ދަ ގްރާންޑޭގެ ކޯޗަކަށް ނާދު ހަމަޖައްސައިފި

ދަ ގްރާންޑޭގެ ކޯޗުކަން ނާދުއާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ//ދަގްރާންޑޭ

ކުރިއަށް އޮތް ސީޒަނުގައި ދަ ގްރާންޑޭގެ ކޯޗުކަން ކުރުމަށް ފުރަތަމަ ޑިވިޝަނުގެ ގިނަ ކުލަބުތަކަކަށް ކޯޗުކަން ކޮށްދީފައިވާ އަހުމަދު ނާޝިދު (ނާދު) ހަމަޖައްސައިފިއެވެ.

ދަ ގްރާންޑޭއިން ނާދު އެ ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވާކަން ރޭގެ ވަގުތެއްގައި އިއުލާން ކޮށްފައިވާ އިރު، ރެޔަކީ ތަޖުރިބާކާރު ކޯޗު ނާދުގެ އުފަންދުވަހެވެ. ނާދު އަކީ ފުރަތަމަ ޑިިވިޝަނުގައި ދަ ގްރާންޑޭ ބެންޗުން ފެންނާނެ ދެ ވަނަ ކޯޗެެވެ.

އެންމެ ފަހުން ދަ ގްރާންޑޭގެ ކޯޗަކަށް ހުރި އިސްމާއިލް މަހަފޫޒް (އިންމަ) ވަނީ އޭނަގެ ކޮންޓްރެކްޓް ހަމަވުމާއެކު ފުރަތަމަ ޑިވިޝަނުގައި ކުރިއަރަމުން އަންނަ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗުކަމާ ހަވާލުވެފައެވެ. ސަސް އަކީ ނާދު މިދިޔަ ސީޒަނުގައި ކޯޗުކަން ކޮށްދިން ޓީމެވެ.

މިދިޔަ ސީޒަން ފަށައިގެން ސަސްއާ އެކު ޖުމުލަކޮށް ރަނގަޅު ނަތީޖާތަކެއް ނާދު ނެރުނު ނަމަވެސް ޓީމުގެ މެނޭޖްމެންޓުން ޕްރެޝަރު ކުރުމުން އޭނާ ވަނީ ކޯޗުކަމުން އިސްތިއުފާ ދީފައެވެ. ނާދު އޭރު ބުނީ ޓީމުގެ މެނޭޖްމެންޓުން އޭނާއަށް ދިނީ ގަދަ ހައެއްގައި އޮތުމަށް ކަމަށާއި، އޭނާ އެކަން ކުރި ކަމަށެވެ. ނާދުގެ ބަދަލުގައި އޭރު ކޯޗަކަށް ހަމަޖެއްސީ މިހާރު މާޒިޔާގެ ޓީމާ ހަވާލުވެ ހުރި މުހައްމަދު ޝިޔާޒް (މޯހަން)އެވެ.

ނާދު ވަނީ މީގެ ކުރިން ވިކްޓަރީއާއި، ނިއުރޭޑިއަންޓް އަދި ވެލެންސިއާގައި ވެސް މަސައްކަތްކޮށް އެ ޓީމުތަކާއެކު ރަނގަޅު ކާމިޔާބީތަކެއް ހޯދުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.

މީގެ އިތުރުން ނާދު ވަނީ ގައުމީ އަންހެން އަދި ފިރިހެން ޓީމުތަކުގައި ވެސް މަސައްކަތް ކޮށްފަ އެވެ. އޭނާ ވަނީ 19 އަހަރުން ދަށުގެ ގައުމީ ޓީމާއި ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް ވެސް އިރުޝާދުދީފަ އެވެ. ނާދު އަކީ 2019 ވަނަ އަހަރު ޑިސެމްބަރު މަހު ނޭޕާލުގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ އަންހެން ޓީމުން ލޯ މެޑަލް ހޯދި ޓީމުގެ ކޯޗެވެ.

comment ކޮމެންޓް