ގާނޫނުު ތަޅުއެޅުވުމަށްފަހު ފައިސާ ޗާޕު ކުރުމަކީ ބޮޑު ނުރައްކަލެއް: ސައީދު

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނު ތަޅުއެޅުވުމަށްފަހު، ރައްޔިތުންނަށް އޮޅުވާލައިގެން ފައިސާ ޗާޕު ކުރުމަކީ ގައުމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު، އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ ރާއްޖޭގެ މަރުކަޒީ ބޭންކު (އެމްއެމްއޭ)އިން ފައިސާ އިތުރަށް ޗާޕު ކުރުމަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރު ކުރުމާ ގުޅިގެން ޓްވިޓާ މެދުވެރި ކުރައްވައެވެ.

ކޮވިޑާ ގުޅުވައިގެން ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ)އަށް އަމަލު ކުރުމުގައި ރައްޔިތުންގެ މަޖިލީހުން ދީފައިވާ ހުއްދަ 2023 ވަނަ އަހަރަށް ދަންމާލާ، ފައިސާ ޗާޕު ކުރުމަށް ޓަކައި ފިނޭންސް މިނިސްޓްރީން މިހާރު ވަނީ ރައްޔިތުންގެ މިޖިލީހަށް ހުށަހަޅާފައެވެ.

އެ ހުށަހެޅުމާ ގުޅިގެން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ވަނީ ފައިސާ އިތުރަށް ޗާޕު ކުރުމަށް ދީފައިވާ ހުއްދައިގެ މުއްދަތު އެއް އަހަރަށް އިތުރުކޮށްފައެވެ.

ސައީދު ވިދާޅުވީ ޒިންމާވާނެ އެއްވެސް ފަރާތެއް ނެތި، މަޖިލީހުގެ މެޖޯރިޓީ ބޭނުން ކޮށްގެން، މޮޑޭ ފުށްގަނޑެއްހެން ހިތުހުރި ވަރަކަށް ފައިސާ ޗާޕުކޮށް، ލޯނުތައް ނަގަމުންދާއިރު ހައްގުބަސް ބުނުމަށް އެމްއެމްއޭގެ ގަވަރުނަރަށް ގޮވާލައްވާ ކަމަށެވެ.

ހަމައެއާއެކު ޕީޕީއެމް، ޕީއެންސީން ވަނީ ބަޖެޓް މެނޭޖު ކުރުމަށް ޓަކައި ދައުލަތުގެ ރިކަރަންޓު ހަރަދު ކުޑަކޮށް، މަޖިލީހުގެ މެމްބަރުންނާއި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ މުސާރަ ކުޑަކުރުމަށްފަހު، ސިޔާސީ މަގާމުތައް މަދު ކުރުމަށާއި ދައުލަތުގެ އިސްރާފު ކުޑަކުރުމަށް ގޮވާލާފައެވެ.

މީގެ އިތުރުން، ދަރީންގެ ދަރީންގެ ބޮލުގައި ބޮޑެތި އަދަދުތަކުން ދަރަނި އެޅޭ ފަދަ ގޮތަކަށް ސަރުކާރުގެ ވެރިންނާއި އެމީހުންގެ ރައްޓެހީންނަށް ބަދަލުގެ ގޮތުގައި ދިނުމަށާއި އަދި ކޮރަޕްޝަން ހިންގުމަށް ޓަކައި ފައިސާ ޗާޕު ނުކުރުމަށް، ސަރުކާރަށް ގޮވާލާ ކަމަށް ވެސް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުންޏެވެ.

comment ކޮމެންޓް