ޕައިލޮޓޭޖް ފީ ކުޑަކުރަން މަޝްވަރާއަށް ތައްޔާރު: އެމްޕީއެލް

ކްރޫޒް ލައިނާއެއް ރާއްޖޭގައި. މިއަހަރު މިހާތަނަށް ކްރޫޒް ލައިނާއެއް ރާއްޖެ ނާދޭ -- ފޮޓޯ: އަބްދުﷲ ޖަލީލް

ރާއްޖެ ވަނުމަށާއި ނުކުތުމަށް އެމްޕީއެލްއިން ނަގާ ޕައިލޮޓޭޖް ފީ ބޮޑު ކުރުމާ ގުޅިގެން ކުރޫޒް ލައިނާތައް އައުން މެދުކެނޑިފައިވާތީ އެ ފީ ކުޑަ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އެކުންފުނިން ތައްޔާރަށް އޮތް ކަމަށް އެމްޕީއެލްއިން މިއަދު ބުނެފިއެވެ.

ކުރޫޒް ލައިނާތައް ރާއްޖެ އައިސް އަޅާފައި އޮންނަނީ މާލޭ ބޭރުގައެވެ. އެ ސަރަހައްދަށް ކުރޫޒް ލައިނާތައް ވައްދައި ނެރެދީ ހަދަނީ އެމްޕީއެލްގެ ޕައިލެޓުން ބޯޓްތަކަށް އަރައިގެންނެވެ. އެ ކަމަށް ޕައިލޮޓޭޖް ފީގެ ގޮތުގައި ކުރިން ނަގަމުން އައީ ގަޑިއިރަކަށް 16,330.52 ރުފިޔާއެވެ. މިދިޔަ ޑިސެމްބަރުން ފެށިގެން އެ ފީ ވަނީ ބޮޑުތަނުން ބޮޑު ކޮށްފައެވެ. މިހާރު އެކަމަށް ގަޑިއިރަކަށް 74,458.56 ރުފިޔާ ނަގައެވެ. އޭގެ އިތުރުން ވެސް ބަނދަރު ބޭނުން ކުރާތީ ފީތަކެއް ދައްކަންޖެހެއެވެ.

https://sun.mv/158966

ކުރިން އަހަރެއްގެ މައްޗަށް ރާއްޖެއަށް 60 އެއްހާ ކުރޫޒް ލައިނާ އާދެއެވެ. އެ ބޯޓްތަކުން އެކަނި އަހަރަކު 60،000 އެއްހާ ޓޫރިސްޓުން ރާއްޖެއާދެއެވެ. މިއަހަރު މިހާތަނަށް ކުރޫޒް ލައިނާއެއް ނާންނާތީ އެ ސެކްޓާއިން ޓޫރިސްޓަކު ރާއްޖެ ނާދެއެވެ.

ޝިޕިން ކުންފުނިތަކުން ބުނާގޮތުގައި ކުރޫޒް ލައިނާތައް މިހާރު ދަތުރުތައް ފަށާފައިވާއިރު ރާއްޖެ އައުމަށް ބޭނުން ވެގެން ގިނަ ހުށަހެޅުންތަކެއް ލިބިފައިވެއެވެ. ނަމަވެސް އެ ދަތުރުތައް ފަހުން ކެންސަލް ކުރަނީ ޕައިލޮޓޭޖް ފީ ބޮޑުކަމުން ކަމަށް އެ ކުންފުނިތަކުން ބުނެއެވެ.

އެކަމާ ގުޅޭގޮތުން އެމްޕީއެލްގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ ފާއިތުވި ތިން، ހަތަރު އަހަރެއްގެ ތެރޭގައި އެ ކުންފުންޏަށް ގެނެސްފައިވާ މުހިންމު ބަދަލުތަކުގެ ތެރޭގައި ޕައިލޮޓޭޖް ޗާޖަށް ގެނެސްފައިވާ ބަދަލު ހިމެނޭ ކަމަށެވެ. އެ ފީތައް ބޮޑު ކުރީ ދާއިރާގެ ތަޖުރިބާކާރުންނާ މަޝްވަރާ ކުރުމަށް ފަހުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއިރުވެސް އަދި މިހާރުވެސް ކްރޫޒް ލައިނާތަކުގެ ޕައިލެޓޭޖް ފީ ބޮޑު ކަމުގެ ޝަކުވާއެއް ކަންބޮޑުވުމެއް މި ކުންފުންޏަކަށް ހުށަހަޅާފައެއް ނުވޭ،" އޮފިޝަލް ވިދާޅުވިއެވެ.

ނަމަވެސް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓް (މާޔާ) އިން ބުނާގޮތުގައި ޕައިލޮޓޭޖް ފީ އެމްޕީއެލްއިން ބޮޑުކުރީ ކުރިއާލާ މަޝްވަރާއެއް ކުރުމެއް ނެތިއެވެ. އަދި އެކަމުގެ ކަންބޮޑުވުން އެތައް ފަހަރެއްގެ މަތިން ކަމާބެހޭ ފަރާތްތަކާ ހިއްސާކޮށްފައިވާނެ ކަމަށް މާޔާއިން ބުނެއެވެ.

އެމްޕީއެލްއިން ބުނީ އެކަމަށް ހައްލު ހޯދައިދިނުމަށް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ އެކު ބައްދަލުވުންތައް އެ ކުންފުނިން ފަށައިފައިވާ ކަމަށެވެ.

އެމްޕީއެލްއިން ބުނާގޮތުގައި ޕައިލެޓޭޖް ފީ ކުރިން ނަގަމުން އައީ އެ ކުންފުނިން ކުރީގައި ހެދިފައިވާ ޓެރިފް ރޭޓާއި އެއްގޮތަށެވެ. ނަމަވެސް އިތުރު މަޝްވަރާއާއި އެކު އެ ކުންފުނިން ވަނީ ބޯޓު ފަހަރުގެ ޓަނޭޖް ސައިޒް ގިންތި ތަކަށް ބަހާލައިފައި ކަމަށް ބުންޏެވެ. އަދި މި ގިންތިތަކާ އެކަށީގެންވާ ޓެރިފް ރޭޓެއް ހަމަޖައްސައި އެއާއި އެއްގޮތަށް މިހާރުވެސް ޕައިލޮޓޭޖް ފީގެ ގޮތުގައި ނަގާ އަދަދަކީ އަވައްޓެރި ސަރަހައްދީ ޕޯޓުތަކުން ނަގާ އަދަދަށް ވުރެ ކުޑަ އަގެއްކަމަށް އެ ކުންފުނިން ބުނެއެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހިންގާ ޝިޕިން ކުންފުންޏެއް ކަމަށްވާ، އެލައަންސް މެނޭޖްމެންޓް ސާވިސަސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޖަލީލް، "ސަން" އަށް ކުރިން ވިދާޅުވި ގޮތުގައި ރާއްޖޭން ޕައިލޮޓޭޖް ފީ ބޮޑުތަނުން ބޮޑު ކުރި ނަމަވެސް ވާދަވެރި ގައުމުތަކުގެ ފީތަކަށް އެއްވެސް ބަދަލެއް ނުގެނެއެވެ. އެހެންވެ ކުރޫޒް ލައިނާތައް ދަނީ އެ ބަނދަރުތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަގު ބަލާފައި އަގު ބޮޑުވީމައި ބަދަލު ކޮށްލަނީ. ލަންކާގައި 400 ޑޮލަރަށް އެބަ ވޭ އެކަން. ލަންކާގައި އެ އަގަށް ޖެޓީގައި ބޯޓް ބޭއްވޭ. ރާއްޖޭގައި އަދި މިޖެހެނީ ބޭރުގައި ބޯޓް ބާއްވައިގެން ފެރީތަކެއް ކުއްޔަށް ހިފައިގެން މީހުން ބާލަން. އިންޑިއާ އާއި ސީޝެލްސްގައި ވެސް އަގު ހެޔޮ. އެހެންވެ އެ ގައުމުތަކަށް މިހާރު މުޅިން ދަނީ،" ޖަލީލް ވިދާޅުވިއެވެ.

"ވަރަށް ދުވަސް ވަންދެން ނުދުއްވާތިބެފައި ދުއްވަން ފެށީމަ ކުރޫޒް ޝިޕްތައް ވެސް ވަރަށް ގެއްލުމުގައި ހިންގަނީ. އެހެންވެ އެ މީހުން ވެސް ފައިދާ ބޮޑު ބަނދަރުތަކަށް އެކަނި އެ ދަނީ."

ސަން ރައިޒް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަހީރު ވިދާޅުވީ މި ސަރަހައްދުގެ ގައުމުތަކަށް ބަލާއިރު ވެސް އެންމެ ބޮޑު ޕައިލޮޓޭފް ފީއެއް ނަގަނީ ރާއްޖެއިން ކަމަށެވެ. އަދި ރާއްޖެއިން އެހާ ބޮޑު ފީއެއް ނަގާއިރު އެހެން ގައުމުތަކުން ބޯޓްތަކަށް ދޭ ހިދުމަތް ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕައިލޮޓޭޖް ފީ ބޮޑު ކުރުމުން ކުރޫޒް ލައިނާއެއް ނާންނައިރު ޔޮޓް ފަހަރު ވެސް އައުން މަދުވެފައިވާ ކަމަށް ޝަހީރު ވިދާޅުވިއެވެ.

ކުރޫޒް ލައިނާތަކުން ބޮޑު އާމްދަނީއެއް ލިބުނު ނަމަވެސް އެކަން އޮޕަރޭޓް ކުރުމަށް ގިނަ ގޮންޖެހުންތަކަކާ ޝިޕިން ކުންފުނިތަކަށް ކުރިމަތިވެއެވެ. އެގޮތުން މީގެ ކުރިން ކުރޫޒް ލައިނާތަކުން އަންނަ ޓޫރިސްޓުން ބޭލުމަށް ރަސްމީ ފާލަން ސަރަހައްދު ބޭނުން ކުރަމުން ދަނިކޮށް ފަހުން ވަނީ އެކަން ވެސް މަނާ ކޮށްފައެވެ. އެތައް މަސައްކަތެއް ކުރުމުން ފަހުން އެކަން ކުރުމަށް ދީފައިވަނީ މަސްވެރިންގެ ޕާކް ސަރަހައްދެވެ.

މީގެ ކުރިން ރާއްޖެ އަކީ ކުރޫޒް ލައިނާތަކަށް ޓޫރިސްޓުން އެރުވުމަށާއި ބޭއްލުމަށް ބޭނުން ކުރި ބަނދަރެކެވެ. އަދި ކުރޫޒް ލައިނާތައް މާލެ ކައިރި އޮންނަ ދުވަސްތަކުގައި އެހެނިހެން ގޮތްގޮތުން ވެސް ރާއްޖެއަށް ބޮޑު އާމްދަނީއެއް ލިބެއެވެ. އެއީ މީހުން ބޭލުމަށް ކުއްޔަށް ނަގާ ފެރީތަކަށާއި ތެލާއި ފެން އެޅުމުގެ އިތުރުން ޓޫރިސްޓުން މާލެ ފައިބައި ކުރާ ހޭދަތަކުންނެވެ. ކުރޫޒް ލައިނާތަކުން ޓޫރިސްޓުން މާލެ ފައިބާ ދުވަސްތަކަކީ ޓެކްސީތަކަށް ވެސް ބޮޑު އާމްދަނީއެއް ލިބޭ ދުވަހެކެވެ. ނަމަވެސް މިހާރު ވަނީ އެކަންކަން ހުއްޓިފައެވެ.

comment ކޮމެންޓް