މިނިމަމް ވޭޖު ބޯޑުން ލަފާ ދިން އަދަދުތައް ރަނގަޅު، އެ އަދަދުތައް ކަނޑަނޭޅުނީ ކޮވިޑްގެ ސަބަބުން: ފައްޔާޒް

މިނިމަމް ވޭޖު ކަނޑައެޅުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ފައްޔާޒް ވާހަކަދައްކަވަނީ-- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މިނިމަމް ވޭޖު ބޯޑުން އިކޮނޮމިކް މިނިސްޓްރީއަށް ފޮނުވި އަދަދުތަކަކީ ރަނގަޅު އަދަދުތަކެއް ނަމަވެސް އެ އަދަދުތައް ކަނޑައެޅެން ނެތީ ކޮވިޑް-19ގެ ސަބަބުން އިގްތިސޯދު އޮތް ހާލަތުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ރަސްމިއްޔާތުގައި މިނިސްޓަރު ފައްޔާޒް ވަނީ މިނިމަމް ވޭޖު ކަނޑައަޅައި، ގަރާރުގައި ސޮއިކުރައްވައިފައެވެ.

އިކޮނޮމިކް މިނިސްޓްރީން މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅައިފައިވަނީ ޕްރައިވެޓް ސެކްޓާ ކުދި ފަންތީގެ ވިޔަފާރިތަކަށް ގަޑިއިރަކަށް 21 ރުފިޔާއެވެ. އެއީ މަހެއްގެ މައްޗަށް ނަމަ ގާތްގަނޑަކަށް 5000 ރުފިޔާއެވެ.

ޕްރައިވެޓް ސެކްޓާގައި މެދު ފަންތީގެ ވިޔަފާރިތަކަށް ކަނޑައަޅައިފައިވަނީ ގަޑިއިރަކަށް 33.65 ރުފިޔާއެވެ. އެ އަދަދު ކަނޑައަޅައިފައިވަނީ ބޯޑުން ލަފާ ދިން އަދަދުތަކަަށް އެއްވެސް ބަދަލެއް ނުގެނެހެވެ.

ޕްރައިވެޓް ސެކްޓާގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރޭގައި ނުހިމެނޭ ބޮޑެތި ވިޔަފާރިތަމުގެ މިނިމަމް ވޭޖުގެ ގޮތުގައި ބޯޑުން ލަފާ ދިނީ ގަޑި އިރަކަށް 42.79 ރުފިޔާ ނަމަވެސް މިނިސްޓްރީން ކަނޑައަޅައިފައިވަނީ ގަޑިއިރަކަށް 38.90 ރުފިޔާއެވެ.

ޕަބްލިކް ސެކްޓަރަށް ކަނޑައަޅައިފައިވަނީ ބޯޑުން ދިން ލަފަޔާ އެއްގޮތަށް ހަ ގަޑިއިރު މަސައްކަތް ކުރާ މުވައްޒަފުންނަށް މަހަކު 7،000ރ. ނުވަތަ ހަ ގަޑިއިރަށް ވުރެ މަދުން މަސައްކަތް ކުރާ މުވައްޒަފުންނަށް ގަޑިއިރަކަށް 33.65 ރުފިޔާއެވެ.

ގަރާރުގައި ސޮއި ކުރެއްވުމަށް ފަހު، މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި ވަނީ މިނިމަމް ވޭޖެއް ކަނޑައެޅުމަށް ރާއްޖެއިން ކުރި ދަތުރުގެ ކުރު ތަފްސީލެއް ދެއްވަވައިފައެވެ.

މިނިސްޓަރު ފައްޔާޒް ވިދާޅުވީ މިނިމަމް ވޭޖެއް ކަނޑައެޅުމަކީ މީގެ 20 އަހަރު ކުރިން ކުރަން ޖެހޭ ކަމެއް ކަމަށާއި އެ ދުވަހު އަދަދުތަކެއް ކަނޑައެޅި ނަމަ މިއަދު މިނިމަމް ވޭޖު ކަނޑައެޅުމުގައި ކުރިމަތިވި ގޮންޖެހުންތަކާ ކުރިމަތި ނުވާނެ ކަމަށެވެ.

މިނިމަމް ވޭޖެއްގެ މަސައްކަތް އެންމެ ފުރަތަމަ ކުރެވެން ފެށުނީ 2012 ވަނަ އަހަރުގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެގޮތުން ވަޒީފާގެ ގާނޫނު ކަނޑައަޅައި، މިނިމަމް ވޭޖު އެންޑް ސެލެރީ ބޯޑުގެ ނަމުގައި ބޯޑެއް އެކުލަވާލައި އެ މަސައްކަތް ފެށުނު ކަން މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ ފަހުން ދެން އެ މަސައްކަތް އަލުން ފެށުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2019 ވަނަ އަހަރުގެ ތެރޭގައި ކަން ފާހަގަކުރައްވައި މިނިސްޓަރު ފައްޔާޒް ވިދާޅުވީ މިނިމަމް ވޭޖު ބޯޑު ކަނޑައަޅައި، ބައިނަލްއަގްވާމީ ޖަމިއްޔާތަކުގެ އެހީއާއެކު އަދަދުތަކެއް ކަނޑައެޅުނު ކަމަށެވެ.

ދެހާސް ނަވާރަ ވަނަ އަހަރުގެ ތެރޭގައި މިނިމަމް ވޭޖު ބޯޑުން މިނިސްޓްރީއަށް ލަފާ ދިނީ މިނިމަމް ވޭޖުގެ ގޮތުގައި 6،400 ރުފިޔާ ކަނޑައެޅުމަށެވެ.

އެ އަދަދު ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އޭރު އިގްތިސޯދު ބިނާ ވެފައި އޮތް ގޮތުންނަމަ އެންމެންނަށް އެއް އަދަދެއް ކަނޑައަޅައިފިނަމަ ގެއްލުންވާނެ ކަމަށެވެ.

އެއަށްފަހު ބަލަން ޖެހޭ ކަންކަން އިތުރަށް ބެލުމަށް ކުރި މަސަައްކަތަށް ފަހު އައު އަދަދުތައް ކަނޑައަޅައި، މިނިސްޓްރީއަށް ފޮނުވައިފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ބޯޑުން ފޮނުވި އަދަދުތައް މިވަގުތު ތަންފީޒު ކުރެވެން ނެތީ އިގްތިސޯދު އޮތް ހާލަތުގެ ސަބަބުން، ވިޔަފާރިތައް ބަނގުރޫޓުވެ، ވަޒީފާ އަދާ ކުރާ ފަރާތްތަކަށް ވެސް ގެއްލުންތަކެއް ވެދާނެ ކަމުގެ ބިރު އޮތުމުގެ ސަބަބުން ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ އިގްތިސޯދު 2019 ވަނަ އަހަރު އޮތް ހާލަތަށް ރުޖޫއަވާން ދެ އަހަރެއްހާ ދުވަސް ނަގާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

comment ކޮމެންޓް