ސިވިލް ސާވަންޓުންގެ މަސައްކަތް އަށް ގަޑިއިރަށް ބަދަލުކުރުމަށް މަޝްވަރާ ކުރާނަން: ފައްޔާޒް

މިނިމަމް ވޭޖް ކަނޑައެޅުމަށް ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ކުރިއަށް އޮތް ތަނުގައި ސިވިލް ސާވަންޓުން މަސައްކަތް ކުރާ ވަގުތު އަށް ގަޑިއިރަށް ބަދަލު ކުރުމަށް ވިސްނައި، މަޝްވަރާ ކުރަން ޖެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް މިނިމަމް ވޭޖް ކަނޑައެޅުމަށް މިއަދު ބޭއްވި ހަފްލާގައި ފައްޔާޒް ވިދާޅުވީ މިނިމަމް ވޭޖް ބޯޑުގެ ފަރާތުންވެސް ސިވިލް ސާވިސްގެ މުވައްޒަފުން މަސައްކަތް ކުރާ ގަޑި އިތުރު ކުރުމަށް ލަފާ ދީފައިވާ ކަމަށެވެ.

"ވަރަށް ބޮޑު ޑިސްޕެރިޓީއެއް އެބަ އޮތް ޕްރައިވެޓް ސެކްޓާއަށް. އެގޮތުން އަދި ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ދިނުން ރަނގަޅު ކުރުމަށް މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން ރިކޮމެންޑޭޝަނެއް އެބަ އޮތް ޕްރައިވެޓް ސެކްޓާއާ އެއްގޮތަށް އަށް ގަޑިއިރަށް އިތުރު ކުރުވަން،" ފައްޔާޒް ވިދާޅުވިއެވެ.

މިނިމަމް ވޭޖް ކަނޑައެޅުމުގެ ކުރިން ސިވިލް ސާވިސް މުވައްޒަފަކަށް އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި ލިބެމުންދަނީ 5،300 ރުފިޔާއެވެ. ނަމަވެސް މިނިމަމް ވޭޖް ކަނޑައެޅުމުން 2،000 ރުފިޔާގެ އިތުރުވުމަކާއެކު އެންމެ ދަށް މުސާރައެއްގެ ގޮތުގައި މުވައްޒަފުންނަށް ލިބޭނީ 7،000 ރުފިޔާއެވެ.

މީގެ އިތުރުން، ޕްރައިވެޓް ސެކްޓާ ކުދި ފަންތީގެ ވިޔަފާރިތަކަށް މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅާފައި ވަނީ ގަޑިއިރަކަށް 21 ރުފިޔާއެވެ. އެއީ މަހެއްގެ މައްޗަށް ނަމަ ގާތްގަނޑަކަށް 5000 ރުފިޔާއެވެ.

ޕްރައިވެޓް ސެކްޓާގައި މެދު ފަންތީގެ ވިޔަފާރިތަކަށް ކަނޑައަޅައިފައިވަނީ ގަޑިއިރަކަށް 33.65 ރުފިޔާއެވެ. އެ އަދަދު ކަނޑައަޅައިފައިވަނީ ބޯޑުން ލަފާ ދިން އަދަދުތަކަަށް އެއްވެސް ބަދަލެއް ނުގެނެހެވެ.

https://sun.mv/158752

އެ ހަފްލާގައި ފައްޔާޒް އިތުރަށް ވިދާޅުވީ މިނިމަމް ވޭޖް ކަނޑައެޅުމާ ގުޅިގެން ވަޒީފާ އަދާކުރާ މީހުންނަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

comment ކޮމެންޓް