ސަރަހައްދީ ހަމަޖެހުން ދަމަހައްޓަން، ގުޅިގެން މަސައްކަތް ކުރަން ޖެހޭ: މިނިސްޓަރު މާރިޔާ

ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ -- ފޮޓޯ/ ރައީސް އޮފީސް

ސަރަހައްދީ ހަމަޖެހުން ދެމެހެއްޓުމަށް ޓަކައި މި ސަރަހައްދުގެ ގައުމުތަކުން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖެ، އިންޑިއާ އަދި ސްރީލަންކާގެ ކޯސްޓްގާޑު ގުޅިގެން ހިންގާ ޓްރައިލެޓްރަލް އެކްސަސައިޒް "ދޯސްތީ" ހުޅުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، މި ސަރަހައްދުގެ ހަމަޖެހުމާއި ސަލާމަތަށް ބޮޑެތި ނުރައްކާތަކެއް އެބަހުރި ކަމަށެވެ.

"މިސާލަކަށް ޓެރަރިޒަމް، ވަޔަލެންޓް އެކްސްޓްރީމިޒަމް، އިންސާނީ ވަގުފާރި، މަސްތުވާތަކެތީގެ ވިޔަފާރި، ކަނޑުފޭރުން، އައިޔޫޔޫ (އިލީގަލް، އަންރިޕޯޓަޑް، އަންރެގިއުލޭޓަޑް) ފިޝިން، ސަމްގްލިން އަދި މަނީ ލޯންޑަރިން ފަދަ ކަންކަމަކީ މި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ނުރައްކާ ކުރަމުންދާ ކަންކަން." މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

އެ ކަންކަމާ ދެކޮޅަށް މަސައްކަތް ކުރުމުގައި އާ ގޮތްތަކަކަށް އަމަލުކުރަން ޖެހޭ ކަމަށް މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

އެގޮތުން ސަރުކާރުތަކާއި އިންޓެލިޖެންސް އޭޖެންސީތަކާއި ގައުމުތަކުގެ ޕްރައިވެޓް ސެކްޓާގައި ހުރި ވަސީލަތްތައް، ގުޅިގެން ބޭނުން ކުރުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެންމެ ގޯސް ހާލަތްތަކަށް ވެސް ތައްޔާރުވެގެން ތިބެން ޖެހޭނެ ކަމަށާއި ދޯސްތީ ފަދަ ހަރަކާތްތަކަކީ މި މަގުން އެޅޭ ރަނގަޅު ފިޔަވަޅެއް ކަމަށެވެ.

އެކްސަޒައިޒް ދޯސްތީއަކީ 1992 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި މި ސަރަހައްދުގައި ހިނގާ ކަނޑުމަތީގެ ހާދިސާތަކަށް ސަމާލުވުމަށް މި ސަރަހައްދުގެ ތިން ގައުމުން ކުރިއަށް ގެންދާ ކަނޑުމަތީ އަސްކަރީ ތަމްރީނުު ޕޮރޮގްރާމެކެވެ.

މިއަހަރު މި ބާއްވަނީ ދޯސްތީގެ 15 ވަނަ ޕްރޮގްރާމެވެ.

މި ޕްރޮގްރާމުގެ އޮބްޒާވަރުންގެ ގޮތުގައި ހިމެނޭ ބަންގްލަދޭޝްއާއި ސީޝެލްސް ވެސް ކުރިއަށް އޮތް ތަނުގައި މި ޕްރޮގްރާމުގައި ބައިވެރިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

comment ކޮމެންޓް