މުޖުތަމައުގައި ހުރި މައްސަލަތަކަށް ގުރުއާނުން ހައްލު ލިބެން އެބަހުރި: ރައީސް

ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ: ރައީސް އޮފީސްަ

އަޅުގަނޑުމެންގެ ތެރޭގައި ހުރި މައްސަލަތަކަށް ކީރިތި ގުރްއާނުގެ އަހްލާގުން ހައްލު ލިބެން އެބަހުރި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ, ކީރިތި ގުރުއާނަކީ ހަމައެކަނި ރީތި ރާގުރާގަށް ކިޔަވަން އޮތް ފޮތެއް ނޫން ކަމަށެވެ. އަދި އެއީ ހަމައެކަނި ރީތި ރާގުރާގަށް ކިޔަވައި ހިތުދަސްކުރަން އޮތް ފޮތެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ތަޖުވީދު މަގުން ގުރްއާން ކިޔަވަން ދަސްކޮށް، ހިތުދަސްކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަން ފާހަގަކޮށް ރައީސް ސޯލިހު ވިދާޅުވީ, ގުރްއާނުން ހިފޭނެ އެއަށް ވުރެ މާ ގިނަ ބޭނުންތައް ހުންނާނެކަމަށެވެ.

"އެ ބޭނުންތައް އަޅުގަނޑުމެންނަށް ހިފޭނީ އަޅުގަނޑުމެންގެ އަމަލީ ދިރިއުޅުމުގައި ކީރިތި ގުރްއާން ތަންފީޒުކުރަން ދަސްކޮށްގެން. އެއީ ކީރިތި ގުރްއާނުގެ އަހްލާގު އުނގެނި ދަސްކުރުން. އަޅުގަނޑުމެންގެ ތެރޭގައި ހުރި މައްސަލަތަކަށް ކީރިތި ގުރްއާނުގެ އަހްލާގުން ހައްލު ލިބެން އެބަހުރި," ރައީސް ސޯލިހު ވިދާޅުވިއެވެ.

ޒަމާނުއްސުރެ އަޅުގަނޑުމެންގެ ތެރޭގައި އެންމެ ގަދަރުކުރެވޭ ދެ ދާއިރާއަކީ ގުރުއާން ކިޔަވާދެއްވާ މުދައްރިސު ކަމާއި މިސްކިތްތަކުގެ މުދިމުންނާއި އިމާމުކަން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ: ރައީސް އޮފީސްަ

އެ މީހުންނަކީ ކާބަފައިންގެ ޒަމާނުން ފެށިގެންވެސް، މުޖްތަމައުގައި ވަރަށް މުހިންމު ދައުރެއް އަދާކުރަމުން އައި ބައެއް ކަން ރައީސް ފާހަގަކުރެއްވިއެވެ.

"ރަށު ފެންވަރުގައި ކަންކަން ރާވައި ހިންގާއިރު އެމީހުންގެ ލަފަޔާއި އިރުޝާދު ހޯދާނެ. މުޅި މުޖްތަމައު އެމީހުންގެ ބަސް ގަބޫލުކުރާނެ. އޭރު އަޅުގަނޑުމެންގެ ތެރޭގައި ވަރަށް މަތީ ދަރަޖައަކަށް އިހްތިރާމް އޮތް. މުޖްތަމައުގައި ސުލްހަޔާއި ހަމަޖެހުން އޮތް. އޭރު ދިވެހިން އުޅެމުން އައީ އެކަކު އަނެކަކަށް އަޅާލައި އޯގާތެރިވެ އެހީތެރިވާ އެއް އާއިލާއެއްގެ ގޮތުގައި," ރައީސް ސޯލިހު ވިދާޅިވިއެވެ.

އެ އާދަތަކާއި ހަމަޖެހުމާއި އުފާވެރިކަން އަލުން އަނބުރާ އަޅުގަނޑުމެންގެ މުޖުތަމައުއަށް ބޭނުންވާ ކަން ފާހަގަކޮށް ރައީސް ވިދާޅުވީ, އެކަން ކުރުމުގައި މިރޭ ދަސްވެނިވުނު ދަރިވަރިންނަށް މުހިންމު ދައުރެއް އަދާކުރެއްވޭނެ ކަމަށެވެ.

އަޅުގަނޑުމެންގެ ތެރެއިން މަދު ބަޔަކު ގެންގުޅޭ ހަރުކަށި ފިކުރުތަކަކީ، އިސްލާމީ ތަރުބަވީ އަހްލާގު ދަންނަ އެއްޗެއް ނޫން ކަމަށާއި އިސްލާމް ދީނުން ފެންނަން އޮތީ، އިޖްތިމާއީ އަދާލަތާއި ހަމަހަމަކަމާއި މެދުމިނުގެ އެންމެ މަތިވެރި އުސޫލުތައް ކަމަށް ރައީސް ވިދާޅުވިއެވެ.

އިސްލާމީ އަހުލާގު ދައުވަތު ދެނީ، އޯގާތެރިކަމާއި ލޯތްބާއެކު އެކުވެރިވެ އެއްބައެއްގެ ގޮތުގައި އުޅުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އިސްލާމް ޓީޗަރުން ވިދާޅުވާ ގޮތުން ކީރިތި ގުރްއާނުގެ އިލްމަކީ ވަރަށް ތަނަވަސް ދާއިރާއަކަށް ފެތުރިފައިވާ އެއްޗެއް. ނަމަވެސް އެ އިލްމުތަކުގެ ބޭނުން ހިފޭ ތަނެއް އަޅުގަނޑުމެންގެ ތެރެއަކުން ނުފެނޭ. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ގުރްއާން ޓީޗަރުންނާއި ހާފިޒުންނާއި އިމާމުން އުފެއްދުމަށް ވުރެ ކީރިތި ގުރްއާނާ ބެހޭ މަރުކަޒުގެ ދައުރު މާފުޅާވާންޖެހޭނެ," ރައީސް ވިދާޅުވިއެވެ.

އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ، ކީރިތި ގުރްއާނުގެ އިލްމުތައް ފެތުރުންކަން ފާހަގަކޮށް ރައީސް ސޯލިހު ވިދާޅުވީ, ގުރްއާނުގެ އިލްމީ ކަންޒުން ސިކުނޑިތައް މުއްސަނދިވެގެން ދާނީ ގުރްއާނުގެ އިލްމީ ދިރާސާތައް ކޮށްގެން ކަމަށެވެ.

"މިޒަމާނުގެ އިލްމީ ހޯދުންތައްވެސް ކީރިތި ގުރްއާނުގެ އިލްމީ ހަގީގަތްތަކުން އިތުރު ފުރިހަމަވެގެން ދާނެކަން ޔަގީން," ރައީސް ވިދާޅުވިއެވެ.

އެހެންކަމުން ގުރުއާނާއި ބެހޭ ގައުމީ މަރުކަޒުގެ ދައުރު މާބޮޑަށް ފުޅާކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގުރްއާނާ ބެހޭ މަރުކަޒެއް ހުރުމުގެ ހަގީގީ ފައިދާ ލިބޭނީ އޭރުން ކަމަށް ވެސް ރައީސް ވިދާޅުވއިެވެ.

comment ކޮމެންޓް