އައްޑޫގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ފުލުހަކަށް ދައުވާ ކުރަނީ

ޖިންސީ އަނިޔާއާ ދެކޮޅަށް މިއަދު ކުރި މުޒާހަރާ -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އައްޑޫސިޓީ ހިތަދޫގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ފުލުހަކަށް ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ، އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ، މިދިޔަ އަހަރު ކުރީކޮޅުން ފެށިގެން އެކިދުވަސްމަތިން ކުޑަކުއްޖަކަށް ބިރުދައްކައިގެން އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ ނަގައި އެފޮޓޯ ބޭނުންކޮށްގެން ބްލެކްމެއިލްކޮށް އެ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލަ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ އޮފީހުން ބުނީ، އުމުރުން 18 އަހަރު ނުފުރޭ ކުއްޖަކަށް ޖިންސީ ގޯނާކޮށް ބްލެކްމެއިލް ކުރި މައްސަލައެއް ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފައިވާ ކަމަށެވެ.

މި މައްސަލައިގައި ޕީޖީ އޮފީހުން ދައުވާ ކޮށްދިނުމަށް އެދިފައި ވަނީ، ޏ.ފުވައްމުލައް، މާދަޑު، އޮމާން، އަހުމަދު ނަޒުމީނުގެ މައްޗަށެވެ.

އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ މައްސަލައެއް ފެންމަތިވުމާއެކު ނަޒުމީނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މިދިޔަ ސެޕްޓެމްބަރު 16 ވަނަ ދުވަހުއެވެ.

ފުލުހުން ބުނީ އޭނާގެ ބަންދަށް ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހުކުމް ކޮށްފައިވާ ކަމަށެވެ.

މި މައްސަލާގައި ތުހުމަތުކުރެވޭ ނަޒުމީނު ކުށުގެ އަމަލު ހިންގިއިރު ހުރީ ދިވެހި ފުލުހުންގެ ވަޒީފާގައެވެ.

ނަމަވެސް އެ މައްސަލައިގައި ނަޒުމީނު ވަނީ މަގާމުން ސަސްޕެންޓް ކޮށްފައެވެ. އެނާއަކީ އައްޑޫސިޓީގެ ފޮރެންސިިކް ޑިޕާޓްމެންޓުގައި މަސައްކަތް ކުރަމުން އައި ފުލުހެކެވެ.

ފުލުހުންގެ ހިއުމަން ރިސޯސް ޑިވިލޮޕްމަންޓްގެ ވެރިޔާ، ސްޕްރިންޑެންޓް އޮފް ޕޮލިސް އަހުމަދު މުސްލިމް ސޮއިކުރައްވާފައިވާ އެންގުމެއްގައި ވާގޮތުން އޭނާ ސަސްޕެންޑް ކޮށްފައިވަނީ މުސާރަ ނުލިބޭ ގޮތަށެވެ.

އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަ އަކީ، ކުޑަކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ.

އެ ދައުވާ ކުރުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ ހޯމަ ދުވަހު ކަމަށް ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓާ އަހުމަދު ޝަފީއު ވިދާޅުވިއެވެ.

comment ކޮމެންޓް