ރައްޔިތުންނަށް އޮޅުވާލައިގެން ފައިސާ ޗާޕު ނުކުރުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފި

"މިނިވަންކަމުގެ ދިފާއުގައި ދިވެހީން" ނަމުގައި އިދިކޮޅުން ކުރިއަށްގެންދިޔަ ގައުމީ ހަރަކާތުގެ ތެރެއިން ބޭއްވި ސުލްހަވެރި ހަރަކާތް -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ދައުލަތުގެ ހަރަދަށް ޒިންމާވުުގެ ގާނޫނުގެ މާއްދާތައް ސަސްޕެންޑް ކުރުމަށްފަހު، ރައްޔިތުންނަށް އޮޅުވާލައިގެން ފައިސާ ޗާޕު ކުރުން ހުއްޓާލުމަށް އިދިކޮޅު ކޯލިޝަނުން ސަރުކާރަށް ގޮވާލައިފިއެވެ.

ކޮވިޑާ ގުޅުވައިގެން ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ)އަށް އަމަލު ކުރުމުގައި ރައްޔިތުންގެ މަޖިލީހުން ދީފައިވާ ހުއްދަ 2023 ވަނަ އަހަރަށް ދަންމާލާ، ފައިސާ ޗާޕު ކުރުމަށް ޓަކައި ސަރުކާރުން މިހާރު ވަނީ ރައްޔިތުންގެ މިޖިލީހަށް ހުށަހަޅާފައެވެ.

ސަރުކާރުން ނިންމާފައިވަނީ އެ މާއްދާތައް ސަސްޕެންޑް ކުރުމަށްފަހު، 7.7 ބިލިއަން ރުފިޔާ ޗާޕު ކުރުމަށެވެ.

ޕީޕީއެމް، ޕީއެންސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މި ކަމަކީ އެ ކޯލިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އެފަދަ ގޮތްގޮތުން ގައުމުގެ އިގްތިސޯދަށް ގެއްލުން ދެނެވި ގޮތަކަށް، އަދި ރައްޔިތުންނަށް އެކަމުގެ އެއްވެސް މަންފާއެއް ނެތް ގޮތަކަށް އެހާ ގިނަ އަދަދެއްގެ ފައިސާ ޗާޕު ނުކުރަށް ކޯލިޝަނުން ސަރުކާރަށް ގޮވާލާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ބަޖެޓުގެ އިތުރަށް ހަރަދު ކުރެވޭނީ ދައުލަތުގެ ތިން އަހަރުގެ އާމްދަނީގެ އެކެއް އިންސައްތަ ކަމަށް ވިޔަސް އެ މާއްދާތައް ސަސްޕެންޑް ކޮށްގެން މިހާތަނަށް ހަތަރު ބިލިއަން ރުފިޔާ ނަގާފައިވާ ކަމަށް ވެސް އިދިކޮޅުން ބުންޏެވެ.

އިދިކޮޅުން ބުނީ މި އަހަރު ނިމޭއިރު ވެސް އެ ފައިސާ ނުދެއްކި ދަރަނީގެ ގޮތުގައި އެބަ އޮތް ކަމަށެވެ.

ގާނޫނުގައި ބުނެފައިވަނީ މަރުކަޒީ ބޭންކުން ނަގާ ފައިސާ 91 ދުވަސް ތެރޭގައި ދައްކާ ނިންމަން ޖެހޭނެ ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ އެމްޑީޕީގެ މެޖޯރިޓީ މަޖިލީހެއް އޮވެމެ، ފައިސާ ޗާޕު ކުރަން ހުއްދަ ދިންއިރުގައި ފައިސާ ދައްކާނެ ގޮތުގެ ޕްލޭންއާ އެ ފައިސާ ޗާޕު ކުރުމަށްފަހު، ފައިސާ ބޭނުންކުރާނެ ގޮތުގެ ތަފުސީލު ހާމަ ކުރުމަކީ ވަކި މިނިސްޓްރީއެއްގެ މައްޗަށް ލާޒިމުކުރާ ކަމެއް ކަމަށެވެ.

ނަމަވެސް އެހާ ގިނަ އަދަދެއްގެ ފައިސާ ބޭނުން ކޮށްފައިވަނީ ކޮންކަމަކަށް ކަމެއް ރައްޔިތުންނަށް އެނގޭކަށް ނެތް ކަމަށް ޕީޕީއެމް، ޕީއެންސީން ބުންޏެވެ.

އަންނަ އަހަރުގެ ދައުލަތުގެ ދަރަނި 100 ބިލިއަނަށްވުރެ، މައްޗަށް އަރައިގެންދާއިރު، ގަވަރުނަރުގެ ހުއްދައެއް ނެތި މަރުކަޒީ ބޭންކަށް ނުފޫޒު ފޯރުވައިގެން އެހާ ގިނަ އަދަދެއްގެ ފައިސާ އަނެއްކާ ވެސް ޗާޕު ކުރުމަކީ އޭގެ ސަބަބުން ރައްޔިތުންނަށް ބުރަބޮޑުވާނެ ކަމެއް ކަމުގައި ޕީޕީއެމް، ޕީއެންސީން ބުނެއެވެ.

ޕީޕީއެމް، ޕީއެންސީން ބުނީ މިހާރު އުފުލިފައިވާ ތަކެތީގެ އަގު އަނެއްކާ ވެސް މައްޗަށް އުފުލި، ޑޮލަރުގެ އަގު ބޮޑުވާނެ ކަމަށެވެ. އަދި ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓް މިހާރު ހުރި ވަރަށްވުރެވެސް މައްޗަށް އަރައިގެންދާނެ ކަމަށާއި އޭގެ ސަބަބުން ތަކެތީގެ އަގުތައް އަތް ނުފޯރާ ހިސާބަށް އަރައިގެން ގޮސް ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް މިކަމުގެ ސަބަބުން ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.

ކޮވިޑާ ގުޅުވައިގެން ވިޔަފާރިތަކަށް ކަނޑައަޅާފައިވާ މޮރެޓޯރިއަމްގެ މުއްދަތު ނިމި، އިންކަމް ސަޕޯޓު އެލަވަންސް ދިނުން ހުއްޓާލާފައިވާއިރު، އެހާ ގިނަ އަދަދެއްގެ ފައިސާ ޗާޕު ކުރުމަކީ ވިޔަފާރިތައް ބަނގުރޫޓުވެ، ކުދި ވިޔަފާރިތައް އެއްކޮށް ހަލާކުވެގެން ހިނގައިދާނެ ކަމެއް ކަމަށް ވެސް ޕީޕީއެމް، ޕީއެންސީން ބުންޏެވެ.

ޕީޕީއެމް، ޕީއެންސީން ބުނީ އެކަން މަޖިލީހުގެ ތެރެއިން ކޮށްފައިވަނީ އިދިކޮޅު ސިޔާސީ ޕާޓީގެ އަޑު ކަނޑުވާލުމަށްފަހު، ކަމުގައި ހިތާމައާއެކު، ފާހަގަ ކުރާ ކަމަށެވެ.

މީގެ އިތުރުން އެކަން ކޮށްފައިވަނީ މާލީ ބޮޑެތި ކަންކަމާއި ބަޖެޓާ ގުޅުންހުރި ކަންކަން ކުރިއަށްދާއިރު، މަޖިލީހުގައި އެފަދަ މުހިއްމު ބަހުސްތަކުގައި އަމަލުކުރާ އުސޫލުތަކާ މުޅިން ހިލާފަށް ކަމުގައި ޕީޕީއެމް، ޕީއެންސީން ބުންޏެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވާން ޖެހޭ ގާނޫނުގެ މާއްދާތައް ސަސްޕެންޑު ކުރުމަށްފަހު، ހިތުހުރިހާ ވަރަކަށް ފައިސާ ޗާޕު ކުރުމުގެ ހުއްދަ ހޯދުމަށް އަނެއްކާ ވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާކަން އިދިކޮޅުން ވަނީ ފާހަގަ ކޮށްފައެވެ.

ޕީޕީއެމް، ޕީއެންސީން ބުނީ ބަޖެޓް މެނޭޖު ކުރުމަށް ޓަކައި ދައުލަތުގެ ރިކަރަންޓު ހަރަދު ކުޑަކޮށް، މަޖިލީހުގެ މެމްބަރުންނާއި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ މުސާރަ ކުޑަކުރުމަށްފަހު، ސިޔާސީ މަގާމުތައް މަދު ކުރުމަށާއި ދައުލަތުގެ އިސްރާފު ކުޑަކުރުމަށް ކޯލިޝަނުން ތަކުރާރުކޮށް ގޮވާލާ ކަމަށެވެ.

ދަރީންގެ ދަރީންގެ ބޮލުގައި ބޮޑެތި އަދަދުތަކުން ދަރަނި އެޅޭ ފަދަ ގޮތަކަށް ސަރުކާރުގެ ވެރިންނާއި އެމީހުންގެ ރައްޓެހީންނަށް ބަދަލުގެ ގޮތުގައި ދިނުމަށާއި އަދި ކޮރަޕްޝަން ހިންގުމަށް ޓަކައި ފައިސާ ޗާޕު ނުކުރުމަށް، ތަކުރާރުކޮށް ސަރުކާރަށް ގޮވާލާ ކަމަށް ވެސް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުންޏެވެ.

comment ކޮމެންޓް