އާ ވޭރިއަންޓަކީ ކަންބޮޑުވުމެއް، އަންނަ މަހު އާއްމުންނަށް ބޫސްޓާ ޖަހަން ފަށާނަން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ ރައީސް އޮފީސް

ކޮވިޑް-19 ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހޭ އުމުރުގެ އެންމެން ވީހާ ވެސް އަވަހަށް ތިން ވަނަ ޑޯޒް ޖެހުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސްކުރައްވައިފިއެވެ.

ކޮވިޑް-19ގެ އާ ވޭރިއަންޓް، "އޮމިކްރޯން" ދުނިޔޭގެ ބައެއް ގައުމުތަކުގައި ފެތުރެން ފަށައިފައިވާއިރު، ރައީސް ސޯލިހު އެކަމާ ގުޅިގެން މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އާ ވޭރިއަންޓާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތަކާ ގުޅޭ މަޝްވަރާތައް ކުރުމަށް ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް (ޓެގް)ގެ ބައްދަލުވުމެއް މިއަދު ބާއްވާނެ ކަމަށެވެ.

އާ ވޭރިއަންޓާއެކު އޮތް ކަންބޮޑުވުން ފާޅުކުރައްވައި ރައީސް ވަނީ ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހުން މިހާރު ވެސް ކުރިއަށްދާ ކަން ފާހަގަކުރައްވައިފައެވެ. އެގޮތުން މިހާރު 50 އަހަރުން މަތީގެ މީހުންނަށް ތިން ވަނަ ޑޯޒް ދެމުން އަންނައިރު ވަރަށް އަވަހަށް ސިއްހީ ހިދުމަތްތެރިންނާއި ފްރޮންޓްލައިން މަސައްކަތްތެރިންނަށް މި ހަފްތާގެ ތެރޭގައި ބޫސްޓާ ޑޯޒް ޖަހަން ފެށޭނެ ކަމަށް ވިދާޅުވިއެވެ.

"ސިއްހީ ހިދުމަތްތެރިން، ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެއާޕޯޓް ފްރޮންޓްލައިން ސްޓާފުންނަށް ބޫސްޓާ ޝޮޓްތައް މި ހަފުތާގައި ފަށާނެ، އާންމު ރައްޔިތުންނަށް ހާއްސަކޮށްގެން ބޫސްޓާ ޕްރޮގްރާމް ފަށާނީ ޑިސެމްބަރު މަހުގެ މެދުތެރޭގަ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ބޫސްޓާ ޝޮޓު ޖެހުމަށް ޝަރުތު ހަމަވާ ހުރިހާ އެންމެން ވެސް އެ ޑޯޒް ފުރިހަމަކުރުމަށް އިލްތިމާސް ކުރައްވައިފައެވެ.

އާ ވޭރިއަންޓާ ގުޅިގެން ބައެއް ގައުމުތަކުން ބޯޑަރު ބަންދުކުރަމުން އަންނައިރު އަވައްޓެރި ސްރީލަންކާއިން ވެސް ވަނީ އެފްރިކާ ބައްރުގެ ގިނަ ގައުމުތަކުން އެގައުމަށް މީހުން އެތެރެވުން މަނާކޮށްފައެވެ.

އޮމިކްރޯންގެ ނަމުން ނަން ދީފައިވާ ވޭރިއަންޓު ފެނިފައިވަނީ ސައުތު އެފްރިކާއިންނެވެ. ނޮވެންބަރު މަހުގެ 24 ވަނަ ދުވަހު ރިޕޯޓުކުރެވުނު ވޭރިއަންޓު މިހާރު ހޮންކޮންގާއި ބެލްޖިއަމް ފަދަ ގައުމުތަކުން ވެސް ވޭރިއަންޓު ވަނީ މިހާރު ފެނިފައެވެ.

މި ވޭރިއަންޓަކީ އެފްރިކާ ގައުމުތަކުގައި ވެކްސިން ޖެހި މީހުންގެ އާބާދީ މަދުވުމުގެ ސަބަބުން ފެތުރެން ފެށި ވޭރިއަންޓެއް ކަމަށް ސައިންސްވެރިން ގަބޫލުކުރެއެވެ. އަދި މިއީ މިހާތަނަށް ފެތުރޭ އެންމެ ނުރައްކާތެރި ވޭރިއަންޓަށް ވުމުގެ ބިރު އޮތް ކަމަށް ވެސް ސައިންސްވެރިންނާ ހަވާލާދީ ރިޕޯޓުތައް ބުނެފައިވެއެވެ.

comment ކޮމެންޓް