ކޮވިޑަށް ފަހު އެންމެ ބާރަށް ކުރިއަރާ ފަސް ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭ: މިނިސްޓަރު އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއަކީ މުޅި ދުނިޔޭގައި ވެސް ކޮވިޑުގެ ހާލަތަށް ފަހު ދެވަނަ އެންމެ ބާރަށް ކުރިއަރާ އިގްތިސާދަށް ވާނެ ކަމަށް ފިނޭންސް މިިނިސްޓަރު އިބްރާހިމް އަމީރު ލަފާ ކުރައްވައިފިއެވެ.

ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން ޕީއެސްއެމްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު އަމީރު ވިދާޅުވީ، ކޮވިޑުގެ ހާލަތުން އަރައިގަތުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ރަނގަޅު ނަތީޖާ މިހާރު ވެސް ފެންނަމުންދާ ކަމަށެވެ.

އެގޮތުން މިހާރު ވެސް ރާއްޖެއަކީ މުޅި ދުނިޔޭގައި ވެސް ކޮވިޑަށް ފަހު އެންމެ ބާރަށް ކުރިއަރާ ފަސް އިގްތިސާދުގެ ތެރެއިން އެއް އިގްތިސާދު ކަމަށް މިިނިސްޓަަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު އަންދާޒާ ކުރެއްވީ، ކުރިއަށް އޮތް ތަނުގައި އެ ލިސްޓުގެ ދެވަނައަށް ރާއްޖެ އަރާނެ ކަމަށެވެ.

"އައިއެމްއެފްގެ ވޯލްޑް އިކޮނޮމިކް އައުޓްލުކްއަށް ބަލާއިރު، އެ ބޭފުޅުންގެ އަންދާޒާއާ އެއްކޮށް ދުނިޔޭގެ ހަތަރުވަނައަށް އެންމެ އަވަހަށް ކުރިއަރާނެ އިގްތިސާދަކީ ރާއްޖެ ކަމަށް ވާނެ. އަޅުގަނޑުމެންގެ އަންދާޒާއަކީ 32 ޕަސެންޓާއެކު ގާތްގަނޑަކަށް ދެވަނައަށް ދުނިޔޭގެ އެންމެ ބާރަށް ކުރިއަރާ އިގްތިސާދަކީ ރާއްޖެއޭ،" މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މިކަން ހާސިލުވީ އޭރު ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

"އިންކަމް ސަޕޯޓު އެލަވަންސް ދީ، ރައްޔިތުންނާ ވިޔަފާރިތަކަށް އެހީވެ، ޑެޓް މޮރެޓޯރިއަމްސް ދީ، ކަރަންޓާއި ފެން ބިލަށް ޑިސްކައުންޓް ދީ، މި ހުރިހާ މަސައްކަތެއް ކުރެވި އަދި ހާއްސަކޮށް ސިއްހީ ކަންކަމުގައި، ސިއްހީ ފްރަންޓްލައިން މީހުންނާ އެއްކޮށް ކުރެވުނު މަސައްކަތުން ވެކްސިން ދީ، މި ހުރިހާ ކަންކަން ކުރެވުނީމަ މި ހާލަތުގައި މި ތިބީ." މިނިސްޓަރު ވިދާޅުވިއެވެ.

ނަތީޖާ ރަނގަޅު ނަމަވެސް، ކޮވިޑުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވި އިގްތިސާދީ ގެއްލުން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑްގެ ސަބަބުން ދައުލަތަށް 36 ބިލިއަނެއްހާ ރުފިޔާގެ ގެއްލުން ދައުލަތަށް ލިބުނު ކަން މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

"ކޮވިޑާ އެކު ވަރަށް ބޮޑަށް އާމްދަނީ ގެއްލިއްޖެ. ގާތްގަނޑަކަށް އެއް އަހަރުގެ ބަޖެޓު، އާމްދަނީގެ ގޮތުގައި ގެއްލިއްޖެ ކޮވިޑާއެކު. ގާތްގަނޑަކަށް 36 ބިލިއަނެއްހާ ރުފިޔާ އެއީ." މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ދައުލަތަށް އާމްދަނީ އިތުރު ކުރުމަށް ޓަކައި ކުރެވޭނެ ކަމަކީ ރާއްޖޭގައި އިތުރު ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލައި، އިތުރު ވިޔަފާރިތައް ތަރައްގީ ކުރުން ކަމަށެވެ.

"ކޮންމެ އަހަރަކު ބަޖެޓު ހުށަހަޅާއިރު އާ ރެވެނިއު މެޝާސްތަކެއްގެ ގޮތުގައި ކަންތައްތަކެއް [ހުށަހެޅުމަކީ] އަބަދު އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނޫން. އެހެންވީމަ ވިޔަފާރިތައް އިތުރަށް ފުޅާ ކުރަން މި ޖެހެނީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އިތުރު ރިސޯޓުތައް ހުޅުވި ސިނާއަތްތައް އިތުރަށް ފުޅާވާން ޖެހޭ ކަމަށާއި އެކަން ހާސިލު ކުރުމަށް ޓަކައި ސަރުކާރުން ކުރާ މަސައްކަތް 2022ގެ ބަޖެޓުން ވެސް ފެންނާނެ ކަމަށެވެ.

comment ކޮމެންޓް