މިސްކިތަށް ކުޑަކަމުދިޔަ މީހާއަށް ދައުވާކޮށްފި

މާލޭގެ ދެ މިިސްކިތަކަށާއި ރައީސް އޮފީސް ކުރިމައްޗަށް ކުޑަކަމުގޮސް ހަތިމަކަށް ކުޅު ޖެހި މ. ޝޭޑީ ހޯމް، ހަސަން ޒިޔާދު --

މާލޭގެ ދެ މިިސްކިތަކަށާއި ރައީސް އޮފީސް ކުރިމައްޗަށް ކުޑަކަމުދިޔަ މ. ޝޭޑީ ހޯމް، ހަސަން ޒިޔާދުގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ދައުވާކޮށްފިއެވެ.

ޒިޔާދުގެ މައްޗަށް ކޮށްފައިވަނީ ދެ ދައުވާއެކެވެ. އެއީ އާންމު މަސްލަހަތަށް ގެއްލުން ހުރި ކަމެއް ކުރުމުގެ ދެ ދައުވާއެެވެ.

ޕީޖީ އޮފީހުން ބުނީ މިދިޔަ މަހުގެ 24ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި އޮތް އަޑު އެހުމެއްގައި އޭނާ ދެ ދައުވާއަށް ވެސް އިއުތިރާފުވެފައިވާކަމަށެވެ.

ހުކުރު މިސްކިތަށާއި އިސްލާމީ މަރުކަޒަށް ކުޑަކަމުދިޔަ މައްސަލައިގައި ޒިޔާދު ހައްޔަރުކޮށް، މިދިޔަ މަހުގެ 13 ވަނަ ދުވަހު އޭނާގެ ބަންދަށް 10 ދުވަސް ޖެހިއެވެ. ނަމަވެސް އެ މައްސަލައިގެ ތަހުގީގު ނިމުމާއެކު މިދިޔަ މަހުގެ 25ގައި އޭނާ ދޫކޮށްލިއެވެ.

އޭގެ ފަހުން މި މަހުގެ ހަތް ވަނަ ދުވަހު އޭނާ ވަނީ އިބްރާހިމް މިސްކިތަށް ވަދެ، ހަތިމަކަށް ކުޅުޖަހައިފައެވެ.

އެ މައްސަލައިގައި އެ ދުވަހު އޭނާ ހައްޔަރުކުރުމަށް ފަހު އޭނާގެ ބަންދަށް 10 ދުވަސް ޖެހިއެވެ. އަދި ފަހުން އިތުރު ފަސް ދުވަސް ޖަހައި، އެ ފަސް ދުވަސް ހަމަވުމުން އިއްޔެ ވަނީ އިތުރު 15 ދުވަސް ޖަހައިފައެވެ.

ޒިޔާދުގެ ނަފްސާނީ މައްސަލައެއް ހުންނަކަމަށް މީގެ ކުރިން ވާހަކަ ދެކެވުނު ނަމަވެސް، ޖެންޑާ މިނިސްޓްރީން ބުނެފައި ވަނީ ޒިޔާދުގެ ނަފްސާނީ މައްސަލައެއް ހުރި ކަމަށް ފާހަގަ ނުވާކަމަށެވެ. އަދި އޭނާގެ މައްސަލަ ފުލުހުންނާއި އެންޑީއޭއަށް ފޮނުވައިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް