ކޮމެޓްސް ސްޕޯޓްސް އެކަޑަމީ: ފުޓުބޯޅައިގެ ޖީލެއް ބިނާކުރުމަށް ތަފާތު ޕްރޮޖެކްޓެއް

ކޮމެޓްސް ސްޕޯޓްސް އެކަޑަމީ ލޯންޗް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ކޮމެޓްސް

ފުޓުބޯޅައިގެ މުޅިން ތަފާތު ޖީލެއް ބިނާ ކުރުމުގެ އަޒުމުގައި ނ.ކެނދިކުޅުދޫގެ ކޮމެޓްސް ސްޕޯޓްސް ކުލަބުން އިސްނަގައިގެން އެ ރަށުގައި ފުޓުބޯޅަ އެކަޑަމީއެއް ގާއިމުކޮށްފިއެވެ.

މީގެ ދެ އަހަރު ދުވަސް ކުރިން ރަސްމީ ހައިސިއްޔަތަކާއެކު ނ. ކެނދިކުޅުދޫއަށް ނިސްބަތްވާ ކޮމެޓްސް ސްޕޯޓްސް ކުލަބުން އަމާޒު ހިފި އެއްކަމަކީ ކުޅިވަރު އެކަޑަމީއެއް ގާއިމުކުރުމެވެ. އެ މަސައްކަތް ފަށަން ތައްޔާރުވަމުން ދަނިކޮށް ކޮވިޑު ފެތުރިގެން ދިއުމާއެކު މަޑު ޖައްސާލަން މަޖުބޫރުވީއެވެ. އެކަމަކު ތަފާތު ޕްލޭނަކާއެކު އެކަޑަމީ މިދިޔަ އާދީއްތަ ދުވަހު ވަނީ ކުލަ ގަދަ ރަސްމިއްޔާތަކާ އެކު ލޯންޗް ކޮށްފައެވެ.

ކޮމެޓްސް ސްޕޯޓްސް އެކަޑަމީ ލޯންޗް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ކޮމެޓްސް

މި އެކަޑަމީ ކުރިއަށް ގެންދާނީ ތިން އުމުރު ފުރާއަކަށް ބަހާލައިގެންނެވެ. އެގޮތުން ގްރޭޑް 1،2،3 ގެ ކެޓަގަރީއާއި 4،5 އަދި 6,7,8,9 ގެ ކުދިންނަށް ވަނީ ކެޓަގަރީތައް ހާއްސަކޮށްފައެވެ. ކޮމެޓްސްއިން މި އެކަޑަމީ ފެށީ ފިރިހެން ކުދިންނަށް ވިޔަސް، އަންނަ އަހަރުގެ ތެރޭގައި އަންހެން ކުދިންނަށް ވެސް އެކަޑަމީ ފުޅާ ކުރާނެ ކަމަށް އެކުލަބުން ވަނީ ބުނެފައެވެ.

ކޮމެޓްސް ސްޕޯޓްސް އެކަޑަމީ އިފްތިތާހު ކޮށްފައިވާއިރު، މިހާތަނަށް 60 އަށް ވުރެން ގިނަ ކުދިން އެ އެކަޑަމީއާ ވަނީ ގުޅިފައެވެ. އަދި މިހާރު ވެސް އިތުރު ކުދިން އެކަޑަމީއާ ގުޅެމުން އަންނަ ކަމަށް ކުލަބުން ބުނެއެވެ.

އެ ކުލަބުގެ ރައީސް މުހައްމަދު އަފީފް ވިދާޅުވީ މިކަން ހަގީގަތަކަށް ވެގެން އައީ ގިނަ ބައެއްގެ ބުރަ މަސައްކަތުން ކަމަށާއި، މިކަމަކީ ކެނދިކުޅުދޫގައި ފުޓުބޯޅައިގެ ރަނގަޅު ޖީލުތަކެއް ބިނާކުރެވިގެންދާނެ ކަމެއް ކަމަށެވެ. އަދި މި އެކަޑަމީއިން ގައުމީ ފެންވަރުގެ ޕްލޭޔަރުންތަކެއް އުފެދިގެން އައުމާއެކު އެކަޑަމީއިން ދަސްވެނިވާ ކުދިންނަނީ އަޙުލާގު ރަނގަޅު ކުދިންތަކަކަށް ވުމަކީ އެންމެ ބޮޑު އަމާޒުކަމަށް އަފީފް ވިދާޅުވިއެވެ.

ކޮމެޓްސް ސްޕޯޓްސް އެކަޑަމީ ލޯންޗް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ކޮމެޓްސް

އެކަޑަމީގައި ހެޑް ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވާނީ އޭއެފްސީ "ސީ" ލައިސަންސް ހާސިލް ކޮށްފައިވާ ކޯޗު، އަބްދުލް ސަލާމްއެވެ. އޭނާގެ ދަށުން އެސިސްޓެންޓް ކޯޗުންގެ ގޮތުގައި ހަރަކާތްތެރިވާނީ އަލީ ބުޝްރީއާއި އަބްދުﷲ ސުއާދުއެވެ. މީގެ އިތުރުން ޑިސިޕިލިނަރީ ކޯޑިނޭޓަރެއްގެ ގޮތުގައި މުހައްމަދު އާދަމްއާއި އެޑްވައިޒަރެއްގެ ގޮތުގައި މުހައްމަދު ހުޝާމް ވެސް ބައިވެރިވާނެއެވެ.

ކޮމެޓްސްއިން ބުނީ އެކަޑަމީގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން އެ ރަށުގެ ސިއްހީ މަރުކަޒާ ގުޅިގެން އެކަޑަމީ ހުރިހާ ކުދިންގެ މެޑިކަލް ޗެކަޕެއް ވެސް ކުރިއަށް ގެންދަން ރޭވިފައިވާ ކަމަށެވެ. އެހެން ކަމުން ކުދިންގެ ފިޒިކަލް އެއްވެސް މައްސަލައެއް ހުރެއްޖެ ނަމަ، ކޯޗުންނަށް އެ ކުދިންނަށް ވަކިން ސަމާލްކަން ދެވޭނެ ކަމަށެވެ.

މީގެ އިތުރުން ޕްރެކްޓިކަލް ކުލާސްތަކާއެކު ތިއަރީ ކުލާސްތަކެއް ވެސް ނަގައިދޭނެ ކަމަށާއި، ފުޓުބޯޅައިގެ އިތުރުން، ދީނީ ކަންކަމަށާއި، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވެސް ކުލަބުން ބާރު އެޅުމުގެ ގޮތުން ކުލާސްތަކެއް ނަގައިދޭނެއެވެ.

ކޮމެޓްސް ސްޕޯޓްސް ކުލަބަކީ ކެނދިކުޅުދޫގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ މުހައްމަދު އައްޒާމް ނިސްބަތްވާ ކުލަބެވެ. އޭނާ ފުޓުބޯޅަ ކުޅުން ހުއްޓާލިކަން ރަސްމީކޮށް މިއަހަރު އިއުލާން ކުރީ ކޮމެޓްސް އާއެކު އެ ރަށުގައި ބޭއްވި ކައުންސިލް މުބާރާތުގެ ޗެމްޕިއަން ހޯދުމަށްފަހުއެވެ. ކައިރި މުސްތަގުބަލެއްގައި އައްޒާމް ވެސް ކޮމެޓްސް އެކަޑަމީގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވާން ފަށާނެ ކަމަށް ކޮމެޓްސްއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް