ސަރުކާރު އަބަދުވެސް އޮންނާނީ ޕްރައިވެޓް ސެކްޓާގެ ބައިވެރިއެއްގެ ގޮތުގައި: ރައީސް

ރައީސް ސޯލިހު މިރޭގެ "ގޯލްޑް 100 ގާލާ" ހަފްލާ ޝަރަފްވެރިކޮށްދެއްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރު އަބަދުވެސް އޮންނާނީ ޕްރައިވެޓް ސެކްޓާގެ ބައިވެރިއެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ކޯޕަރޭޓް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން މިރޭ ކްރޮސްރޯޑް މޯލްޑިވްސްގައި ބޭއްވި "ގޯލްޑް 100 ގާލާ" ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި އޮތީ ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ފަތުރުވެރިކަމެއް ކަމަށެވެ. ނަމަވެސް ކޮވިޑް-19އާއެކު ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓުހައުސްތައް ފަޅުވި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފުރަބަންދަކަށް ފަހު ފުރަބަންދެއް އިއުލާން ކުރަމުން ގޮސް ކެފޭ، ރެސްޓޯރެންޓްތައް ވެސް ބަންދުކުރަން ޖެހުނީ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެހެންވުމުން ވިޔަފާރިތައް ހީނަރުވީ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މިއަދު އިގްތިސާދީ ހަރަކާތްތައް ފަށައިފައިވިޔަސް ކޮވިޑް-19ގެ ބަލިމަޑުކަމުން މުޅިން އަރައިނުގަނެވޭ ކަމަށެވެ.

"ނަމަވެސް އުއްމީދުގެ ހުޅުކޮޅެއް ލޮލުކޮޅުން މިހާރު އެބަ ފެނޭ، މިހާރު ރާއްޖެއަށް ފަތުރުވެރިން ޒިޔާރާތް ކުރާ ނިސްބަތް ހުރީ ކޮވިޑްގެ ކުރިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރާތްކުރާ ނިސްބަތާ އަޅާ ބަލާއިރު 70 އިންސައްތައިގައި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ވީ ގެއްލުންތައް ފޫބެއްދުމަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން މިހާރު ވެސް ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި އޭގެ ނަތީޖާ ވެސް މަޑުމަޑުން ފެންނަމުން ދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު މިރޭގެ "ގޯލްޑް 100 ގާލާ" ހަފްލާގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

މީގެ އިތުރުން، އިގްތިސޯދީ އަދަވަޅުގައި ދެ އަތް އުރައިލައިގެން ތިބީ ނޫން ކަމަށާއި އާ ވިޔަފާރިތައް ވެސް މަޑުމަޑުން މިހާރު އުފެދެމުން އަންނަކަމުގައި ރައީސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިދަނީ ކުރިއަށް. އަޅުގަނޑުމެން މި އަންނަނީ އިގްތިސާދު އަލުން އިޔާދަކުރަމުން،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ކޮވިޑްގެ އެންމެ ދަތި ދުވަސްވަރު ވެސް ރާއްޖޭގެ ވިޔަފާރިތައް ދެމެހެއްޓުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދިން ކަމަށެވެ. އެގޮތުން ބޮޑެތި ވިޔަފާރިތަކަށާއި ކުދި ވިޔަފާރިތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދިން ކަމަށް ރައީސް ވިދާޅުވިއެވެ.

ހަމައެފަދައިން، އެ ދަތި ދަނޑިވަޅުގައި ވިޔަފާރިތަކުން ވެސް އިގްތިސާދު ދެމެެެހެއްޓުމަށް ބުރަ މަސައްކަތްތަކެއް ކުރި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި އާ ވިޔަފާރިތައް އިގްތިސާދަށް ނެރެދިނުމަށް ސަރުކާރުން މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

"ސަރުކާރު އަބަދުވެސް އޮންނާނީ ޕްރައިވެޓް ސެކްޓާގެ ބައިވެރިއެއްގެ ގޮތުގައި. މިރޭގެ މި ހަފްލާގައި އެވޯޑް ހާސިލުކުރާ ވިޔަފާރިތަކަކީ ކާމިޔާބު، ހަރުދަނާ ވިޔަފާރީގެ ނަމޫނާތަކެއް، އެއީ ހަމައެކަނި ފައިދާއަށް ޓަކައި ހިންގާ ވިޔަފާރިތަކެއް ނޫން. އެއީ އީޖާދީ އުފެއްދުންތަކާއެކު ކުރިމަގަށް ވިސްނައިގެން ހިންގާ ވިޔަފާރީގެ ނަމޫނާތަކެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ވިޔަފާރިތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށާއި ގައުމީ ތަރައްގީއަށް ކޮށްފައިވަނީ، ގުނައި އަދަދު ނުކުރެވޭހާ ގިނަ ފައިދާތަކެއް ކަމަށެވެ. އަދި ވަކިން ހާއްސަކޮށް އެ ވިޔަފާރިތަކުން ރާއްޖޭގެ ރައްޔިތުންނަށް ލިބުނު މަންފާއާއި ލާބަ ވަކިން ބޮޑުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް