މިނިމަމް ވޭޖަށް ރިސޯޓު މުވައްޒަފުން ކުރަމުންދިޔަ އުއްމީދު ފެނަށް!

ރިސޯޓެއްގައި މުވައްޒަފަކު މަސައްކަތް ކުރަނީ --

ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު މި ސަރުކާރުން ވީ އެންމެ ބޮޑު ވައުދަކީ މިނިމަމް ވޭޖު ކަނޑައެޅުމެވެ. އެއީ 2018ވަނަ އަހަރުން ފަށައިގެން މި ސަރުކާރުން ދައްކަމުން އައި ވާހަކައެކެވެ. އެއާއެކު ހުރިހާ ދާއިރާއެއްގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުންނަށް ކޮންމެވެސް ވަރެއްގެ އުއްމީދެއް ލިބުނެވެ.

މިނިމަމް ވޭޖަށް ދިގު އިންތިޒާރެއް ކުރަމުން އައި އެއް ބަޔަކީ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ. ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ އެ މުވައްޒަފުން ތިބީ މިނިމަމް ވޭޖު ކަނޑަައަޅާނޭ ދުވަހަކަށް ކެތްމަދުވެފައެވެ.

މިއަދު އެ އިންތިޒާރަށް ނިމުން އައިސްފައިވާއިރު ރިސޯޓުތަކުގެ މުވައްޒަފުންނަށް ލިބުނީ އިތުރު ކަންބޮޑުވުމެކެވެ. ބޮޑު ނުތަނަވަސްކަމެކެވެ. ސަބަބަކީ މިނިމަމް ވޭޖު ބޯޑުން ސަރުކާރަށް ލަފާދިން އަދަދަށްވުރެ، ސަރުކާރުން ކަނޑައެޅި އަދަދު ކުޑަވުމެވެ.

މިނިމަމް ވޭޖު ބޯޑުން، ބޮޑެތި ވިޔަފާރިތަކަށް ކަނޑައަޅަން ސަރުކާރަށް ލަފާދިނީ ގަޑިއިރަކަށް 42.72އެވެ. އެއީ މަހަކު 8900 ރުފިޔާއެވެ.

އެހެން ނަމަވެސް މިއަދު ސަރުކާރުން މިނިމަމް ވޭޖު ކަނޑައެޅިއިރު އެ އަދަދު ވަނީ ކުޑަކޮށްފައެވެ. ސަރުކާރުން ކަނޑައެޅި އަދަދަކީ ގަޑިއިރަކަށް 38.90 ރުފިޔާއެވެ. އެއީ މަހެއްގެ މައްޗަށް 8000 ރުފިޔާއެވެ.

މި އަދަދާއެކު ސޯޝަލް މީޑިއާގައި ރިސޯޓު މުވައްޒަފުން މިހާރު ވެސް އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ. އަދި މިއީ ރިސޯޓު މުވައްޒަފުންނަށް ހައްގު މިންވަރު ނޫން ކަމަށާއި މިކަމާ ދެކޮޅަށް ތެދުވާނެ ކަމަށް އެ މުވައްޒަފުން ދަނީ ބުނަމުންނެވެ.

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް)އާއި ޓުއަރިޒަމް މިނިސްޓްރީ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންނާ ބެހޭގޮތުން ނެރެފައިވާ އެމްޕްލޯއީ ސާވޭ 2020ގައި ވާ ގޮތުގައި މިދިޔަ އަހަރު ފެށުނުއިރު މި ދައިރާގައި 48،664 މީހަކު މަސައްކަތް ކުރެއެވެ.

ކޮވިޑާ ގުޅިގެން އެ އަދަދުތަކަށް ބޮޑު ބަދަލެއް އައެވެ. އެގޮތުން، 2020ވަނަ އަހަރު ނިމުނުއިރު، ރިސޯޓުތަކުގައި ވަޒީފާ އަދާ ކުރާކަމަށް ރަސްމީކޮށް ދައްކަނީ 35،887 މީހުންނެވެ. މިއީ މި ސިނާއަތުގައި މަސައްކަތްކުރާ ދިވެހިންނާއި ބިދޭސީންނާ އެކުވެގެން ހޯދައިފައިވާ ޖުމްލަ އަދަދެކެވެ.

ރިސޯޓު މުވައްޒަފުންތަކެއް --

މުސާރަ ކުޑަވުމުގެ މައްސަލައަކީ އިއްޔެއަކު މިއަދަކު ރިސޯޓު މުވައްޒަފުން ކުރަން ފެށި ޝަކުވާއެއް ނޫނެވެ. އެއީ އަބަދުވެސް އެ މުވައްޒަފުން ދައްކަމުން އަންނަ ވާހަކައެކެވެ.

މުސާރަ ކުޑަވުމަކީ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އެގޮތުން، އެންބީއެސްގެ ސާވޭ ރިޕޯޓުގައި ވާ ގޮތުން ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެވްރޭޖް ގޮތެއްގައި އަސާސީ މުސާރައިގެ ގޮތުގައި ލިބެނީ، 300 ޑޮލަރާއި 499 ޑޮލަރާއި ދެމެދުގެ އަދަދެކެވެ. އެއީ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން 53 އިންސައްތަ މުވައްޒަފުންނެވެ.

އެ ސާވޭގައި ވާ ގޮތުން 17 އިންސައްތަ މުވައްޒަފުންނަށް އަސާސީ މުސާރައިގެ ގޮތުގައި ލިބެނީ 300 ޑޮލަރަށްވުރެ މަދުންނެވެ.

މި ތަފާސް ހިސާބުތަކަށް ބެލުމަށްފަހު، 70 އިންސައްތަ ރިސޯޓު މުވައްޒަފުންނަށް މިނިމަމް ވޭޖާއެކު ފައިދާވާނެ ކަމަށް ގިނަ ބަޔަކު ލަފާކުރިއެވެ. އަދި އެކަމާ ރިސޯޓު މުވައްޒަފުން ވެސް ތިބީ ނުހަނު އުފަލުންނެވެ. މިނިމަމް ވޭޖު ކަނޑައަޅާނެ ދުވަހަކަށް އިންތިޒާރު ކޮށްގެންނެވެ.

މިއަދު އިއުލާން ކުރެވުނު މިނިމަމްވޭޖާ ގުޅޭ ގޮތުން ޓުއަރިޒަމް އެމްޕްލޯއިމަންޓް އެސޯސިއޭޝަންގެ ރައީސް މައުރޫފް ޒާކިރު "ސަން"އަށް ވިދާޅުވީ މިއީ ރިސޯޓު މުވައްޒަފުންނަށް ހައްގު މިންވަރު ނޫން ކަމަށެެވެ. އަދި މިއީ ރިސޯޓު މުވައްޒަފުން އުއްމީދު ކުރި އަދަދު ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ އެސޯސިއޭޝަނުން ވަނީ މިއަދު މިނިމަމް ވޭޖު ކަނޑައެޅުމަށް އިކޮނޮމިކް މިނިސްޓްރީން ބޭއްވި ރަސްމިއްޔާތު ބޮއިކޮޓް ކޮށްފައެވެ.

"މިކަމާ ދެކޮޅަށް ކުރެވެން ހުރި ހުރިހާ ކަމެއް ރިސޯޓު މުވައްޒަފުން ކުރާނެ. މަސައްކަތްތެރިންނަށް ލަނޑެއް ދިނީ ކަމަށް ބެލެވެނީ،" މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ މިނިމަމް ވޭޖު ބޯޑުން ކަނޑައަޅައިފައި އޮތް އަދަދަކީ ދިރާސާކޮށްގެން، ކަނޑައަޅައިފައިވާ އެންމެ ރަނގަޅު އަދަދު ކަމަށެވެ. އަދި އެ އަދަދުން ރިސޯޓުތަކުގެ ވެރިންނަށް ގެއްލުން ނުވާނެ ކަމަށާއި ރިސޯޓު މުވައްޒަފުންނަށް ޒަރޫރީ ބޭނުންތައް ފުއްދައިގެން އުޅެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެ އަދަދު ބޯޑުން ނިންމީ ދިރާސާގެ މައްޗަށް ބޭސްކޮށްފަ. އެއީ ދެވޭނެ އަދަދެކޭ. ސަރުކާރުން އެ އަދަދު ކުޑަކުރަން ޖެހޭ އެއްވެސް ސަބަބެއް ނުވިސްނޭ،" އޭނާ ވިދާޅުވިއެވެ.

މިނިމަމް ވޭޖާ ގުޅިގެން ރިސޯޓް ވޯކާސް މޯލްޑިވްސް އިން ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ 10،000 ރުފިޔާ ދޭން ވައުދުވެ އައި މިސަރުކާރަށް ބޯޑުން ކަނޑައެޅި އަދަދު ދޭން ނުކެރުމަކީ ވަރަށް ފިނޑި ނިންމުމެއް ކަމަށެވެ.

މިނިމަމް ވޭޖަށް ކެތްތެރިކަމާއެކު އިންތިޒާރު ކުރަމުންދިޔަ ރިސޯޓު މުވައްޒަފުންގެ އުއްމީދުތައް ވެއްޔާ މޮޑެވިއްޖެއެެވެ. އެ މުވައްޒަފުން ދުށް ހުވަފެންތައް ހަގީގަތަކަށް ނުވެ ވަނީ ފެނަށް ގޮސްފައެވެ.

comment ކޮމެންޓް