ޞަފާ ފޮތުގެ ދުނިޔެއެއްގައި، އިބުރަތްތެރި ވާހަކަތަކެއް

ސޮފާ އާއި އެއް އަހަރުގެ ދަރިފުޅު ފޮތެއް ކިޔަނީ -- ފޮޓޯ: އަހުމަދު އައިމަން އަލީ

ޞަފާ ޝަފީގްއަކީ ގިނަ ބަޔަކަށް ބީރައްޓެހި ނަމަކަށް ނުވާނެއެވެ. ޓީވީއެމްގެ "މިވަގުތު" ޕްރޮގްރާމް ހުށަހަޅަން މީގެ 15 އަހަރު ކުރިން ކެމެރާ ކުރިމައްޗަށް އެރި މިހާރުވެސް ގައުމީ ޓީވީގެ "ހެނދުނު ހެނދުނާ"އިން ފެންނަމުންދެއެވެ. އެއީ އެކަމަށް އޮންނަ ޝައުގެއްގެ ބޮޑު ކަމުންނާއި މީހުންނާ ވާހަކަ ދައްކައި، މައުލޫމާތު ފޯރުކޮށްދިނުމަށް އޮންނަ ލޯތްބެއްގެ ސަބަބުން އޭނާ ކުރާ ކަމެކެވެ. ނަމަވެސް މިފަހަރު ދައްކަން މިއުޅެނީ ޞަފާގެ ދެވަނަ "ޕެޝަން"ގެ ވާހަކައެވެ. ތަފާތު ހިޔާލީ ވާހަކަތަކުގައި ދިރިއުޅޭ އާދަޔާ ހިލާފު ޝަހުސިއްޔަތުތަކަށް ކުދިން ތައާރަފްކޮށް، ފޮތުގެ ދުނިޔެއަށް ހިތް ޖައްސަން އޭނާ ކުރާ މަސައްކަތުގެ ވާހަކައެވެ.

ޞަފާއާ ބައްދަލުކޮށްލަން އޭނާގެ ގެޔަށް ދިޔުމުން ފުރަތަމަވެސް ފެނުނީ ވާހަކަ ފޮތްތަކަށް ގެއްލިފައި ތިބި ދެ ކުދިންނެވެ. އެއީ ޞަފާގެ އަށް އަހަރުގެ ފިރިހެން ދަރިފުޅާއި ހަ އަހަރުގެ އަންހެން ދަރިފުޅެވެ. އެ ކުދިންނަށް އެހެން ބަޔަކު ގެޔަށް ވަތް ކަމުގެ ހިލަމެއްވެސްވީ މަންމަ ދެ ފަހަރަކު ގޮވާލުމުންނެވެ. އެއަށް ފަހު ޞަފާގެ އެދުމުގެ މަތިން ދެ ކުދިންވެސް ހިނިތުންވެ، ސަލާމް ބުނެލިއެވެ. ނަމަވެސް ހިނދުކޮޅެއް ނުވެ އެކުދިންގެ ސަމާލުކަން އަނެއްކާވެސް ހުއްޓުނީ ކުޑަކުޑަ އަތްތަކުން ދޫކޮށްނުލެވުނު ފޮތްތަކުގެ ސަފުހާތަކަށެވެ.

އެ ދެ ކުދިންނަކީވެސް، ފޮތްތަކަށް ވުރެ ބޮޑަށް ސްކްރީންތަކުގެ ޖާދޫގައި ޖެހިގެން ބޮޑުވާ ޅަ ޖީލަކަށް ނިސްބަތްވާ ދެ ކުދިންނެވެ. ނަމަވެސް މި ދެ ކުދިންނަށް, ކާޓޫނު ބެލުމާއި ގޭމު ކުޅުމަށް ވުރެ އާންމު އާދަޔަކަށް ފޮތް ކިޔުން ވެގެން ދިޔައީ ކިހިނެއްކަން ޞަފާ ކިޔައިދިނެވެ.

ޞަފާ ބުނި ގޮތުގައި އޭނައަށް ކިޔުންތެރިކަމުގެ ހަގީގީ މުހިންމުކަން އިހުސާސު ކުރެވުނީ އުނގަންނައި ދިނުމުގެ ދާއިރާއިން ތައުލީމު ހާސިލުކުރުމުންނެވެ.

"ޓީޗިން ހެދީމަ މީގެ [ފޮތް ކިޔުމުގެ] މުހިއްމުކަން އެނގުނީ. ކުޑައިރުވެސް ފޮތް ކިޔަން އެކަމަކު މިހާރު ހިތަށް އަރާ ތަންކޮޅެއް ގިނައިން ފޮތް ކިޔުނުނަމައޭ އެއިރު،" ހީލާފައި ޞަފާ ބުންޏެވެ.

ޞަފާގެ ދޮށީ ދެ ކުދިން ފޮތްކިޔަނީ -- ފޮޓޯ: ސޮފާ

ބުރުނާއީން އިނގިރޭސި ކިޔަވައި ދިނުމުގެ ރޮނގުން ޕްރައިމަރީ ޓީޗިން ޑިގްރީ ހާސިލު ކުރި ފަހުން 2012 ވަނަ އަހަރު ސޮފާއަށް ފުރަތަމަ ދަރިފުޅު ލިބުނެވެ. އަދި ދަރިފުޅަކީ ފޮތް ކިޔުމުގެ އާދަ ހަރުލާފައިވާ ކުއްޖަކަށް ހެދުމުގެ މަސައްކަތް އެ ކުއްޖާގެ ޅަފަތުގައި ޞަފާ ފެށިއެވެ. އެއީ އެއިރު ސްކޫލް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ.

"ދަރިފުޅު ލިބުނު ހިސާބުން، ސްކޫލްގައި ކިޔަވައިދީފަ ގެއަށް އައިސް ދެން ހަމަ ތިން ގަޑި އިރުވަންދެންވެސް [ދަރިފުޅު] ނިދިގެން ވެއްޓެންދެން ހަމަ ފޮތް ކިޔައިދޭނީ. ބައެއް ފޮތްފޮތް ކިޔަން 25 ފަހަރުވެސް،" ދޮށީ ދަރިފުޅުގެ ތުއްތުއިރުގެ ހަނދާންއާ ކޮށްލަމުން ޞަފާ ކިޔައިދިނެވެ.

ނަމަވެސް އަމިއްލަ ދަރިންނަށް ފޮތުގެ ދުނިޔެ ހުޅުވައި ދިނުމަށް ފަހު، އެހެން ކުދިންނަށްވެސް އެހާ ހިސާބަށް ވާސިލުވުމަށް މަގު ކޮށައި ދޭން ޞަފާ ބޭނުންވެއެވެ.

ޞަފާ ބުނި ގޮތުގައި ހަގު އުމުރުގައި ކިޔުންތެރިކަން އާލާކުރުމުގެ ފައިދާތަކުގެ ތެރޭގައި ކުދިންގެ ބަސްކޮށާރާއި މައުލޫމާތު މުއްސަނދިވުން ހިމެނެއެވެ. އަދި އައު ކަންތައްތައް ހޯދައި، ދިރާސާ ކުރުމަށް އޮންނަ ޝައުގުވެރިކަން އިތުރުވެ، ފޮތް ގިނައިން ކިޔާ ކުދިންގެ އެޓެންޝަން ސްޕޭން ނުވަތަ ކަމަކަށް ސަމާލުކަން ދެވޭ މިންވަރު އިތުރުވާނެ ކަމުގެ ޔަގީންކަންވެސް ޞަފާ ދިނެވެ.

"ފޮތް ކިޔުމާއި ސްކްރީން އެވޮއިޑް ކުރުމަކީ ސްކޫލް ސަކްސެސްއާ ގުޅުން އޮތް ކަމެއްކަން ދިރާސާތަކުންވެސް ދައްކާ،" ޞަފާ ފާހަގަކުރިއެވެ.

ޞަފާގެ އާއިލާއިން ކިޔާ ފޮތްތައް އަތުރާލާފައިވާ ފޮތް ހަރުގަނޑެއް -- ފޮޓޯ: އަހުމަދު އައިމަން އަލީ

ނަމަވެސް ކޮންމެ ކުއްޖަކީ ފޮތްތަކާ ގަޔާ ނުވެދާނެ ކުއްޖެއް ކަމަށް ބެލެނިވެރިންނަށް ހީވެދާނެއެވެ. އަދި ކިޔުމުގެ އާދަ އަށަގެންނެވުމަށް ކުރެވިދާނެ ބައެއް ކަންތައްތަކާ ބެހޭ ގޮތުން ސުވާލުވެސް އުފެދިދާނެއެވެ.

ޞަފާގެ އަމިއްލަ ތަޖުރިބާއާއި އިލްމަށް ބިނާކޮށް އެފަދަ ބެލެނިވެރިންނާ ހިއްސާކޮށްލަން އޮތް ކަންތައްތަކުގެ ތެރޭގައި:

ކުދިންނަށް ސްކްރީން ބެލޭނެ ވަގުތުތައް ކަނޑައެޅުން

ޞަފާގެ ލަފަޔަކީ ދެ އަހަރުން ދަށުގެ ކުދިންނަށް އެއްވެސް ވަރަކަށް ފޯނާއި ޓީވީ ފަދަ ވަސީލަތްތައް ބޭނުން ކުރަން ފުރުސަތު ނުދިނުމެވެ. އަދި އެއަށް ވުރެ މަތީ އުމުރުފުރާތަކަށް 30 މިނިޓު ނުވަތަ އެއް ގަޑި އިރާއި ދެ ގަޑި އިރާ ދެމެދުގެ މިންވަރަކަށް "ސްކްރީން ޓައިމް" ހުއްދަ ކުރުމެވެ.

"ޓީވީ ދައްކަން ޖެހޭނެކަމަށް ވެސް ގަބޫލު ކުރަން. ކޮންމެގޮތަކަށް ވިޔަސް މިޖެނެރޭޝަންގައި އެކުދިންގެ އެކުވެރިންވެސް ތިބޭނެ [ޓީވީ ބަލާ]. އެހެންވީމަ އެއް ގަޑި އިރަށް ލިމިޓްކޮށްފަ އިންނަނީ ކޮންމެ ދުވަހަކު ސްކްރީން ޓައިމް،" ޞަފާ ބުންޏެވެ.

ބެލެނިވެރިން ކުދިންނަށް ފޮތް ކިޔައިދިނުން

ކުޑަކުދިން އެންމެ ފަސޭހައިން ދަސްކުރާ ކަންތައްތަކަކީ މައިންބަފައިންގެ ފަރާތުން ފެނި، އަމިއްލައަށް ނަކަލު ކުރާ ކަންތައްތަކެވެ. ވީމާ ފޮތް ކިޔުމުގައި އާއިލާގެ މެންބަރުން ނަމޫނާ ދެއްކުން މުހިއްމެވެ.

ޞަފާ ބުނި ގޮތުގައި އޭނާގެ އެއް އަހަރުގެ ހަގު ދަރިފުޅާއެކުވެސް ކޮންމެ ދުވަހަކު ފޮތް ކިޔުމަށް ޓަކައި އޭނާ ވަގުތުކޮޅެއް ހުސްކުރެއެވެ.

"ބެލެނިވެރިން ކުދިންނަށް ފޮތް ކިޔައިދޭށޭ އެންމެ މަދުވެގެން 20 މިނިޓު ދުވާލަކު. އެ ހޭދަވާ 20 މިނިޓު ތެރޭގައި ވަރަށް ބައިވަރު ބަސް އެކުދިންނަށް ދަސްވާނެ. ފޮތް ކިޔައިދޭ އިރު އިނގިރޭސި ބަހަށްވެސް ދިވެހި ބަހަށްވެސް އިސްކަން ދޭންވާނެ،" ޞަފާ ލަފާ ދިނެވެ.

ހަމައެއާއެކު، ދަރިފުޅާ އެކު ފޮތް ކިޔާލުން ވެގެން ދާނީ މަންމަ ނުވަތަ ބައްޕައާ ދަރިފުޅާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ވަރުގަދަ ވާނެ ކަމަކަށެވެ. އަދި ވާހަކައެއް ކިޔައިދޭ އިރު ތަފާތު އަޑުއަޑު ލައްވައި، ކެރެކްޓާތަކުގެ ހަރަކާތްތައް ދެއްކުމަކީ ކުދިންނަށް މަޖާ ކަމަކަށްވެ، އެވަގުތުކޮޅު އެކުދިންނަށް ހާއްސަވެގެން ދާނެއެވެ.

"ފޮތް ކިޔާ ނިމުނީމަ އެއާ ގުޅޭ އެކްޓިވިޓީއެއްވެސް ހަދާލެވިދާނެ. ވަރަށް ގިނައިން މިގޭގަ ފޮތް ކިޔާ ނިންމާފަ އެދުވަސްކޮޅެއްގަ އެކިޔާ ފޮތަކާ ބެހޭ ކޮންމެވެސް ކަމެއް ކޮށްލާނެ. އެހެން ހަދާލެވޭނެ އެންމެ ކުޑަކުދިންނަށް ވިއްޔާ ކްލޭ ބޭނުންކޮށްގެން،" ޞަފާ ބުންޏެވެ.

ރީޑިން ރޫމްގެ ފަރާތުން ބޭއްވި ހަރަކާތެއްގައި ޞަފާ -- ފޮޓޯ: ސޮފާ

ރަނގަޅު ފޮތް ޚިޔާރު ކުރުން

އެކި ދުވަސްވަރު ކުދިންގެ "ފޭވަރެޓަކަށް" ވާނީ ތަފާތު މައުޟޫއުތަކެވެ. ބައެއް ފަހަރު އެއީ ހަތަރު ފުރޮޅުލީ އުޅަނދަކަށް ވެދާނެއެވެ. ނުވަތަ މީގެ އެތައް ޒަމާނެއް ކުރިން ދިރިއުޅުނު ޖަނަވާރަކަށް ވެދާނެއެވެ. އެހެންކަމުން ކުދިންނަށް ފޮތް ހޯދައިދިނުމުގައި އެކަމަށް ސަމާލުވާން ވާނެއެވެ.

"މިސާލަކަށް ހުރެދާނެ ހަމައެކަނި ޕެޕާ ޕިގް ކަމުދާ ކުއްޖެއް. ދެން ހުސް ޕެޕާ ޕިގް ދިނީމަ އެކުއްޖާއަކަށް ނޭނގޭނެ އެހެން އެއްވެސް ފޮތެއް ހުންނަ ކަމެއްވެސް. އެކަމަކު އެހެން ފޮތްތައް ދެއްކީމަ އެނގޭނީ މިވެސް ކަމުދާ އެއްޗެއްކަން. ބޭނުންވާ އެއްޗެއްވެސް ހޯދަ ދީފަ، ބެލެންސެއް ބަހައްޓަން ޖެހޭނެ،" ޞަފާ ކިޔައިދިނެވެ.

މީގެ އިތުރުން ވާހަކަ ފޮތްތައް ނުވަތަ ފިކްޝަންއާ އެއްވަރަށް ނަން ފިކްޝަން ނުވަތަ ހަގީގީ މައުލޫމާތު ފޯރުކޮށްދޭ ފޮތްތައްވެސް ކުދިންނަށް ތައާރަފްކޮށްދިނުން މުހިންމުކަމަށް އޭނާ ދެކެއެވެ.

ހަމައެއާއެކު ފޮތް ކިޔުން އިތުރު ކުރުމަށް ޓަކައި ކޮންމެހެން ގިނަ ފޮތްތަކެއް އެއްކުރުން ލާޒިމު ނޫންކަންވެސް ޞަފާ ފާހަގަކުރިއެވެ.

"އެއް ފޮތެއް ގިނަ ފަހަރު ކިޔައިދިނީމަ އެއީ ރަނގަޅު ފޮތެއް ކަމަށްވާ ނަމަ، އޭގައި ހުންނަ ބަސްތަކާއި އެ ބަސް ބޭނުން ކުރާނެ ގޮތް ސިކުނޑިއަށް ނަގައިގަނެވޭނެ އަދި ފޮތަށް ލޯބިޖެހޭނެ،" ޞަފާ ބުންޏެވެ.

ކުދިން ބޮޑުވުމުން އެކަނި ފޮތް ކިޔަން ދޫކޮށްނުލުން

ސޮފާގެ ދޮށީ ދެ ކުދިންނަކީ މިހާރު އަމިއްލައަށް ފޮތްތައް ނަގައިގެން ކިޔާ ކުދިންނެވެ. އަދި އެ ކުދިންގެ އުމުރާ ގުޅޭ ފޮތްތަކުގައި ލިޔެފައިވާ ވާހަކަތައް ދެނެގަތުމަކީ އެކުދިންނަށް އުނދަގޫ ކަމެއްވެސް ނޫނެވެ.

ކުދިންގެ ކިޔުންތެރިކަން އެހާ ހިސާބަށް ދިޔަ ނަމަވެސް، އެކުދިން އެކަނި ފޮތް ކިޔަން ދޫކޮށްނުލުމަށް ޞަފާ އެދެއެވެ.

"ހުރިހާ ޕޭރެންޓުންވެސް އުޅޭނީ ވަރަށް ބިޒީކޮށް އެކަމަކު އެކުދިން ކިޔާ ފޮތްތަކުން ދޭތެރެއަކުން ޗެޕްޓާއެއް ވަރުވިޔަސް ކިޔާލާށޭ. އޭރުން އޭގަ އުޅޭ ކެރެކްޓާސްވެސް ކޮންމެވެސް ވަރަށް އެނގޭނެ، އޭގަ ވާގޮތް ކޮންމެވެސް ވަރަކަށް އެނގޭނެ. އެއީ ވަރަށް ބޮޑު ބޮންޑިން ޓައިމްއެއް،" ދަރިފުޅާއެކު ވަގުތު ހޭދަކުރާ އިރު ފޮތާ ބެހޭ މަޝްވަރާތައް ކުރުމަށް ހިތްވަރު ދެމުން ޞަފާ ބުންޏެވެ.

ޓީޗިން ޑިގްރީގެ އިތުރުން ކޮމިއުނިކޭޝަން ދާއިރާ އިން މާސްޓާސް ހާސިލުކޮށްފައިވާ ޞަފާގެ އަޒުމަކީ ކިޔުންތެރިކަމާ ބެހޭ ގޮތުން ދަރިވަރުންނާއި ބެލެނިވެރިންގެ މެދުގައިވެސް ހޭލުންތެރިކަން އިތުރުކޮށް، ދިވެހި ކުދިންނަށް ފެންވަރު ރަނގަޅު ފޮތްތައް ފަސޭހައިން ހޯދޭނެ ގޮތް މަގުފަހި ކުރުމެވެ.

އޭގެ ތެރެއިން ފުރަތަމަ އަމާޒަށް ވާސިލުވުމަށްޓަކައި ޞަފާ ދަނީ ސްކޫލްތަކަށް ގޮސް، ވާހަކަ ކިޔައިދިނުމާއި ހޭލުންތެރިކަން އިތުރު ކުރުމުގެ ސެޝަންތައް ބާއްވާ "ރީޑިން ރޫމް" ޕްރޮގްރާމްތަކުގައި ބައިވެރިވަމުންނެވެ. ތައުލީމީ ދާއިރާގައި ގިނަ އަހަރުތަކެއް ހޭދަކޮށްފައިވާ ތަޖުރިބާކާރު މުދައްރިސުންނާއެކު ކުރިއަށްގެންދާ އެ ޕްރޮގްރާމްތަކުގެ ސަބަބުން ސްކޫލްތަކަށް ބޮޑު ބަދަލެއް ގެނެވޭނެ ކަމަށް ޞަފާ އުންމީދުކުރެއެވެ.

ޞަފާގެ ދެވަނަ އަމާޒު ހަގީގަތަކަށް ހެދުމަށް މެދުވެރިއަކަށް ހަދާފައި ވަނީ އޭނާގެ "ބުކް ރަން ފޯ ކިއުރިއަސް ކިޑްސް" އޮންލައިން ފިހާރައެވެ. ކުޑަކުދިންގެ ފޮތްތަކަށް ހާއްސަކޮށްފައިވާ މި ފިހާރައިގެ އިންސްޓަގްރާމް އަދި ފޭސްބުކް ޕޭޖަށް ބަލާލުމުންވެސް، ކިޔުމުގެ މުހިންމު ކަމާ ބެހޭ ގޮތުން ޞަފާ ކުދިންނަށާއި ބެލެނިވެރިންނަށް ދެމުންދާ މެސެޖުތައް ފެނިގެންދެއެވެ.

View this post on Instagram

A post shared by Book Run (@bookrunmv)

"ފޮތްތަކާ ބެހޭ ގޮތުން ރިސާޗް ކުރުމަށް ފަހު، ކަން އެނގޭ މީހަކު ގެންނަ ފޮތްތައް ރާއްޖޭގެ ކުދިންނަށް ލިބެން ހުރުން އެއީ ވަރަށް ބޮޑު ހުވަފެނެއް. ބުކްރަން އިން އެކަންތައް މިކުރެވެނީ. ކުދިން ސްކްރީނާ ދުރުކޮށް ފޮތަށް ލޯބި ޖެއްސުން. އެއީ އެކުދިންގެ ދިރިއުޅުން ވަރަށް ބޮޑަށް ބަދަލުކޮށްލާނެ ކަމެއް،" ޞަފާ ބުންޏެވެ.

ވީމާ ފޮތުގެ ދުނިޔެއިން ފެޔަށް ޖެހުމުގެ އެއްވެސް ހިޔާލެއް ޞަފާ ނުގެންގުޅެއެވެ. އޭނާގެ އަތުކުރި އޮޅައިލައިފައި ވަނީ ވީހާވެސް ގިނަ ކުދިންގެ ހިޔާލާއި ފިކުރުގައި އެފަދަ ދުނިޔެއެއް އާރާސްތު ކުރުމަށް އެހީތެރިވެދިނުމަށެވެ.

comment ކޮމެންޓް