ފޯނޭޝަންސް ކަޕް ޝަރަފްވެރި ކޮށްދެއްވުމަށްފަހު، ރައީސް ރާއްޖެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިރޭ ރާޢްޖެ ވަޑައިގަތުން -- ފޮޓޯ/ ރައީސް އޮފީސް

އަވަށްޓެރި ސްރީލަންކާގައި މިއަދު ފެށި "މަހިންދަ ރާޖަޕަކްސަ ޓްރޮފީ ކަޕް 2021" ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ، މިރޭ ރާއްޖެ ވަޑައިގެންފިއެވެ.

ފޯނޭޝަންސް ކަޕް ޝަރަފް ވެރިކޮށްދެއްވުމަށް ޓަކައި ރައީސް ސްރީލަންކާއަށް މި ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވެސް ބައިވެރިވެވަޑައިގަތެވެ.

ރައީސްއާއެކު އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވެސް މިރޭ ވަނީ ރާއްޖެ ވަޑައިގެންފައެވެ.

ރާއްޖެއާ ސްރީލަންކާ، ބަންގްލަދޭޝް އަދި ސީޝެލްސް ހިމެނޭގޮތަށް ފެށި މި މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ ރާއްޖެއާ ސްރީލަންކާގެ ޓީމެވެ.

މި ދަތުރުފުޅުގައި ރައީސްގެ ޝަރަފުގައި ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ، ދެއްވި ރަސްމީ ޖާފަތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރައީސް ވަނީ ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާ ބައްދަލުކުރައްވާ ދެގައުމުން އިސްކަންދޭ މުހިންމު މައުޟޫއުތަކުގައި ހިޔާލު ބަދަލުކޮށްލައްވާފައެވެ.

މީގެ އިތުރުން ރައީސް ވަނީ ސްރީލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސައާ ބައްދަލުކުރައްވައި ދެ ގައުމުން އިސްކަންދޭ މުހިންމު މައުޟޫއުތަކަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކުރިޔަށް އޮތް އަހަރުތަކުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސްރީލަންކާއަށް ކުރެއްވި ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

comment ކޮމެންޓް