މޫދާ ދޯޅަ ޝައްމާގެ ވަކިވުން ހިތްދަތި!

ކ.ގުރައިދޫގައި ގެނބިގެން މަރުވި ޝަމްމާ

"ނެގިއިރު އެއްވެސް ކަހަލަ ހަރަކާތެއް ނެތް. ކުއްޖާ އޮތީ ކުޑަވެފައި. ބަނޑު އޮތީ ލޮނު ބޮވިގެން ފުއްޕާފައި. ކޮނޑުމައްޗަށް ލުމާ އެކު ހުދު ކުލައިގެ ފޮނުތަކެއް އަނގައިން އައީ," މިއީ އިއްޔެ ކ. ގުރައިދޫއިން ގެއްލިގެން ހޯދަމުން ދިޔަ އެއް އަހަރާއި ދިހަ މަހުގެ ޝައްމާ އިބްރާހިމް މޫދުން ނެގި ސައިފުالله ސައީދަށް ފެނުނު މަންޒަރެވެ.

ގުރައިދޫގައި ވޯޓާ ސްޕޯޓްސްގައި ބޭސް ލީޑަރެއްގެ ގޮތުގައި ހަރަކާތްތެެރިވާ ސައިފް, އޭނާގެ ޕާޓުނަރާ އެކު ޖެޓްސްކީގައި ޝައްމާ ހޯދުމަށް ރަށުން ފުރީ 1:10 ހާއިރު އެވެ. މާގިނައިރުތަކެއް ނުވެ ފެންމަތީގައި ބަންޑުން ޝައްމާ އޮތްވާ ފެނުނެވެ.

"ކަނޑޫމާ ރިސޯޓާ ދިމާލަށް ރައިޓަށް ގޮސްފައި ލެފްޓަށް ދިޔައިރު އަޅުގަނޑަށް މި ފެނުނީ ލެގޫން އިންނަ ހުތް ވިނަގަނޑުން ނެއްޓި ލެގޫން ތެރެއިން," ހިތްދަތި އެ ވަގުތުކޮޅު ސިފަކޮށްދެމުން މަޑުމޮޅި ރާގެއްގައި ސައިފް ކިޔައިދިނެވެ.

ޟައްމާގެ ހަށިގަނޑު ފެނިފައިވަނީ ކަނޑުމާ ރިސޯޓް ކައިރީގައި އަޅާފައިވާ އެ ލޯންޗު ކައިރިން --- ފޮޓޯ: ސައިފް

އެއީ އޮއިބާރު ސަރަހައްދެކެވެ. ކަނޑޫމާ ރިސޯޓުގެ ދޯނިތައް ވެސް ދަތުރުކުރަނީ އެ މަގުންނެވެ. ނަމަވެސް އިއްޔެއަކީ އޮއިވަރު މަޑު ދުވަހެކެވެ. ސައިފް ބުނި ގޮތުން ނަމަ, އެހެން ދުވަސްތަކާ އެއްގޮތަށް އިއްޔެ އޮއިބާރު ނަމަ އެ ކުއްޖާ ކަނޑަށް ދަމައިގަތުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

"އާންމުކޮށް އިންސާނެއް ލޮނުގަނޑުގެ މައްޗަށް އަރާފައި އޮންނާނީ 11 ވަރަކަށް ސިކުންތު. ދެން އަޑިއަށް ދާނީ. އެ ލިބުނު ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި އަޅުގަނޑުމެންނަށް އެކުއްޖާ މި ފެނުނީ," ސައިފް ކިޔައިދިނެވެ.

ޝައްމާގެ ހަށިގަނޑު ފެނުނު ސަރަހައްދު ---

ކުއްޖާ ފެނުމާއެކު, ބޭއިހްތިޔާރުގައި މަގޭ ދަރިފުޅާއޭ ގޮވައި ސައިފް ފުންމާލީ މޫދަށެވެ. ވަގުތުން ނަގައި ފަސްޓްއެއިޑް ދިނެވެ. ނަމަވެސް އޭރު އޮތީ ވަގުތު ފާއިތުވެފައެވެ.

ޝައްމަ ނަގައި އުނގަށްލައިގެން ސައިފް ފަސްޓް އެއިޑް ދިނުމަށް ފަހު، ބާރު ސްޕީޑްގައި ޖެޓްސްކީގެ މިސްރާބު އަނބުރާލީ ރަށާ ދިމާލަށެވެ. އެ ދެމެދުގައި ހުންނާނީ ގާތްގަނޑަކަށް 200 އެއްހާ ފޫޓު ކަމަށް ސައިފް ލަފާކުރިއެވެ.

އެހެންކަމުން ތިން މިނިޓުވެސް ނުވަނީސް ޝައްމާ ގޮވައިގެން އެމީހުން އެއްގަމަށް އެރިއެވެ.

އެއަށް ފަހު އެކުއްޖާ ވަގުތުން ގެންދިޔައީ ސިއްހީ މަރުކަޒަށެވެ. ނަމަވެސް މަރުކަޒުން ބުނީ ޝައްމާ ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ.

ކޮންމެ ދުވަހަކު ވެސް އަތިރިމަތިން ޝައްމާއާ ދިމާވޭ!

ސައިފް ބުނި ގޮތުގައި، ވޯޓާ ސްޕޯޓްސް ހުޅުވުމަށް ހެނދުނު ހަތެއް، އަށެއް ޖާހާލާއިރު އެ ސަރަހައްދަށް ދާއިރު އަބަދުވެސް ޝައްމާއާ ދިމާވެއެވެ.

"އިއްޔެ ހެނދުނު އަށެއް ޖެހިއިރު ދިޔައިރު ވެސް އެ ކުއްޖާ އުޅުނު. ފެނުމާއެކު ގޮވާ ވެސްލި. އަޅުގަނޑު ދެން އެހެން ކަމެއްގެ ދިޔައީ. ޕާޓްނަރު އުޅުނު އެ ކުއްޖާ އުރައިގެން ވެސް," ސައިފް ކިޔައިދިނެވެ.

ޝައްމާ ދިރިއުޅުނު ގެ ----

ޝައްމާގެ މަންމައާއި ބައްޕައަށް އެހެން ކައިވެނިތަކުން ދަރިން ލިބިފައި ހުރި ނަމަވެސް ޝައްމާއަކީ އެ ދެމަފިރިންގެ އަލަތު ދަރިފުޅެވެ.

އެންމެންނާ ވެސް ގުޅޭ ޝައްމާ، އެ ސަރަހައްދުގައި އުޅޭ އެހެން ކުދިންނާ އެއްކޮށް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ވޯޓާ ސްޕޯޓްސް ބީޗް އޭރިއާގައި ކުޅެ މަޖާކޮށް ހަދައެވެ.

ކުރިމަތީގައި އޮތީ މާސިންގާ ކަނޑާ ގުޅިފައިވާ މޫދެވެ. ނުރައްކަލެއްގެ ތަސްވީރު މީގެ ކުރިން ވެސް ސައިފްގެ ހިތުގެ ތެރޭގައި އޮތީ ކުރެހިފައެވެ. އެކަން ކުދިންގެ އާއިލާތަކުގެ ސަމާލުކަމަށް ވެސް އޭނާ ގެނައެވެ.

"އަޅުގަނޑު ކިތަންމެ ދުވަހަކު ހުންނާނެ އެ ކުދިން [އެ ސަރަހައްދުގައި އުޅޭ ކުދިން] ގެ ބޭބެމެން ދައްތަމެން ޕޭރުންޓުން ކައިރީގައި ބުނެފައި އެއޮއް ދަނީއޭ ކޮއްކަ ފައިބައިގެން މޫދަށް. އެއްގަމަށް އަރުވާށޭ," ސައިފް ކިޔައިދިނެވެ.

މޫދު ބެލުނީ މާ ލަހުން!

ޝައްމާ ދިރިއުޅުނު ގެ ހުންނަނީ ބީޗު ސަރަހައްދުގައެވެ. ނަމަވެސް އެ ސަރަހައްދު މިހާރު އޮންނަނީ ހިއްކާފައެވެ. އެ ގެއިން ނިކުމެގެން ދެ ތިން މިނިޓު ތެރޭގައި އެވަރުގެ ކުއްޖަކަށް ދުވެލާފައި މޫދާ ހަމައަށް ދެވޭނެއެވެ.

ކުއްޖާ ގެއްލިގެން ހޯދަމުންދިޔައިރު އާއިލާގެ ބައެއް މީހުން ބުނަމުން ދިޔައީ އެއީ އެހާ މޫދާ ދޯޅަ ކުއްޖެއް ނޫން ކަމަށެވެ. އެކަމަށް ބުރަވެ ގިނަ މީހުންގެ ފޯކަސް ހުރީ ރަށު ތެރެއަށެވެ. ގަދަވެ ސަލާމަތުން ހުއްޓާ ޝައްމާ ފެންނާނެ ކަމަށް އުންމީދު ކުރެވުނެވެ.

ޝައްމާ ދިރިއުޅުނު ގެއޭ ދިމާލުން އަތިރިމަތި ----

ނަމަވެސް ރަށު ތެރެއިން ކުއްޖާ ނުފެނެމުން ފޯކަސް މޫދަށް އަނބުރާލިއެވެ.

"ގާތްގަޑަކަށް 12:30 ހާއިރު ޕޭރުންޓުން އައިސް މި އެހީ އެ ކުއްޖާ ދެކުނިން ހޭ ގެއްލިގެންނޭ މިއުޅެނީ," ސައިފު ބުންޏެވެ.

އޭރުވެސް އެ މީހުން ބުނަމުން ދިޔައީ ކުއްޖާ މޫދަށް ނުދާ ކަމަށެވެ. ނަމަވެސް އެ ސަރަހައްދުގެ އާޖު ފާޖު ރަނގަޅަށް އެނގޭ ސައިފް ދިޔައީ މޫދަށެވެ. އުންމީދަކާ އެކު އެވެ. ކޮންމެ ދުވަހަކުހެން ހެނދުނު އެންމެ ފުރަތަމަ ބައްދަލުވާ ޝައްމާ ހެޔޮހާލުގައި ފެންނާނެ ކަމަށެވެ. ނަމަވެސް އޭރު އޮތީ މާބޮޑަށް ވަގުތު ފާއިތުވެފައެވެ.

comment ކޮމެންޓް