18 އަހަރުގައި ގައުމީ ޓީމަށް: ޔޫސުފް ބުނީ މިއީ އަދި ފެށުމެއް ކަމަށް!

ޔޫސުފް ގައުމީ ޓީމުގެ ޕްރެކްޓިހުގައި --- ފޮޓޯ/އެފްއޭއެމް

ޓީމެއް މެޗަކުން ކުރި ހޯދުމުގައި ކީޕަރުންގެ ދައުރު އިންތިހާއަށް ބޮޑުވާ އިރު، ރާއްޖޭގެ ކީޕަރުންނަށް އޮތް ފުރުސަތު މަދުވާ ވާހަކަ އަކީ އަބަދުވަސް ދެކެވޭ ވާހަކައެކެވެ. ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް ބަލައިލި ކަމުގައި ވިޔަސް އެންމެ ގިނައީ ބިދޭސީ ކީޕަރުންނެވެ.

އެހެން ނަމަވެސް އެ އާދަ ކަނޑުވާލަން ދިވެހި ފުޓުބޯޅަ އެސޯސިއޭޝަނުންނާއި، ފުޓުބޯޅައިގެ ތެރޭގައި ޝާމިލްވާ އިސްފަރާތްތަކުން މިހާރު އަންނަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ އެންމެ ބޮޑު އެއް ނަތީޖާއަކީ ގައުމީ ޓީމުގައި މިވަގުތު ހުރި އެންމެ 18 އަހަރުގެ ކީޕަރެވެ.

މިއަދު ފަށާ މަހިންދުރަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕަށް އެކުލަވާލި ފައިނަލް ސްކޮޑުން ޒުވާން ކީޕަރު ޔޫސުފް މީސަމް އަބްދުﷲ ޖާގަ ހޯދުމަކީ ރާއްޖޭގައި އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް ލިބުނު ހިތްވަރެކެވެ. ކީޕަރަކަށް ކުޅުމަކީ ފަސޭހައިން ގައުމީ ޓީމުން ޖާގަ ނުލިބޭނެ ކަމެއް ކަމަށް ހީވެފައި އޮތް ހީވުން މިހާރު ފަނޑުވަމުން އަންނަ އިރު، ނިމިދިޔަ ސާފް ޗެމްޕިއަންޝިޕުގައި ސްރީލަންކާއާ ދެކޮޅަށް ކުޅުނު މެޗުގައި މުހައްމަދު ޝަފީއު (ޗެކް) ވަނީ ފުރަތަމަ ފަހަރަށް ގައުމީ މެޗެއް ކުޅެފައެވެ.

ޔޫސުފްއާއެކު ސީނިއާ ޓީމުގެ ކީޕަރުން ގައުމީ ޓީމުގެ ޕްރެކްޓިހުގައި --- ފޮޓޯ/އެފްއޭއެމް

ގައުމީ 19 އަހަރުން ދަށުގެ ޓީމުގެ ކީޕަރު ޔޫސުފް ވަނީ ދާދި ފަހުން ގައުމީ ޓީމުން ކުޅުނު ދެ އެގްސިބިޝަން މެޗުގައި ކުޅެފައެވެ. އެއީ ހދ. ކުޅުދުއްފުށީ ޒިގްޒެގް ސްޓޭޑިއަމް ހުޅުވަން އެ ރަށު ޓީމަކާ ދެކޮޅަށް ގައުމީ ޓީމު ކުޅުނު މެޗާއި މުހައްމަދު މޫސާ (އުއްޗު)ގެ ދައުވަތަކަށް ޅ. ކުރެއްދޫ ރިސޯޓްގައި އެ ތަނުގެ ޓީމާ ދެކޮޅަށް ކުޅުނު މެޗުގައެވެ.

އެ ދެ މެޗުގައި ވެސް ޔޫސުފް، 18، ކުޅެން އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. އެހެން ނަމަވެސް ޔޫސުފް ބުނީ އެ މެޗުތަކާއެކު ލިބުނީ ވަރަށް ބޮޑު ހިތްވަރެއް ކަމަށާއި، ރާއްޖޭގައި އުފެދުނު އެންމެ މޮޅެތި ކުޅުންތެރިން ހިމެނޭ ޓީމެއްގައި، އެކުޅުންތެރިންނާއެކު ގައުމު ތަމްސީލް ކުރަން ލިބުމަކީ އެކަމުން ލިބުނު އެންމެ ބޮޑު އުފާ ކަމަށެވެ.

"ވަރަށް އުފާވެރި އިހުސާސްތަކެއް ވަނީ. ކުޑައިރުއްސުރެއް ދެކެމުން ދިޔަ ހުވަފެނެއް މި ހަގީގަތަކަށް ވަމުން ދަނީ. މިއީ ފުޓުބޯޅަ ކެރިއަރުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ފުރުސަތު އަދި އެންމެ ބޮޑު މޯޓިވޭޝަން،" ޔޫސުފް ބުންޏެވެ.

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ކުޅެމުން އަންނަ ޔޫސުފް ވަނީ އުމުރުފުރާ ގައުމީ ޓީމުތަކާ އެކު ސާފް ސަރަހައްދުގެ މުބާރާތްތަކުގައި ވާދަކޮށްފައެވެ. އަދި ޒުވާން ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ވެސް ސަރަހައްދުގެ މުބާރާތްތަކުގެ މެޗުތަކުގައި ކުޅެފައިވެއެވެ.

"މިއީ އަދި ފެށުމެއް. ކުރިއަށް އޮތްތާގައި އަޅުގަނޑުގެ އުންމީދަކީ ގައުމީ ޓީމުގެ ސްޓާޓިންގް ކީޕަރުގެ މަގާމަށް އައިސް، ގައުމަށް ގިނަ ވަނަތަކެއް ހޯދާ ގައުމު ފަހުރުވެރިވާ ފަދަ ކުޅުމެއް ދެއްކުން،"

ޔޫސުފް ބުނީ އޭނާ ފުޓުބޯޅައިން ހޯދަމުން އަންނަ ކާމިޔާބީތަކުގައި އަބަދުވެސް އެންމެ ބޮޑު އެއްބާރުލުމެއް ދެމުން އަންނަނީ އޭނަގެ މައިންބަފައިންނާއި، ބޭބޭމެން އަދި ކޮއްކޮ ކަމަށެވެ. އަދި އޭނާގެ ގޯލްކީޕިންގްގެ ބިންގައި އަޅައިދީ، މި ދާއިރާއިން ޔޫސުފް ކުރިއަށް ދިއުމަށް މަގު ކޮށައިދިނީ އެމްއެސްއެމް އެކެޑަމީއިން ކަމަށް އޭނާ ބުންޏެވެ.

މިދިޔަ މަހު 1-16 އަށް މާލޭގައި ބޭއްވި އުރީދޫ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ނެގި ފައިނަލް ސްކޮޑަށް ބަލާއިރު، ފޯ ނޭޝަންސް ކަޕްގެ ފައިނަލް ސްކޮޑަށް އައިސްފައިވަނީ ދެ ބަދަލެކެވެ.

އެއީ އަނިޔާގެ ސަބަބުން ގައުމީ ޓީމާ ވަކިވާން ޖެހުނު އެއް ވަނަ ކީޕަރު މުހައްމަދު ފައިސަލް އާއި އާއިލީ ސަބަބެއްގައި ޓީމާ ދުުރުގައި މި ވަގުތު ހުރި ފުލްބެކް މޫސާ ޔާމީން (ޔާމްބެ)ގެ ބަދަލުގައި ކީޕަރު ޔޫސުފާއި ޔަސްފާދު ހަބީބު (މުލަކޭ)ހިމެނުމެވެ.

comment ކޮމެންޓް