ކެނދިކުޅުދޫގައި އެފްއޭއެމް ގެ ޑީ ލައިސެންސް ކޯހެއް ފަށައިފި

ކެނދިކުޅުދޫގައި ފެށި އެފްއޭއެމުގެ ޑީ ލައިސަންސް ކޯޗިން ކޯހުގެ ތެރެއިން - ކެނދިކުޅުދޫ ކައުންސިލް

ނ.ކެނދިކުޅުދޫގައި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ޑީ ލައިސަންސް ކޯޗިންގް ކޯހެއް ފަށައިފިއެވެ.

އެފްއޭއެމުން ޑީ ލައިސަންސް ކޯޗިން ކޯސް މުޅިން އަލަށް ފެށީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. މި ކޯހަކީ އަލަށް ކޯޗިންގެ ދާއިރާއަށް ވަންނަ ކޯޗުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދަން ނިންމާފައިވާ ކޯހެވެ. އަދި ސީ ލައިސަންސަށް ދިއުމުގެ ކުރިން ޑީ ލައިސަންސް ހެދުން މަޖުބޫރު ވެގެންދާނެ ކަމަށް އެފްއޭއެމުން މީގެ ކުރިން ވަނީ ބުނެފައެވެ.

އެއާއެކު މާލޭގެ އިތުރުން ރާއްޖެތެރޭގެ އެކި ރަށްރަށުގައި ވެސް މިފަހުން ލައިސަންސް ކޯޗިންގް ކޯސްތައް ކުރިއަށް ގެންގޮސްފައިވާ އިރު، ކެނދިކުޅުދޫގައި މިހާރު ކުރިއަށްދާ ޑީ ލައިސަންސް ކޯހަކީ މާޒިޔާ ސްޕޯޓްސްއާއި އެ ރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ކޯހެކެވެ. ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ކޯހުގައި 19 ކޯޗުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ތިން އަންހެން ކޯޗުންވެސް ހިމެނެއެވެ.

ކެނދިކުޅުދޫގައި މިހާރު ފުޓުބޯޅައިގެ ދެ އެކަޑަމީއެއް ކުރިއަށް ގެންދާއިރު، މި ކޯހުގައި އެކަޑަމީގެ ގިނަ ކޯޗުންތަކެއް ވަނީ ބައިވެރިވެފައެވެ. އެގޮތުން ކޮމެޓްސް ސްޕޯޓްސް އެކަޑަމީގައި ހަރަކާތްތެރިވާ ހަތަރު ކޯޗަކާއި، މާޒިޔާ އެކަޑަމީގައި ހަރަކާތްތެރިވާ ބައެއް ކޯޗުން ވެސް ހިމެނެއެވެ.

މާޒިޔާގެ އެހީތެރިކަމާއެކު ކުރިއަށްދާ މި ކޯހުގައި ކިޔަވައިދެނީ ޑީ ލައިސަންސް އިންސްޓްރަކްޓަރު މުޙައްމަދު އަރީފާއި މާޒިޔާގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) އެވެ.

އަދި މާޒިޔާއާ ގުޅިގެން މީގެ ހަތަރު މަސް ފަހުން ކެނދިކުޅުދޫގައި ސީ ލައިސަންސް ކޯޗިން ކޯސް ފެށުމަށްވެސް މިހާރު ވަނީ ނިންމާފައެވެ.

comment ކޮމެންޓް