ބަރުލަމާނީ ޕެޓިޝަނަށް އެއް ލައްކަ ސޮއި ހަމަކޮށްފި

ރައްޔިތުންގގެ މަޖިލީހުގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ބަރުލަމާނީ ޕެޓިޝަނަށް ސޮއި ހަމަކުރުމުގެ މަސައްކަތް ކުރައްވަނީ--

ރާއްޖޭގައި މިހާރު އޮތް ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ގޮވައިލައި، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)އާއި މަޝްހޫރު ގާނޫނީ ވަކީލް ނިޝާން އިބްރާހިމް ތައްޔާރުކޮށްފައިވާ ޕެޓިޝަނަށް އެއް ލައްކައަށްވުރެ ގިނަ ސޮއި ހަމަކޮށްފިއެވެ.

ބަރުލަމާނީ ޕެޓިޝަނުގެ މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ގާނޫނީ ވަކީލް ނިޝާން "ސަން"އަށް ވިދާޅުވީ އެ ޕެޓިޝަަނަށް ލައްކައަކަށްވުރެ ގިނަ ސޮއި ހަމަކޮށްފައިވާކަމަށެވެ. އަދި އިތުރަށް ސޮއި ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވާނީ އެއް ލައްކައަށްވުރެ ގިނަ ސޮއި ހޯދާފައި. ދެން ކުރިއަށް އޮތް ތަނުގައި ވެސް ޕެޓިޝަނަށް ސޮއި ހޯދުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން މި ދަނީ،" އޭނާ ވިދާޅުވިއެވެ.

މިހާތަނަށް އެ ޕެޓިޝަނަށް ތަކުރާރުވާ ސޮއި ނުލައި، ޖުމްލަ 109،742 ސޮއިވަނީ ހޯދާފައެވެ. ތަކުރާރުވެފައިވާ ސޮއިގެ ގޮތުގައި މިހާތަނަށް ފާހަގަވެފައިވަނީ 83 ސޮއެވެ.

ބަރުލަމާނީ ޕެޓިޝަަނަށް ތާއީދު ހޯދުމުގެ ގޮތުން ޕެޓިޝަނުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޕެޓިޝަން ޓީމުންވަނީ ސިޔާސީ ޕާޓީތަކާ ވެސް ބައްދަލުކޮށްފައެވެ. އަދި ރަށް ރަށަށް ގޮސް ޕެޓިޝަނަށް ސޮއި ހޯދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެގޮތުން ޕެޓިޝަނަށް ސޮއި އިތުރުކުރުމަށް ޓަކައި ހުޅުމާލޭގައި ޑޯޓުޑޯ ކެމްޕެއިން ވެސް އަންނަނީ ކުރަމުންނެވެ.

އޭނާ ވިދާޅުވީ ޕެޓިޝަނަށް ސޮއި ހަމަ ކުރުމަށްފަހު ނިޒާމު ބަދަލުކުރުމާމެދު ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް ޕެޓިޝަން އަރުވާނެކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ވެސް މި ޕެޓިޝަނުގެ ކޮޕީއެއް ހުށަހަޅާނެކަމަށް ވެސް ނިޝާން ވިދާޅުވިއެވެ.

comment ކޮމެންޓް