ބަލްކަން ރީޖަންގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރަން ކެމްޕެއިނެއް ފަށައިފި

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބަލްކަން ރީޖަންގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށް ޚާއްސަ ކެންޕެއިންތަކެއް ވިޒިޓް މޯލްޑިވްސްއިން ފަށައިފިއެވެ.

ވިޒިޓް މޯލްޑިވްސް އިން ބުނީ ހަ މަހުގެ މުއްދަތަ ކުރިއަށް ގެންދާ މި ކެންޕެއިންތައް ކުރިއަށް ދާނީ ނޮވެންބަރު 2021 އިން ފެށިގެން މާޗް 2022 ގެ ނިޔަލަށް ކަމަށެވެ. މި ކެންޕެއިންތަކުގެ ހަރަކާތްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ހަންގެރީ، ސްލޮވޭކިއާ، ކްރޮއޭޝިއާ، ސާބިއާ އަދި ރޮމޭނިއާގައެވެ.

މި މާކެޓުތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދާއި، ރާއްޖެއަށް މި މަންޒިލްތަކުން ލިބޭ ތަރުހީބަށް ބަލާއިރު، މިއީ ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖެއަށް ގިނަ ފަތުރުވެރިން އަންނާނެ ކަމަށް ބެލެވޭ އުންމީދީ މާކެޓުތަކެއް ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުނެއެވެ.

ފާއިތުވީ އަހަރުތަކުގައި ވެސް މި މާކެޓުތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުން އަންނަ ކަން ފާހަގަކޮށް މިއީ މާކެޓްތަކާއި ރާއްޖެއާއި ދެމެދު ފްލައިޓްތައް އޮޕަރޭޓް ކުރުމާއި، މިއީ ފަތުރުވެރިކަމަށް ލޯބިކުރާ މީހުން ގިނަ މާކެޓްތަކަކަށްވާތީ ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

ވިޒިޓް މޯލްޑިވްސްއިން ބުނީ ކޮވިޑަށް ފަހު މި މާކެޓްތައް މިހާރު ބައިނަލްއަގްވާމީ ދަތުރުފަތުރަށް ހުޅުވާލާފައިވާއިރު، މި ދަނޑިވަޅުގައި މިފަދަ ކެންޕެއިންތައް ހިންގުމުން މި މާކެޓްތަކުން ރާއްޖެ އަންނަ ފަތުރުވެރިން ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

މި ކެންޕެއިންތަކުގެ ދަށުން ހަންގެރީގައި އައުޓްޑޯ އެޑްވަޓައިޒިން ހަރަކާތްތަކަކާއި، ވާޗުއަލް އިވެންޓުތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު މި މާކެޓްތަކުން މީޑިއާ އަދި އިންފްލުއެންސަރުން ފެމިލަރައިޒޭޝަން ދަތުރުތަކުގައި ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ.

މި ކެންޕެއިންތަކުގެ ޒަރިއްޔާއިން ރާއްޖެއަކީ ބަލްކަން ރީޖަންގެ ޤައުމުތަކުގެ ފަތުރުވެރިން ދަތުރު ކުރުމަށް އެންމެ ރައްކާތެރި އަދި އެކަށީގެންވާ މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރެވޭނެ ކަމަށާއި މި މާކެޓްތަކުން ރާއްޖެ އަންނަ
ފަތުރުވެރިންގެ އަދަދު އިތުރުކުރެވޭނެ ކަމަށް ވެސް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

"ކެންޕެއިންތަކުގެ ހަރަކާތްތަކުގެ ޒަރިއްޔާއިން މި މާކެޓްތަކުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ފަތުރުވެރިކަމަށް ލޯބިކުރާ ފަރާތްތަކަށް ރާއްޖެއިން ލިބެން ހުންނަ ހިދުމަތްތަކާއި، ތަފާތު ތަޖުރިބާތައް އިޝްތިހާރުކުރެވޭނެއެވެ. އަދި ރާއްޖޭގެ އެންމެ ފަހުގެ ޓްރެވަލް ގައިޑްލައިންތައް ހިއްސާ ކުރެވޭނެއެވެ." ވިޒިޓް މޯލްޑިވްސް އިން ބުނެއެވެ.

ވިޒިޓް މޯލްޑިވްސްގެ އަމާޒަކީ ރާއްޖޭގެ މަޤުބޫލުކަން ދުނިޔޭގެ ފެންވަރުގައި ދެމެހެއްޓުމުގެ ގޮތުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓްތަކާއި، ކުރިއަރަމުން އަންނަ އަދި އާ މާކެޓްތަކުގައި ރާއްޖެ އިޝްތިހާރުކުރުން ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސެގްމެންޓުތައް ކަމަށްވާ ލަގްޒަރީ، ފެމިލީ، މައިސް އަދި ބަޖެޓް ފަތުރުވެރިންނަށް ރާއްޖެއިން ލިބެން ހުރި ފަތުރުވެރިކަމުގެ ހިދުމަތްތަކާއި ތަޖުރިބާތައް ޕްރޮމޯޓުކުރުން ކަމަށް ވަނީ ބުނެފައެވެ.

comment ކޮމެންޓް