ފަސް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް!

ޖޫން 29، 2020: ރޭޕްއާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފަސް އަހަރުގެ ތުއްތުކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ ނޯތް ސެންޓްރަލް ޕޮލިސް ޑިވިޝަން (ކ، އއ، އދ، އަދި ވ އަތޮޅު) ގައި ހިމެނޭ ރަށެއްގެ އުމުރުން ފަސް އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އެ މުއައްސަސާއަށް ހުށަހެޅިފައިވާ ކަމަށެވެ.

މި މައްސަލަ ހުށަހަޅައިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ދަންވަރު 12:50 ގައި ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިވާ ކަމެއް އަދި ނުވާ ކަމެއް ވެސް މިހާތަނަށް ފުލުހުން ހިއްސާ ކޮށްފައެއް ނުވެއެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެއްވައި، ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މިފަހުން ވެސް ސުކޫލެއްގައި ހަތަރު އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ވަނީ ފުލުހުންނަށް ހުށަހެޅިފައެވެ.

އެހެންނަމަވެސް އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި 63 އަހަރުގެ އަންހެން މީހާ ކޯޓުން ވަނީ ދޫކޮށްލައިފައެވެ. ފުލުހުން އޭނާ ދޫކޮށްލައިފައިވަނީ ތުހުމަތު ކުރެވޭ މީހާ ބަންދުގައި ބަހައްޓަން ޖެހޭ ކަމަށް ނުފެންނަ ކަމަށް ޕީޖީ އޮފީހުން ލަފާދީފައިވާތީ ކަމަށް ބުނެއެވެ.

comment ކޮމެންޓް