބަސްވުމާއި، ދައުވާގެ ދިފާއާއި ޖަވާބާއި، ރައްދު ދައުވާއާއި އިތުރު ދައުވާއާއި ޝަރީއަތް ހިންގުމަކާ ނުލައި މައްސަލަ ނިންމުމާ ގުޅުންހުރި މާއްދާތައް މި ބައިގައި ހިމަނާފައިވެއެވެ.

މި ބިލަށް ކޮމިޓީން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި އެކި ބާވަތުގެ މައްސަލަ ކޯޓަށް ހުށަހެޅުމަށް މުއްދަތުތަކެއް ކަނޑައެޅުމާއި ހަސްމުތައް ކަނޑައެޅުމުގެ އުސޫލުތައް ކަނޑައެޅުމާއި މައްސަލަތައް ބެލުމުގައި ކޯޓުތަކުގެ ބާރުތަކާއި ޒިންމާތައް ކަނޑައެޅުމުގެ އިތުރުން މައްސަލައާގުޅޭ ލިޔުންތައް ހާމަކުރުމާއި ކިތާބީ ހެއްކާއި ޝަފަހީ ހެކި އަދި ހަބީރުންގެ ހެކިބަސް ނެގުމާއި އެނޫން ހެކިންގެ ހެކިބަސް ނެގުމުގައި އަމަލުކުރާނެ އިޖުރާއަތު ކަނޑައެޅުން ހިމެނެއެވެ.

މީގެ އިތުރުން ވެސް ރާއްޖެއިން ބޭރުގެ ކޯޓުތަކުން ކުރާ ހުކުމްތައް ރާއްޖޭގައި ބަލައިގަނެ ތަންފީޒުކުރެވޭނެ ހާލަތްތައް ކަނޑައަޅާފައިވެއެވެ. އަދި ހުކުމް ތަންފީޒުކުރުމުގައި އަމަލުކުރާނެ އިޖުރާއަތުތަކާއި ކޯޓު އަމުރަށް އެދޭނެ ގޮތާއި، ވަގުތީ އަމުރަށް އެދުމާއި ވަގުތީ އަމުރު ނެރުމުގައި އަމަލުކުރާނެ އިޖުރާއަތު ވެސް ކަނޑައަޅާފައިވެއެވެ.

މަދަނީ އިޖުރާއަތުގެ ގާނޫނު ތަންފީޒުކުރުމާއެކު، "ޝަރީޢަތްކުރުމާ ބެހޭގޮތުން ހެދިފައިވާ ގަވާއިދު" އުވޭނެއެވެ. މި ގަވައިދަށް ތައާރުޒުވާ އެހެން ގަވައިދުތައް 30 ދުވަހުގެ ތެރޭގައި އިސްލާހުކުރުމަށް ވެސް އެ ބިލްގައި ހިމަނާފައިވެއެވެ.

comment ކޮމެންޓް