ކުރޫޒް ލައިނާތައް ނާންނަ ސަބަބު ޓޫރިޒަމުން ބަލަނީ

ޓުއަރިޒަމް މިނިސްޓަރ މައުސޫމް ސަން އަށް އިންޓަވިއު ދެއްވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއަށް މީގެ ކުރިން ކޮންމެ އަހަރަކު އެތައް ހާސް ޓޫރިސްޓުން ގެންނަ ކުރޫޒް ލައިނާތަކުން މިއަހަރު ރާއްޖެއަށް އެއްވެސް ދަތުރެއް ނުކުރާތީ އެކަމުގެ ސަބަބު ބަލައި، ހައްލު ކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ދިވެހި ޝިޕިން ކުންފުނިތަކުން ބުނާ ގޮތުން ކުރޫޒް ލައިނާތައް ރާއްޖެ އައުން މެދުކަނޑާލީ އެމްޕީއެލްއިން ނަގާ ޕައިލޮޓޭޖް ފީ ބޮޑު ކުރުމާ ގުޅިގެންނެވެ.

ކުރޫޒް ލައިނާތައް ރާއްޖެ އައިސް އަޅާފައި އޮންނަނީ މާލޭ ބޭރުގައެވެ. އެ ސަރަހައްދަށް ކުރޫޒް ލައިނާތައް ވައްދައި، ނެރެދީ ހަދަނީ އެމްޕީއެލްގެ ޕައިލެޓުން ބޯޓުތަކަށް އަރައިގެންނެވެ.

އެ ކަމަށް ޕައިލޮޓޭޖް ފީގެ ގޮތުގައި ކުރިން ނަގަމުން އައީ ގަޑިއިރަކަށް 16,330.52 ރުފިޔާއެވެ. މިދިޔަ ޑިސެމްބަރުން ފެށިގެން އެ ފީ ވަނީ ބޮޑުތަނުން ބޮޑު ކޮށްފައެވެ. މިހާރު އެކަމަށް ގަޑިއިރަކަށް 74,458.56 ރުފިޔާ ނަގައެވެ. އޭގެ އިތުރުން ވެސް ބަނދަރު ބޭނުން ކުރާތީ ފީތަކެއް ދައްކަން ޖެހެއެވެ.

https://sun.mv/158966

ކުރިން އަހަރެއްގެ މައްޗަށް ރާއްޖެއަށް 60 އެއްހާ ކުރޫޒް ލައިނާ އާދެއެވެ. އެ ބޯޓުތަކުން އެކަނި އަހަރަކު 60،000 އެއްހާ ޓޫރިސްޓުން ރާއްޖެ އާދެއެވެ. މިއަހަރު މިހާތަނަށް ކުރޫޒް ލައިނާއެއް ނާންނާތީ އެ ސެކްޓާއިން ޓޫރިސްޓަކު ރާއްޖެ ނާދެއެވެ.

ޝިޕިން ކުންފުނިތަކުން ބުނާ ގޮތުގައި ކުރޫޒް ލައިނާތައް މިހާރު ދަތުރުތައް ފަށާފައިވާއިރު ރާއްޖެ އައުމަށް ބޭނުން ވެގެން ގިނަ ހުށަހެޅުންތަކެއް ލިބިފައިވެއެވެ. ނަމަވެސް އެ ދަތުރުތައް ފަހުން ކެންސަލް ކުރަނީ ޕައިލޮޓޭޖް ފީ ބޮޑުކަމުން ކަމަށް އެ ކުންފުނިތަކުން ބުނެއެވެ. އަދި ވާދަވެރި ގައުމުތަކަށް ވުރެ ރާއްޖޭގެ ޕައިލޮޓޭޖް ފީ ބޮޑުތަނުން އިތުރު ކަމަށް ކުންފުނިތަކުން ބުނެއެވެ.

އެކަމާ ގުޅޭގޮތުން މިނިސްޓަރު މައުސޫމް "ސަން" އަށް ވިދާޅުވީ މި ސަރަހައްދުގެ އެހެން ގައުމުތަކުން ކުރޫޒް ލައިނާތަކަށް ހިދުމަތް ދޭ އަގުތަކާއި ރާއްޖޭން މިހާރު ދޭ އަގުތައް އަޅާކިޔުމަށް ޓަކައި ވާދަވެރި ގައުމުތަކުން ހިދުމަތް ދޭ އަގުތައް ޓޫރިޒަމް މިނިސްޓްރީއާ ހިއްސާ ކުރުމަށް އެ ދާއިރާގެ ބޭފުޅުންނަށް އަންގާފައިވާ ކަމަށެވެ. އެ އަގުތައް ލިބުމުން އެކަން ބެލުމަށް ފަހު އެމްޕީއެލްއާ މަޝްވަރާ ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ރީޖަނަލީ ވާދަވެރި އަގަކަށް ވުން ވަރަށް މުހިންމު. އެއާ އެއްކޮށް ހިލޭ ސާބަހަށް ވެސް ކަންތައްތަކެއް ނުކުރެވޭނެ. އިކޮނޮމީއެއް ހިންގާއިރު އިކޮނޮމީގެ ހުރިހާ ވޭރިއަބަލްސްއަށް ބަލަން ޖެހޭ،" މިނިސްޓަރު ވިދާޅުވިއެވެ.

"އަގުތައް ކަނޑައަޅާއިރު ވާދަވެރިކަމުގައި ހިފަހައްޓާލެވޭ ގޮތަށް ކަނޑައެޅުމަކީ ވަރަށް މުހިންމު ކަމެއް. ހަމައެއާއެކު ވާދަވެރި ވާންށޭ ކިޔާފައި ގެއްލުމުގައި ކަމެއް ހިންގުމަކީ ވެސް އެއީ ބޭނުން ކަމެއް ނޫން. މުޅި ގައުމުގެ ފައިދާއަށް ބަލައިފިއްޔާ އެއް ކަމެއް ގެއްލުމުގައި ހިންގާފައި އަނެއް ކަމެއް ފައިދާ ވާ ގޮތަށް ހުރެދާނެ ދެއްތޯ؟"

ކުރޫޒް ލައިނާތަކަކީ ރާއްޖޭގެ ޓޫރިޒަމަށް ވަރަށް މުހިންމު ބައެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ރާއްޖެއަށް ކުރޫޒް ލައިނާތައް ނައިސްގެން އުޅޭއިރު އެ ދާއިރާގެ ގިނަ އުޅަނދުތައް އަދި ރަނގަޅަށް ދުއްވަން ނުފަށާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

https://sun.mv/159142

އެކަމާ ގުޅޭގޮތުން އެމްޕީއެލްގެ މީޑިއާ އޮފިޝަލް ކުރިން "ސަން" އަށް ވިދާޅުވީ ފާއިތުވި ތިން، ހަތަރު އަހަރެއްގެ ތެރޭގައި އެ ކުންފުންޏަށް ގެނެސްފައިވާ މުހިންމު ބަދަލުތަކުގެ ތެރޭގައި ޕައިލޮޓޭޖް ޗާޖަށް ގެނެސްފައިވާ ބަދަލު ހިމެނޭ ކަމަށެވެ. އެ ފީތައް ބޮޑު ކުރީ ދާއިރާގެ ތަޖުރިބާކާރުންނާ މަޝްވަރާ ކުރުމަށް ފަހުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެއިރުވެސް އަދި މިހާރުވެސް ކްރޫޒް ލައިނާތަކުގެ ޕައިލެޓޭޖް ފީ ބޮޑު ކަމުގެ ޝަކުވާއެއް، ކަންބޮޑުވުމެއް މި ކުންފުންޏަކަށް ހުށަހަޅާފައެއް ނުވޭ،" އޮފިޝަލް ވިދާޅުވިއެވެ.

ނަމަވެސް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓް (މާޔާ) އިން ބުނާ ގޮތުގައި ޕައިލޮޓޭޖް ފީ އެމްޕީއެލްއިން ބޮޑުކުރީ ކުރިއާލާ މަޝްވަރާ ކުރުމެއް ނެތިއެވެ. އަދި އެކަމުގެ ކަންބޮޑުވުން އެތައް ފަހަރެއްގެ މަތިން ކަމާބެހޭ ފަރާތްތަކާ ހިއްސާކޮށްފައިވާނެ ކަމަށް މާޔާއިން ބުނެއެވެ.

އެމްޕީއެލްއިން ބުނީ އެކަމަށް ހައްލު ހޯދައިދިނުމަށް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ އެކު ބައްދަލުވުންތައް އެ ކުންފުނިން ފަށައިފައިވާ ކަމަށެވެ.

ކުރޫޒް ލައިނާތަކުން ބޮޑު އާމްދަނީއެއް ލިބުނު ނަމަވެސް އެކަން އޮޕަރޭޓް ކުރުމަށް ގިނަ ގޮންޖެހުންތަކަކާ ޝިޕިން ކުންފުނިތަކަށް ކުރިމަތިވެއެވެ. އެގޮތުން މީގެ ކުރިން ކުރޫޒް ލައިނާތަކުން އަންނަ ޓޫރިސްޓުން ބޭލުމަށް ރަސްމީ ފާލަން ސަރަހައްދު ބޭނުން ކުރަމުން ދަނިކޮށް ފަހުން ވަނީ އެކަން ވެސް މަނާ ކޮށްފައެވެ. އެތައް މަސައްކަތެއް ކުރުމުން ފަހުން އެކަން ކުރުމަށް ދީފައިވަނީ މަސްވެރިންގެ ޕާކް ސަރަހައްދެވެ.

comment ކޮމެންޓް