މަގުމަތިން އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރި މީހާ ހެކި ނެތިގެން ދޫކޮށްލައިފި

މާލޭގެ މަގެއްގެ މަތިން ހިނގާފައިދިޔަ އަންހެނަކަށް ޖިންސީ ފުރައްސާރަ ކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކު ދޫކޮށްލައިފިއެވެ.

މި މައްސަލައާ ގުޅިގެން ހުކުރު ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ 20 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ މަގުތިން ހިނގާފައިދިޔަ އަންހެނަކަށް، މީހަކު ޖިންސީ ފުރައްސާކުރި މައްސަލައެއް ހުކުރު ދުވަހު ހެނދުނު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައިގައި ޖިންސީ ފުރައްސާރަ ރައްދުވި، އަންހެންމީހާ ވަނީ އެ މައްސަލަ ހިނގައިދިޔަ ގޮތް ސޯޝަލް މީޑިއާގައި ވެސް ހިއްސާ ކޮށްފައެވެ. އޭނާ ބުނެފައިވަނީ އެކަން ހިނގީ އޮފީހަށް ދިޔަ މަގުމަތީގައި ކަމަށެވެ.

އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު "ސަން" އަށް ވިދާޅުވީ، މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާ އިއްޔެ ފުލުހުންގެ ބަންދުން ދޫކޮށްލާފައި ވާކަމަށެވެ.

"އޭނަ ދޫކޮށްލާފައި ވަނީ މައްސަލައާ ގުޅިގެން އެކަށީގެންވާ ހެއްކާއި ގަރީނާ ލިބިފައި ނުވާތީ،" ފުލުހުން ބުންޏެވެ.

ނަމަވެސް މި މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްގެންދާކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް