ދައުވާ ކުރަން ނިންމީ ޒާތީކޮށް ކަމަށް ވިދާޅުވެ، ޕީޖީގެ ޗެޓްލޮގެއް މަހުލޫފް އާންމުކޮށްފި

އޮގަސްޓް 3، 2021: މޭ6 ބޮމް ގޮއްވާލި މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލް ހުސެން ޝަމީމް ނޫސްވެރިންނަށް މައުލޫމާތު ދެއްވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފްގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާ އުފުލައިފައިވަނީ ޒާތީކޮށް ކަމަށް ވިދާޅުވެ، ޕްރެސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް އާ ދައްކައިފައިވާ ވާހަކަތަކެއްގެ ޗެޓްލޮގެއް މަހުލޫފް އާންމުކުރައްވައިފިއެވެ.

މަހުލޫފްގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާ އުފުލީ އޭނާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަމުގައި ހުންނެވިއިރު، އޮގަސްޓް 27، 2014 ވަނަ ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، ރިޝްވަތު ހިފި ކަމަށް ތުހުމަތު ކުރެވޭތީ ކަމަށް ޕީޖީން ވަނީ ބުނެފައެވެ.

މަހުލޫފް އާންމުކުރައްވައިފައިވަނީ ޔޫތު މިނިސްޓަރުގެ ޕީއޭ އަޒްމޫން އަހުމަދު އާއި ޕީޖީ ޝަމީމް ދައްކަވައިފައިވާ ވާހަކަތަކެއްގެ ޗެޓުލޮގުތަކެކެވެ.

ޗެޓްލޮގް އާންމުކުރައްވައި މަހުލޫފް ވިދާޅުވީ ޝަމީމް ނިންމެވީ ޒާތީ ނިންމެވުމެއް ކަން އެ ޗެޓްލޮގްތަކުން ހާމަވާ ކަމަށެވެ.

"ޝަމީމްގެ ފޮތުގައި އޮންނަގޮތުން ދައުވާ ކުރުމަށް ނިންމަނީ އަޅުގަނޑު 'ފުއްޕާވަރަށް އަދި ސައިޒުވާ' މިންވަރުގެ މައްޗަށް،" މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް އިތުރަށް ވިދާޅުވީ އިސްތިއުފާ ނުދެއްވާނެ ކަމަށް ވިދާޅުވި ވާހަކަ ތަކުރާރުކުރައްވައި މަހުލޫފް ކޯޓުގައި ހަގީގަތް ހާމަވާނެ ކަމަށެވެ.

މަހުލޫފް އާންމުކުރެއްވި ޗެޓުލޮގުގައި އަޒްމޫން ވަނީ މަހުލޫފްގެ މައްސަލަ ނިމެނީ ކޮން އިރަކުންތޯ ސުވާލުކުރައްވައިފައެވެ. އަދި ފުޓްބޯޅަ މެޗެއް ބެލުމަށް ވެސް ދައުވަތު ދެއްވައިފައިވެއެވެ.

އޭގެ ޖަވާބުގައި ޕީޖީ ޝަމީމް ވަނީ ޔޫތު މިނިސްޓްރީގައި ތިއްބެވީ "ހުސް މުއްތަހަމުން" ކަމަށް ވިދާޅުވެ މެޗު ބަލަން ދާނީ ކިހިނެއްތޯ ސުވާލުކުރައްވައިފައެވެ. ހަމައެހެންމެ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަކީ ވެސް މުއްތަހަމެއް ކަމަށް ވިދާޅުވެފައެވެ.

އެއާއެކު އަޒްމޫން ވަނީ އެ މައްސަލައިގައި މިހާރު 110 ދުވަހަށް ވުރެ ގިނަ ދުވަސްވެގެން ގޮސްފައިވާ ކަން ފާހަގަކުރައްވައިފައެވެ.

އަޒްމޫނަށް ޖަވާބުދެއްވަމުން ޕީޖީ ވަނީ "އެއީ ފުއްޕީމާ" ވާ ގޮތް ކަމަށް ވިދާޅުވެފައެވެ.

"900 ދުވަސް ވިޔަސް، ބޭކާރު ގޮތުގައި ފުއްޕީމާ ވާ ގޮތް މިއީ، ޕޮލިސް ވެސް ނޯ ސިމްޕަތީ ނައު،" މަހުލޫފް އާންމުކުރެއްވި ޗެޓުލޮގުގައި ޕީޖީ ޝަމީމް ވިދާޅުވެފައެވެ.

ޕީޖީ އެހެން ވިދާޅުވުމުން އަޒްމޫން ވަނީ "މިހާރު ނުފުއްޕާ" ކަމަށާއި "ފުއްޕަ ފުއްޕާފަ ސައިޒް ވީ" ކަމަށް ވިދާޅުވެފައެވެ. އެ މެސެޖުގެ ޖަވާބުގައި ޕީޖީ ވިދާޅުވީ "ސައިޒު ވީ" އަދި "މިހާރު ނުފުއްޕަނީ" ކީއްވެތޯ ސުވާލުކުރައްވައިފައެވެ.

މިނިސްޓަރު މަހުލޫފް އާންމުކުރެއްވި ޗެޓްލޮގާ ގުޅޭ ގޮތުން ޕީޖީ ޝަމީމްގެ ބަހެއް ހޯދާލުމުން، ފޯނަށް ޖަވާބު ނުދެއްވާތީ އަދި މެސެޖަށް ރިޕްލައި ނުކުރައްވާތީ ވަނީ ލިބޭ ގޮތް ނުވެފައެވެ.

އެމްއެމްޕީއާރުސީ މައްސަލައިގައި މަހުލޫފުގެ މައްޗަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިދިޔަ ޖޫން މަހު ޕީޖީއަށް ފޮނުވީ، 2014 ވަނަ އަހަރު މަޖިލިސް މެމްބަރެއްގެ ގޮތުގައި ހުންނަވައި، ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒީ) ބިލަށް ވޯޓު ދިނުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދެއްވި 33،000 ޑޮލަރުގެ ރިޝްވަތެއް ގަބޫލު ކުރެއްވި ކަމުގެ ތުހުމަތުގައެވެ.

މަހުލޫފް ތުހުމަތު ކުރައްވާ ގޮތުގައި އޭނާގެ މައްސަލައިގެ އަޑީގައި ވަނީ އޭނާ މަގާމުން ދުރު ކުރަން މަސައްކަތް ކުރާ ސިޔާސީ ބަޔެކެވެ. އަދި މައްސަލަ ކޯޓަށް ހުށަހަޅައިފި ނަމަ، މަހުލޫފާ ދެކޮޅަށް ދެއްކޭނެ އެއްވެސް ހެއްކެއް ނޯންނާނެ ކަމަށް ވެސް އޭނާ މީގެ ކުރިން ވިދާޅުވެފައިވެއެވެ. މަހުލޫފް ވިދާޅުވާ ގޮތުގައި އޭނާއަށް މިހާތަނަށް ދައުވާ ނުކުރެވިގެން އުޅޭ ސަބަބަކީ ވެސް ހެކި ނެތުމެވެ.

comment ކޮމެންޓް