ނުކުޅެދުންތެރިކަން ހުންނަ ދެމަފިރިއެއްގެ ގޯއްޗަށް ބަޔަކު ގެއްލުން ދީފި

ޝާފިއު އަދި ނަޝާތު އެދެމަފިރިންގެ ދަރިންނާއެކު ---

ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ގިނަ ފަހަރަށް މުޖުތަމައުން އެއްކިބާ ކުރެވިފައި ތިބޭ ބައެކެވެ. ދިވެހީންގެ ތެެރޭގައި ވެސް ގަބޫލު ކުރެވިފައި އޮންނަ ބޯދާ ވިސްނުމަކީ އެފަދަ މީހުންނަކީ ގޭގައި ބަންދުކޮށްގެން ގެންގުޅެން ޖެހޭ ބައެއް ކަމެވެ.

ނަމަވެސް، ޒަމާން ބަދަލުވަމުން އައިސް މިއަދު ފެންނަ މަންޒަރަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީވެސް މުޖުތަމައު ބަލައިގަންނަ ބަޔަކަށް ހެދުމަށް ކުރެވެމުންދާ މަސައްކަތްތަކެެވެ. އެފަދަ މީހުންނަށްވެސް "ނޯމަލް" ދިރިއުޅުމެއް އުޅެވޭނެ މަގުފަހި ކޮށްދޭން ގިނަ ބަޔަކު އަތުކުރި އޮޅާލައިގެން ތިބި މަންޒަރު މިއަދުގެ ދިވެހީންގެ ތެރެއަށް ބަލާލިއަސް ފެންނާނެއެވެ.

އެހެންނަމަވެސް މަދުން ނަމަވެސް ހާއްސަ އެހީއަށް ބޭނުންވާ މީހުންނާ މެދު އިހާނެތިކޮށް ކަންތައް ކުރާ މަންޒަރު ފެންނަމުންދެއެވެ. އެގޮތުން، މިދިޔަ ހުކުރު ދުވަހު މީސްމީޑީއާގައި ދައުރުވި ފޮޓޯއަކީވެސް މިކަމުގެ ހެއްކެކެވެ.

މ. މުލަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތެއް ކަމަށްވާ ހުސައިން ޝާފިއު އަދި އޭނަގެ އަންހެނުން އައިޝަތު ނަޝާތުގެ ގޯއްޗަށް ބަޔަކު ދީފައިވާ ގެއްލުން އާއިލާއިން ވަނީ ފޭސްބުކްގައި ހިއްސާ ކޮށްފައެވެ.

ޝާފިއު އަދި ނަޝާތުއަކީ އަމިއްލަ މަސައްކަތުން އާމްދަނީ ހޯދަމުން އަންނަ ބައެކެވެ. ވާހަކަ ދެއްކުމުގެ ނިއުމަތުން ދެމަފިރިންވެސް މަހްރޫމް ވެފައިވާއިރު ލިބިފައިވާ ކުޑަ ދެކުދިންގެ އުފާތަކަށް ކުޑަވެސް ހީނަރުކަމެއް އަޔަ ނުދޭން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކޮށްދެއެވެ. އެހެން ކުދިންގެ މައިބަފައިންހެން ލޯބިވާ ވާހަކަ ދުލުން ހާމަކޮށް ނުދެވުނަސް އުޅުމުން އެކަން އެންމެ ފުރިހަމައަށް ދައްކައިދެއެވެ.

މިސްކިތުގެ މަސައްކަތު މީހެއްގެ ގޮތުގައި ޝާފިއު ކުރަމުން އަންނަ މަަސައްކަތުން އާއިލާގެ ހުރިހާ ހަރަދުތަކެއް ބަލަަހައްޓަމުން އައި ނަމަވެސް ގޯތީގައި އިންދާ ކާނާގެ ބާވަތްތައް ވިއްކައިގެންވެސް އެ ދެމެފިރިން އަައީ އުފާވެރި ހަޔާތެއް ވޭތު ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. ނަޝާތުއަކީ ކޭކު އަޅައި ވިއްކައިގެން ލިބެމުން ދިޔަ އާމްދަނީއިން ދިރިއުޅުން އާރާސްތު ކުރަމުން ދިޔަ ހިތްވަރުގަދަ މަންމައެކެވެ. ނަމަވެސް އާއިލާގެ ތެރޭގައި ޖެހުނު މައްސަލައަކާ ގުޅިގެން އެ މަސައްކަތް މިހާރުވަނީ ހުއްޓިފައެވެ.

އެ ދެމަފިރިންގެ ގޯއްޗަށް ދީފައިވާ ގެއްލުންތަކާ ބެހޭ ގޮތުން އެ އާއިލާގެ ފަރާތުން "ސަން"އަށް މައުލޫމާތު ދިން މީހަކު ބުނީ އެއީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދީފައިވާ ގެއްލުންތަކެއް ކަމަށެވެ.

"ހުންނާނެ ދިހަ ވަރަކަަށް ދޮންކެޔޮ ގަސް. ބައެއް ގަސްތަކުގަ ކެޔޮ ވެސް އަޅާފަ ހުރީ. އެ ހުރިހާ ގަހެއްވެސް ހުރީ ކަނޑާލައިފަ. އަދި ހުންނާނެ މިހާރުވެސް އަޅުގަނޑުމެން ބޭނުން ކުރަމުން އަންނަ ބޮޑު ހިކަނދިފަތް ގަހެއް. އެ ގަސްވެސް ކަނޑާލައިފަ ހުރީ ހަމަ އެއްކޮށް،" އޭނާ ބުންޏެވެ.

އާއިލާގެ ފަރާތުން އިތުރަށް މައުލޫމާތު ދިން ގޮތުގައި އެއީ އެ ގޯއްޗަށް ބަޔަަކު ގެއްލުން ދިން ފުރަތަމަ ފަހަރެއް ނޫނެވެ.

"ހަމަ މީގެ ތިން ވަރަކަށް ހަފްތާ ކުރިން ހުންނާނެ އިންދާފަ މެލޭޝިޔާ ރުއްތަކެއް. އެ ރުއްތައް ވެސް އުފުރާލާފަ، ގޯތި ތެރެއަށް އުކާލައިފަ،" އާއިލާގެ ފަރާތުން ބުންޏެވެ.

ރުއްގަސް ވެރިކުރުމަކީ މުލަކުގައި އާންމުކަމެކެވެ. ޒަމާނުއްސުރެ އެތައް ރައްޔިތުންގެ ޝަކުވާއެއް ލިބެމުން އައި ނަމަވެސް އަދި އެއްވެސް ހައްލެއް ލިބިފައި ނުވާ ބޮޑު މައްސަލައެކެވެ. އާއިލާއިން ވެސް ބުނި ގޮތުގައި އެފަދަ ވާހަކަތަތަކީ އާންމު ވާހަކަތަކެވެ.

އެކަކު އިންދާ ރުއް އަނެކަކު ގެންގޮސް އޭނާގެ އަމިއްލަ ގޯތީގައި އިންދާ ހަދައެވެ. ނަމަވެސް މިފަހަރު އެއާ ތަފާތެވެ. ރުއްތައް ވެރި ކޮށްލުމުގެ ބަދަލުގައި ގެއްލުންދިނީ ހާއްސަ އެހީއަށް ބޭނުންވާ ދެ ފަރާތެއްގެ އަމިއްލަ ރުއްގަސްތަކަށެވެ.

"އަޅުގަނޑުމެން މި މައްސަލަ ފުލުހުންނަށްވެސް ހުށައަޅައިފިން. އަދި ނުލިބޭ އެއްވެސް ކުރި އެރުމެއް މި މައްސަލައަކަށް،" އާއިލާއިން ބުންޏެވެ.

މި މައްސަލައިގައި "ސަން"ގެ ފަރާތުން މުލަކު ފުލުހުންގެ އިދާރާއަށް ގުޅުމުން ފުލުހުން ބުނީ އެފަދަ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި މައްސަލައިގެ ތަހުގީގު ބާރު ސްޕީޑުގައި ކުރިއަށް ދާ ކަމަށްވެސް ބުންޏެވެ.

އާއިލާއިން ވެސް އުފައްދާ އެއް ސުވާލު އެބަ އޮތެވެ. ދެމަފިރިންނަކީވެސް ވާހަކަ ދެއްކުމުގެ ނިއުމަތުން މަހުރޫމް ވެފައިވާ ދެ މީހުންނަށް ވީ އިރު އެފަދަ ގޮތަކަށް އެ މީހުންގެ ގޯއްޗަށް ގެއްލުން ދޭން ވީ ސަބަބަކީ ކޮބައިތޯއެވެ. އަދު ގެއްލުން ދިން ބަޔަކަށް އެ ދެމަފިރިންގެ ފަރާތުން ކުރެވިފައި އޮތީ ކޮން ގޯނާއެއްތޯ އަހާ އޮޅުން ފިލުވަން އާއިލާއިން ނުހަނު ބޭނުމެވެ.

comment ކޮމެންޓް