ކޯޓު އަމުރަކާ ނުލައި 48 ގަޑިއިރަށް މީހުން ހައްޔަރުކުރުުމުގެ ބާރު ފުލުހުންނަށް ދޭން ފާސްކޮށްފި

މޭ 6، 2021: ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ގޭކައިރީ އެމަނިކުފާނަށް އަމާޒުކޮށް ދިން ޓެރަރިޒަމް ހަމަލާ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓެރަރިޒަމް މައްސަލަތައް ތަހުގީގުކުރުމުގައި ކޯޓު އަމުރަކާ ނުލައި ހިފައި ހައްޔަރުކޮށް، ކޯޓަށް ހާޒިރުކުރުމަކާ ނުލައި 48 ގަޑިއިރު ބަންދުގައި ބޭތިއްބޭ ގޮތަށް، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ގެނައި އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން މިރޭ ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު މަޖިލީހަށް ހުށަހަޅައިފައިވަނީ ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލްހަކީމްއެވެ.

ސަރުކާރުން ހުށަހެޅި ބިލުގައި ފުލުހުންނަށް ބޮޑެތި ބާރުތަކެއް ދީ، ޓެރަރިޒަމް މައްސަލަތައް ތަހުގީގުކުރުމަށް ލުއިތަކެއް ދިނުމަށް ހުށަހަޅައިފައިވެއެވެ.

މި ބިލު ދިރާސާކުރުމަށް ފަހު ކޮމިޓީން ހުށަހެޅި ރިޕޯޓުގައި ވަނީ ފުލުހުންގެ ތަހުގީގަށް ގާނޫނުން ލިބިދޭ މުއްދަތު ތިން މަހަށް އިތުރު ކުރުމަށް ހުށަހަޅައިފައެވެ. މީގެ ކުރިން މައްސަލަތައް ތަހުގީގުކުރުމަށް ފުލުހުންނަށް ލިބެނީ 45 ދުވަހެވެ. އެގޮތުން ޓެރަރިޒަމްގެ ބައެއް މައްސަލަތަކާއި ހާލަތްތަކުގައި ތަހުގީގު ހިންގަން ފުލުހުންނަށް 90 ދުވަސް ދިނުމަށް ފާސްކޮށްފައިވެއެވެ.

ހަމައެހެންމެ ޓެރަރިޒަމްގެ ކުށްތަކުގައި ކޯޓު އަމުރެއް ނެތި، ތުހުމަތު ކުރެވޭ މީހާ 48 ގަޑިއިރަށް ބަންދުކުރުމަށް ވެސް ކޮމިޓީން ފާސްކޮށްފައިވެއެވެ. މީގެ ކުރިން ކޯޓު އަމުރެއް ނެތި މީހަކު ބަންދުގައި ބެހެއްޓެނީ 24 ގަޑިއިރަށެވެ.

ކޯޓު އަމުރަކާ ނުލައި 48 ގަޑިއިރު ބަންދުގައި ބެހެއްޓޭނެ ހާލަތްތައް ވެސް ބިލުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ޓެރަރިޒަމްގެ އަމަލު ރާވައި، ހިންގުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުންނާއި މިފަދަ އަމަލެއްްގައި އެއްވެސް ސިފައެއްގައި އެހީވި ކަމުގެ ތުހުމަތު ކުރެވޭ މީހުންނާއި ހަނގުރާމަތަކުގައި ބޭނުންކުރާ އާލާތްތައް ގެންގުޅެ، ހަނގުރާމަތަކަށް މީހުން ފޮނުވުމުގައި ބައިވެރިވާ މީހުން ވެސް ހިމެނައިފައިވެއެވެ.

މީގެ އިތުރުން ވެސް ބިލުގައި ވަނީ ހަނގުރާމަތަކަށް ދާ މީހުންނާމެދު އަމަލު ކުރާނެ ގޮތްތަކާއި އެމީހުން ރިހިބިލިޓޭޓް ކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ވެސް ހިމަނައިފައެވެ.

comment ކޮމެންޓް