ކްރިސްޓިއަން ދީން ފެތުރުން ހުއްޓުވުމަށް ފިޔަވަޅުތައް އެބަ އަޅަން: އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވާހަކަ ދައްކަވަނިީ - ސަން ފޮޓޯ/ އަހްމަދު ސައީދު

ކްރިސްޓިއަން ދީން ރާއްޖޭގައި ފެތުރުމަށް ކުރަމުން އަންނަ މަސައްކަތްތައް ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަން ހުއްޓުވުމަށް ފުލުހުންނާ ގުޅިގެން ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.

ކްރިސްޓިއަން ދީން ފެތުރުމަށް ދިވެހިންނަށް އަމާޒުކޮށްގެން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ދިވެހި ބަހުން އަޑުއަޅާފައިވާ ވީޑިއޯތަކެއް ދައުރުކުރާތާ އަހަރެއްހާ ދުވަސްވެއްޖެއެވެ. ފޭސްބުކާއި ޔޫޓިއުބުގެ އިތުރުން ޑެއިލީމޯޝަން އާއި ޓިކްޓޮކްގައި ޗެނަލްތައް ހިންގައެވެ. އޭގެ އިތުރުން އައިއޯއެސްއާއި އެންޑްރޮއިޑް އެޕްލިކޭޝަންވެސް ވަނީ ހަދައިފައެވެ. އީސާގެފާނުގެ ވާހަކަތައް ކަމަށް ބުނެ ދައްކަނީ މުޅިންހެން ޝިރުކުގެ ވާހަކަތަކެކެވެ. މަސައްކަތް ކޮށްފައި ހުންނަނީ ކްރިސްޓިއަން ދީން ފެތުރުމަށެވެ.

https://sun.mv/158864

އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހް ވިދާޅުވީ އެ ޕްރޮޖެކްޓް ހިންގާކަމުގެ މައުލޫމާތު ލިބިގެން، އެކަން ހުއްޓުވުމުގެ މަސައްކަތް 2019 ވަނަ އަހަރުން ފެށިގެން ފުލުހުންނާއެކު ކުރަމުން އަންނަ ކަމަށެވެ. މިހާ ދުވަސްވީއިރު އެކަން ނުހުއްޓުވުނު ސަބަބާ ގުޅޭގޮތުން ސުވާލު ކުރުމުން އަފްރާހް ވިދާޅުވީ އެކަން އެނގޭނީ ފުލުހުންނަށް ކަމަށެވެ.

"ކޮމިޝަނާ އޮފް ޕޮލިސްއާ ވެސް މަޝްވަރާ ކުރިން މިކަމުގައި. އެކަން ހުއްޓުވުމަށް ފުލުހުންނާ ގުޅިގެން މަސައްކަތްތަކެއް ކުރަމުން މިއަންނަނީ،" އަފްރާހް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅޭގޮތުން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކަން ބަލައި އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުން ދަނީ އަޅަމުން ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

އިސްލާމިކް މިނިސްޓްރީގެ އެހެން އިސް އޮފިޝަލަކު ވިދާޅުވީ މިފަދަ ގިނަ މައްސަލަތަކެއް ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް އެންމެ އެދެވޭ ނަތީޖާ މިހާތަނަށް ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކި ސަބަބުތަކާ ގުޅިގެން ފުލުހުން މީގެ ކުރިން ވަނީ ދިވެހިން ހިންގަމުން އައި ސޯޝަލް މީޑިއާގެ އެކި ޕޭޖްތައް ބްލޮކް ކޮށްފައެވެ. ނަމަވެސް ކްރިސްޓިއަން ދީން ފަތުރަށް ހިންގާ ޕޭޖްތައް މިހާތަނަށް ބްލޮކް ކޮށްފައެއް ނުވެއެވެ.

ޕޭޖްތައް ހިންގަނީ ޒުވާނުންނާއި ކުޑަކުދިންނަށް އަމާޒުކޮށްގެން

ޝިރުކުގެ ވާހަކަތައް ހިމެނޭ ބައެއް ވީޑިއޯތައް ގިނަ ބަޔަކަށް ދެއްކުމަށް ސޯޝަލް މީޑިއާގެ އެކި އެޕްލިކޭޝަންތަކުގައި ހުންނަނީ ބޫސްޓްކޮށްފައެވެ. އެހެން ކުރާއިރު ވެސް ޒުވާނުންނާއި ކުޑަކުދިންނަށް ޓާގެޓް ކުރެއެވެ.

ސޯޝަލް މީޑިއާ ނެޓްވޯކްތަކުގައި ބޫސްޓްކުރާއިރު ވަކިވަކި ޓާގެޓް އޯޑިއެންސްތަކަށް ހާއްސަ ކުރެވެއެވެ. އެގޮތުން އުމުރާއި ޖިންސާއި އުޅޭ ސަރަހައްދަށް ހާއްސަކޮށްގެން ވެސް ބޫސްޓް ކުރެވެއެވެ. މި ޝިރުކުގެ ވީޑިއޯތައް ބޮޑަށް އަމާޒު ކޮށްފައި ހުންނަނީ ކުޑަކުދިންނާއި ޒުވާނުންނަށެވެ. އަދި އެއީ އިސްލާމް ދީނާ ގުޅުން ހުރި އެއްޗެއް ކަމަށް ހީކޮށް ބައެއް މީހުން އެފަދަ ވީޑިއޯތައް ޝެއާކޮށް ހަދައެވެ.

comment ކޮމެންޓް