ދަރިންގެ ހައްގުގައި ގުރުބާންވަމުންދިޔަ ޝަހީދާ، އެކްސިޑެންޓަށް ފަހު އެދެނީ ދީލަތި އެހީއަކަށް

އެކްސިޑެންޓުވުމުގެ ކުރިން އަންހެން މީހާ މަގު ހުރަސް ކުރުމަށް ދިޔަ ވަގުތު ޕިކަޕް ކޮންޓްރޯލު ނުކުރެވިގެން އަންހެން މީހާ އާ ދިމާއަށް ދަނީ --- ސަން ފޮޓޯ

އެކްސިޑެންޓުތަކުގެ ވާހަކައަކީ ދިވެހިންނަށް އާ ވާހަކައެއް ނޫނެވެ. ހަފްތާއަކު އެއް ފަހަރުހެން އަބަދުވެސް އިވިއިވި ހުންނަ ދިވެހީންގެ ކަންފަތަށް ބާވެފައިވާ އަޑުތަކެކެވެ.

ނަމަވެސް ބައެއް ފަހަރު ހިނގާ އެކްސިޑެންޓުތަކުގެ ވާހަކައަކީ އެތައް ބައެއްގެ ލޯލިތަށް ކޮޅަށް ޖެހިދާފަދަ ވާހަކަތަކެވެ. ލިބޭ އަނިޔާތަކަކީ ގައިން ހީބިހި ހިލުވާލާ ފަދަ ބޮޑެތި ޒަހަމްތަކެކެވެ.

ދާދި ފަހުން މީސްމީޑިއާގައި އާންމުވި ވީޑިއޯއެއްގައި ފެނުނު އެކްސިޑެންޓަކީވެސް މިފަދަ ގިނަ އަސަރުތަކެއް ދިވެހިންނަށް ކުރުވި އެކްސިޑެންޓެކެވެ. އަންގާރަ ދުވަހެ ރޭ ހިނގި އެ ނުރައްކާތެރި އެކްސިޑެންޓަކީ ދިވެހީންގެ ހިތްތަކުގައި ބިރުވެރި ކަމުގެ ރާޅުތަކުގެ އޮޔެ ބާރުވާން މެދުވެރިވި އެއް ހާދިސާއެވެ.

އާދައިގެ މަތިން، މަރިޔަމް ޝަހީދާ އެ ދުވަހު ގެއިން ނުކުތީ ތިން ދަރިންގެ ތެރެއިން އެންމެ ކުޑަ ދަރިފުޅު ޓިއުޝަނުން ގެއަށް ގެނައުމަށެވެ. އެހެންނަމަވެސް، އެހެން ދުވަސް ދުވަހާ ހިލާފަށް އޭނައަށް އެ ދުވަހު ޓިއުޝަނާ ހަމައަކަށް ނުފޯރިއެވެ. އެއް މަގު ހުރަސްކޮށް އަނެއް ކަންމައްޗަށް ދިއުމަށް އެޅުނު ފިޔަވަޅު ހުއްޓުނީ ބާރު ސްޕީޑުގައި އައި ޕިކަޕެއް ކޮންޓްރޯލުން ނެއްޓި ޝަހީދާގެ ގައިގައި ޖެހުމުންނެވެ.

ޕިކަޕާ އެކު ޝަހީދާގެ ފައި ގޮސް ކަންމަތީ ހުރި ފާރާ ލައި ތާށިވިއެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި އެތަނުގައި ހުރި ހޮޅިދަނޑި އެއްވެސް ވަނީ ބަޅުވެފައެވެ. މަންޒަރު ދުށް ބައެއް މީހުން "ސަން"އަށް އެ ހާދިސާ ސިފަ ކޮށްދެމުން ބުނީ އެ ހޮޅިދަނޑި އެތާ ނެތްނަމަ އޭނާގެ ފުރާނަ ސަލާމަތް ކުރުން ވާނީ ނާދިރު ކަމަކަށް ކަމުގައެވެ.

މި އެކްސިޑެންޓުގައި އޭނާގެ ވާތުފައި ޗިސްވުމުގެ ސަބަބުން އެ ފައި ވަނީ ބުރިކޮށްލާފައެވެ. އަދި އިތުރު ފަރުވާ މިވަގުތު އޭޑީކޭ އިން ދެމުން އަންނަ ކަމުގައި އާއިލާއިން ބުންޏެވެ.

އާއިލާގެ ފަރާތުން "ސަން"އަށް މައުލޫމާތު ދެމުން ޝަހީދާގެ ދޮށީ ދަރި ބުނީ މިއީ ހަގީގަތުގައި ވަރަށްވެސް ހިތްދަތި ވަގުތުކޮޅެއް ކަމަށެވެ.

"އަސްލު ވަރަށް އުނދަގޫ ދަނޑިވަޅެއް މިއީ. މެންޓަލީވެސް ވަރަށް ބޮޑަށް އެންމެންނަށް އަސަރުކޮށްފަ މިތިބީ. އެކަމަކު ހަމަ ހިތްވަރު ކުރެވޭތޯ މި މަސައްކަތް ކުރަނީ،" އޭނާ ބުންޏެވެ.

މި ހާދިސާގެ އަސަރު ހަމައެކަނި ކުރީ ޝަހީދާއަށް އެކަންޏަކު ނޫނެވެ.

ޝަހީދާ އެކަނިވެރި މައެއްގެ ގޮތުގައި ތިން ދަރިން ބަލާ ބޮޑުކުރަމުން އައީ ކުދިންގެ ބައްޕަގެ ފަރާތުން ލިބޭ ހަރަދުގެ އިތުރުން، އަމިއްލައަށް ގަދަ އަޅާ މަސައްކަތް ކޮށްގެންނެވެ. ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދީ ދެ ކުދިން ބޮޑުކޮށް ހަރުދަނާ ޒުވާނުންނަށް ހެދިއެވެ. އެންމެ ހަގު ދަރިފުޅަށްވެސް އެއްވެސް ކަމެއް އުނިވިޔަ ނުދީ ކިޔަވައިދިނިމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް މި ހާދިސާއަށްފަހު އަނބުރާ އެ ދިރިއުޅުމަށް ދެވޭނެތޯ، އެއީ އަދި ޖަވާބު ލިބިފައި ނުވާ ސުވާލެކެވެ.

ބައްޕައަކާ ނުލާ ތިން ދަރިންގެ ހަޔާތް ރޯޝަން ކުރަމުން އައިއިރު އެ ތިން ކުދިންގެވެސް ހުރިހާވެސް އެއްޗަކީ ލޯބިވާ މަންމައެވެ. މަންމައަށްޓަކައި ކޮންމެފަދަ ގުރުބާނީއެއްވެސް ވާން ތައްޔާރަށް ތިބިކަން އެކުދިންގެ ވާހަކަތަކުންވެސް ހާމަވެއެވެ.

"މަންމަ ސްޓޭބަލް ވަމުން އަންނަނީ މިހާރު. ކުރިއަަށް ވުރެ ވަރަށް ބޮޑަށް ރަނގަޅު. އަދިވެސް ހަދަން ޖެހޭ ސާޖަރީތަކާ ޓެސްޓުތައްވެސް އެބަހުރި. މި ހަބަރު ހަމަ ލިބުމާއެކު ދެން ހުރި ކޮއްކޮވެސް މަންމަ ކައިރިއަށް ވަޒީފާގަ މާލެއިން ބޭރުގަ ހުރެފަ އައިސް އެ އުޅެނީ. އަލުން ފައެއް ޖަހަން ޖެހިއްޖަނަމަ ހަދަން ޖެހޭ ޓެސްޓުތަކާ އެއްޗިހި ހެދުމަށްފަހު އެކަމަށްވެސް ތައްޔާރުވާނަން،" ޝަހީދާގެ ދޮށީ ދަރިފުޅު ބުންޏެވެ.

މި ވަގުތު މުޅި އާއިލާވެސް އޮތީ ޝޮކެއްގައެވެ. ބޭނުންވަނީ އެންމެންގެ ހެޔޮ ދުއާ އާއި ދީލަތި އެހީއެވެ. އެއާއިލާއަށް ފައިސާގެ އެހީ ފޯރުކޮށްދިނުމަށް ޓަކައި ޝަހީދާގެ އެކައުންޓަށް 7704261584101 ފައިސާ ފޮނުވޭނެ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

comment ކޮމެންޓް