ހޯމަ ދުވަހު މިނިމަމް ވޭޖު ކަނޑައަޅާނެ، ހެޔޮ ބަދަލުތަކެއް ފެނިގެންދާނެ: ފައްޔާޒް

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް---

އަންނަ ހޯމަ ދުވަހު މިނިމަން ވޭޖު ކަނޑައެޅުމާއެކު ހެޔޮ ބަދަލުތަކެއް ފެނިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިނިމަމް ވޭޖު ބޯޑުން މިނިމަމް ވޭޖުގެ ގޮތުގައި ދޭނެ އަދަދުތަކެއް ކަނޑައަޅައި އިކޮނޮމިކް މިނިސްޓްރީއަށް ފޮނުވައިފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހުއެވެ.

މިނިސްޓަރު ފައްޔާޒް "ސަން" އަށް ވިދާޅުވީ މި މަހުގެ އަށް ވަނަ ދުވަހު މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅައިފައިވަނީ އަދަދުތައް ހާމަކުރާނެ ކަމަށެވެ. އަދި މިނިމަމް ވޭޖުގައި ރާއްޖޭގެ ވަޒީފާ އަދާ ކުރާ އެންމެން ހެން ހިމެނިގެންދާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

މިނިމަމް ވޭޖަށް އަމަލުކުރަން ފެށުމުން އިގްތިސޯދަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަތުވެގެން ދާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

"އާދައިގެ ކަމެއް ނޫން އަޅުގަނޑު ދެކޭ ގޮތުގައި މިއީ. މުޅި އިގްތިސޯދަށް ވަރަށް ބޮޑެތި ބަދަލުތަކެއް މިކަމުގެ ސަބަބުން އަންނާނެ. އެހެންވެގެން އަޅުގަނޑުމެންނަށް ވަރަށް ފައިން ބެލެންސެއް އިން ކަމެއް މި ކަމަކީ. އަޅުގަނޑު އަބަދު ވެސް ދަންނަވާހެން އޭގަ ނުބައި ނިންމުމެއް ނިންމައިފިނަމަ އެކަމުގެ ނުބައި އަސަރު ކުރޭ،" ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ އަދަދުތައް ކަނޑައަޅައިފައިވަނީ ވަޒީފާ ދޭ ފަރާތާއި އަދާ ކުރާ ފަރާތުގެ ހައްގުތަކަށް ވެސް ބެލުމަށް ފަހުގައި ކަމަށާއި ވަޒީފާ އަދާކުރާ މީހުންނަށް ހެޔޮ ބަދަލުތަކެއް އަތުވެގެންދާނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރަނީ އޭގެ ސަބަބުން އިގްތިސޯދު ވެސް ވިޔަފާރި ވެސް ރަނގަޅުވެގެންދާނެ ކަމަށް. އޭގެ މާނައަކީ ދިވެހިން ވަޒީފާ އަދާކުރުމުގައި އަބަދު ވެސް ދައްކާ ޑިސިޕްލިން ނެތް ވާހަކަ. އެހެންވީމަ ރަނގަޅު އުޖޫރައެއް ލިބެންޏާ ޗޭންޖަސް އަންނާނެ. ޑިސިޕްލިން އައުމަށް މަޖުބޫރު ވެސް ވާނެ." ފައްޔާޒް ވިދާޅުވިއެވެ.

ޖެނުއަރީ މަހުން ފެށިގެން މި ބަދަލު އިމްޕްލިމެންޓް ވެގެންދާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

މިނިމަމް ވޭޖް ބޯޑުން ވޭޖު ކަނޑައަޅާފައިވަނީ މައިގަނޑު ހަތަރު ދާއިރާއަކަށް ހާއްސަކޮށްގެންނެވެ.

comment ކޮމެންޓް