އިންޑިއާ-ރާއްޖެ އެއްބަސްވުންތަކުން ގައުމުގެ މިނިވަންކަމަށް ނުރައްކާ ނުވާނެ ކަމަށް ފާސްކޮށްފި

ޖޫން 8، 2019: ރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަ ތަކާއި ދެޤައުމުގެ ދެމެދުގައި އެއްބަސްވުންތައް ބަދަލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތަކުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާ ވާ ފަދަ ކަމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން މިރޭ ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ރިޕޯޓު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 53 މެންބަރުންގެ ވޯޓުންނެވެ. ރިޕޯޓު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދީފައިވަނީ ހަ މެންބަރުންނެވެ.

ދިވެހި ސަރުކާރުން އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތަކުގައި މައްސަލައެއް އޮތްތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ)އަށް ހުށަހެޅުނު މައްސަލަ ދިރާސާކުރުމަށްފަހު، ކޮމިޓީން ވެސް ނިންމައިފައިވަނީ މައްސަލައެއް ނެތް ކަމަށެވެ.

ކޮމިޓީން ވަނީ މި މައްސަލައިގައި އިންޑިއާއާއެކު ވެފައިވާ ތިން އެއްބަސްވުމެއް ދިރާސާކޮށްފައެވެ. އެގޮތުން ކަނޑުގެ ޗާޓުތައް ކުރަހަން ސޮއިކޮށްފައިވާ ހައިޑުރޯގްރަފީ އެއްބަސްވުމާއި ރާއްޖެއަށް އިންޑިއާ އިން ދިން އަސްކަރީ ޑޯނިއާ މަތިންދާބޯޓު އޮޕަރޭޓުކުރުމުގެ އެއްބަސްވުމުގެ އިތުރުން އުތުރުތިލަފަޅުގައި އަސްކަރީ ބަނދަރެއް ތަރައްގީކުރުމުގެ އެއްބަސްވުން ވަނީ ކޮމިޓީން ދިރާސާކޮށްފައެވެ.

ކޮމިޓީގެ ހޯދުންތަކަށް ބަލައި، އެއްބަސްވުންތަކުގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާފަދަ ކަމެއް ނެތްކަމަށާއި، އަދި މި އެއްބަސްވުންތަކުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމައަށް ތަންފީޒުވެގެން ދިއުމަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށާއި ދިވެހި ޤައުމަށް ނުހަނު ފައިދާވެގެންދާނެ ކަމެއް ކަމަށް ކޮމިޓީ ރިޕޯޓުގައި ބުނެފައިވެއެވެ.

އިދިކޮޅުން ހުށަހެޅި އިސްލާހުތައް ފާހެއް ނުވި

މި މައްސަލައިގައި ކޮމިޓީން ނިންމައި ހުށަހެޅި ރިޕޯޓަށް އިދިކޮޅު މެންބަރުން ވަނީ ތިން އިސްލާހެއް ހުށަހަޅައިފައެވެ.

އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި ފުރަތަމަ އިސްލާހަކީ ބޭރުގެ އެހެން ގައުމެއްގެ އަސްކަރީ ސިފައިން ރާއްޖޭގައި ދާއިމީ ގޮތެއްގައި ނުތިބެވޭނެ ގޮތަކަށް ސަރުކާރުގެ ސިޔާސަތު ބަދަލުކުރަން ހުށަހެޅި އިސްލާހެކެވެ.

ކޮމިޓީގެ ރިޕޯޓުގައި ހިމެނޭ ހުށަހެޅުންތަކަށް ދެ ހުށަހެޅުމެއް އިތުރު ކުރަން ވެސް އާދަމް ޝަރީފް ހުށަހަޅުއްވައިފައިވެއެވެ. އެއީ އެއްބަސްވުންތަކުގެ ކޮޕީއެއް ކޮމިޓީއަށް ދީގެން މައްސަލަ އަލުން ދިރާސާކުރުމަށާއި އެއްބަސްވުންތަކުން ލިބިދާނެ ބައެއް ގެއްލުންތައް ކޮމިޓީގެ ހޯދުންތަކުގައި ހިމެނުމަށް ވެސް ހުށަހަޅައިފައިވެއެވެ.

އެހެންނަމަވެސް މި އިސްލާހުތައް ފާސްނުވެ، މަޖިލީހުން ވަނީ ބޭރުކޮށްލައިފައެވެ. އިސްލާހު ފާސްކުރަން ފެންނަ ކަމަށް ވޯޓު ދީފައިވަނީ އިދިކޮޅު މެންބަރުން އެކަންޏެވެ.

comment ކޮމެންޓް