ރަށުން ބޭރުގައި ހާފިޒުކަން ކިޔަވާ ދަރިވަރުންގެ ހަރަދުތައް ސަރުކާރުން ދެނީ

ގުރްއާނާބެހޭ ގައުމީ މަރުކަޒުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު --- ފޮޓޯ: ރައީސް އޮފީސް

ރަށުން ބޭރުގައި ހާފިޒުކަން ކިޔަވާ ދަރިވަރުންގެ ހަރަދުތައް ސަރުކާރުން ހަމަޖައްސައިދިނުމަށް ނިންމައިފިއެވެ.

ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ, ޖަޒީރާ ތަރައްގީގެ އެންމެ މައި ތަނބަކީ ރާއްޖޭގައި މިހާރަށްވުރެ ބޮޑަށް ދީނީ އިލްމު އުނގަންނައިދީ ފެތުރުން ކަމަށެވެ.

ދީނީ އިލްމާއި ގުރްއާނުގެ އިލްމް ރާއްޖޭގައި މިހާރަށްވުރެ ބޮޑަށް ފެތުރުމަށް، އިތުރު ކަންތައްތަކެއް ކުރަމުން ގެންދާކަން ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.

"އަންނަ އަހަރު ފެށިގެން އަންނައިރުގައި ހާފިޒުކަން ކިޔަވަން ބޭނުންވާ ދަރިވަރުންގެ ތެރެއިން އަމިއްލަ ރަށުން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ކޯސް ފުރިހަމަކުރުމަށް ބޭނުންވާ އެމީހުންގެ ދިރިއުޅުމުގެ ހަރަދުތައް އިރާދަކުރެއްވިއްޔާ ސަރުކާރުން ހަމަޖައްސައިދޭނަން," ރައީސް ސޯލިހު ވިދާޅުވިއެވެ.

ހާފިޒުކަން ކިޔުވަން ޝައުގުވެރިވާ ފަރާތްތަކަށް ރައީސް ސޯލިހު އުފާވެރިކަމުގެ ހަބަރެއް ދެއްވާފައިވާއިރު, މިހާރަށްވުރެން ބޮޑަށް ގުރުއާނާއި ބެހޭ މަރުކަޒު ފުޅާކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

"މި ސަރުކާރުން އިރާދަކުރެއްވިއްޔާ ގުރްއާނާބެހޭ މަރުކަޒު މިއަށްވުރެ ފުޅާކޮށް ދީނީ އިލްމު ރާއްޖޭގައި ފެތުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއްގައި އެހީތެރިވެދޭނެ ކަމުގެ ޔަގީންކަން މިރޭ އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން," ރައީސް ސޯލިހު ވިދާޅުވިއެވެ.

comment ކޮމެންޓް